ދަރިން ބެލުމަކީ ބުރަކަމެކެވެ

article-2606443-1D218A1A00000578-932_634x538.jpg

ދަރިން ބަލައި ބޮޑުކުރުމަކީ ކޮންމެ މަޔަކާއި ބަފަޔެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ދަރިން ބެލެހެއްޓުމަކީ ކުޅިފަސްގަނޑެއް ކަހަލަ ކަމެކެވެ. އޭގައި އެތަކެއް ކަންތައްތަކެއް ހިގާ އެތައް މަރުހަލާއެއް ކަނޑަތުވާ ކަމެކެވެ. ކޮންމެ މަޔަކާއި ބަފަޔަކުމެ އެމީހުންގެ ދަރިން ރަގަޅުގޮތުގައި ބޮޑުވެ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދަން ބޭނުންވާނެއެވެ. އަދި އެފަދަ ގޮތުގައި ދަރިޔަކު ބަލައި ބޮޑު ކުރެވޭ ހިނދު ބަޔާން ކޮށްދޭން ނޭގޭވަރުގެ އުފަލެއް ލިބިގެންދެއެވެ.

ދަރިން ބަލައިބޮޑުކުރުމަށް ޑިގްރީއެއް ނުވަތަ ސެޓްފިކެޓެއް ހޯދާކަން ނުޖެހެއެވެ. އެފަދަ ޑިގްރީދޭ ޔުނިވާސިޓީތަކެއް ނުހުރެއެވެ. އެއީ ހަޔާތަށް އަންނަ ތަމްރީނެއް ފަދަ ކަމެކެވެ. އެތަމްރީނުގައި އަންނަ ކޮންމެ ފަސޭހައަކާއި އުދަގުލެއް ތަހައްމަލުކުރަން ޖެހެއެވެ. ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމަކީ ވާދަވެރި ވަޒީފާއެކެވެ. ކިތައްމެ ދުވަހެއް އުމުރުން ވިޔަސް އެވަޒީފާއިން އިސްތިއުފާއެއް ނުދެވެއެވެ. އެއީ ނިމުމެއް ނުވާ އެންމެ ފަހުވަގުތާއި ޖެހެންދެން އަދާކުރަން ޖެހޭ ވާޖިބެކެވެ. އެއީ ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ތެދުވެރިކަމާއި، ދީލަތިކަމާއި، ހިތްހެޔޮކަމާއި، މަތިވެރި އަޚްލާގުގެ މާތް ސިފަތައް ޝަރުތުކުރާ ވަޒީފާއެކެވެ. ކުއްޖަކު ދުނިޔެއަށް އުފަންވުމާއި އެކު އެކުއްޖެއްބެލުމުގެ ޒިންމާ މަންމައާއި ބައްޕަ ގެ ބޮލުގައި އެޅެއެވެ. ކުއްޖާ ބޮޑުވަމުން އަންނައިރު ފާއިތުވާ މަރުހަލާތަކުގައި މަންމައާއި ބައްޕަގެ ދައުރު އިތުރުވެ ފުޅާވެގެން ދެއެވެ. މިބުނި މަރުހަލާތަކުގައި ދިމާވާ ދަތިއުދަގޫތަކުގައި ކެތްތެރިކަމާއި އެކު ކުރިއަށް ދާންޖެހެއެވެ.

ކުއްޖަކު ބޮޑުވެ އެކުއްޖެއް މަންމައާއި ބައްޕައާއި ވަކިން އުޅެން ފެށުން ނުވަތަ މަތީތައުލީމު އުގެނުމަށްޓަކައި ބޭރު ގައުމަކަށް ދިއުމުން ބައެއް މައިންބަފައިންނަށް އެއީ ތަހައްމަލު ކުރަން އުދަގޫކަމަކަށް ވެއެވެ. ތިމާގެ ދަރިފުޅު ލޯމަތިން ގެއްލުމުން އެދަރިފުޅު ބީވެގެން ދިޔައީ އޭވެސް ހިތަށްއަރާ ފަހަރު އާދެއެވެ. ބައެއް ފަހަރު ދަރިފުޅު އޭނާގެ ނުރަގަޅު ރައްޓަހިންނާއި ގުޅި ނުބައިމަގަކުން ހިގައިދާނޭ ކަމުގެ ބިރުވެސް ހީވެއެވެ. މައިންބަފައިންގެ ތާއަބަދުގެ ދުޢާއަކީ އެމީހުންގެ ދަރިން މަތިވެރި އަޚުލާގުން ޒީނަތްތެރިވެފައިވާ ޒިންމާދާރު އެހެންމީހުންނަށް އަޅާލާ ބަޔަކަށް ވުމެވެ. ދަރިޔަކު މޮޅަށް ކިޔަވައިގެން އެބުރިއައުމުން އެދަރިފުޅު މުސްތަގުބަލަށްޓަކައި އިތުރު ހަރުފަތެއް ގިރާކޮށްފިކަމަށް މައިންބަފައިން ގަބޫލުކުރެއެވެ. ދިރިއުޅުމުގެ މައިދާނުގައި ދަރިން ކަނޑަތުކުރާ ކޮންމެ މަރުހަލާއަކާއި މެދު މައިންބަފައިން ގަބޫލުކުރާނީ މިބީދައިންނެވެ. ”މައެއްގެ ހައިސިއްޔަތުން އަހަރެންގެ ވާޖިބު އަދާކުރެވިއްޖެޔޭ ބުނެވިދާނެ. މިހާރު އެއީ އެކުދިންގެ ކަމެއް. އެކަމަކު އަދިވެސް ކަމެއްގައި ޚިޔާލުބޭނުންވެއްޖެނަމަ އެކުދިން އަހަރެންގެ ލަފާ ހޯދާ. އަހަރެންނަށް ހީވަނީ ކިތައްމެ އުމުރުން ދޮށިވިޔަސް މައިންބަފައިންނަށް ވުރެ ދަރިން ބޮޑެތި ނުވާނެހެން” ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާ އުމުރުން 43 އަހަރުގެ ހުވަފަތް އަންހެނަކު ބުނެފައި ވެއެވެ.

ކުއްޖާއުފަންވުމަށް ފަހު ދަރިންބަލައި ބޮޑުކުރުމުގައި މަންމައާއި ބައްޕަގެ މަސްއޫލިއްޔަތު ހަމަހަމަ އެވެ. ނަމަވެސް ބައެއް ބަފައިން ގަބޫލުކުރާގޮތުގައި ދަރިންބަލާ އެކުދިންގެ މަސްއޫލިއްޔަތު އުފުލުމަކީ ހަމައެކަނި މައިންގެކަމެކެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކުށްހީއެކެވެ. ދަރިންބެލުމުގައި ދެމީހުން ހިއްޞާ ހަމަހަމަ ވާންޖެހޭނެއެވެ. އެހެނީ ދަރިންނަކީ ހަމައެކަނި މައިންނަށް ދެއްވި ހަދިޔާއެއް ނޫނެވެ. އެކަމަކު އެއީ އެކުދިންގެ މައިންބަފައިންނަށް ހަވާލުކުރެއްވި އަމާނާތެކެވެ. ކުއްޖާބޮޑުވަމުން އަންނަ އިރު ޚާއްޞަކޮށް ޓީންއޭޖްއޭ މިކިޔޭ ދުވަސްވަރު ކުއްޖާއަށް ވަރަށް ގިނަބަދަލުތައް އާދެއެވެ. ސުކޫލުތެރެއިން ތަފާތު ވައްތަރުގެ ރައްޓަހިންނާއި ބައްދަލުވެ އާކަންތައްތަކަކަށް ލޯހުޅުވިގެންދެއެވެ. މިދުވަސްވަރު ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތަކަށް ވަރަށް ފަރުވާތެރިކަމާއި އެކު އަޅާލާން ޖެހޭނެއެވެ. ބައެއް ކުދިން އެކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރުގެއްލި ދިރިއުޅުމުގައި ނާކާމިޔާބު މީހެއްގެ ސިއްކަ ޖެހިގެން ހުންނަށް ބޭނުންވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން މައިންބަފައިން ކުއްޖާއާއި މެދު މި ދުވަސްވަރު އަޅާ ނުލައިފިނަމަ ނުބައިމަގަކުން ކުއްޖާއަށް ހިގުމަށް މަގުފަހިވެގެން ދިއުމަކީ ދުރުގައި އޮތްކަމެއްނޫނެވެ.

ދަރިންބަލައި ބޮޑުކުރުމުގެ ހަގުރާމައިގައި ބައިންބަފައިންނަށް ބޮޑެތި ޗެލެންޖްތަކާއި ކުރިމަތިލާން ޖެހެއެވެ. ކުއްޖާބޭނުންވާ ކޮންމެކަމެއް ބޭނުންގޮތަކަށް ނިންމަން ދޫކޮށްލުމަކީ ރަގަޅުގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާއަށް ކަންކަމުގައި ހެޔޮނުބައި ވިސްނައިދިނުމަކީ މުހިއްމު ކަމެކެވެ. ކުއްޖާ ކަންތައްތައް ބުނެދިމުގައި އަގަބަހުން ކިޔާދިނުމުގެ ބަދަލުގައި ކޮންމެ ކަމަކާއި ގުޅޭ މިސާލެއް ބޭނުންކޮށްގެން ކަންތައްތައް ދަސްކޮށްދެވިދާނެއެވެ. [ކުއްޖާބޭނުން ގޮތަކަށް އުޅެން ދޫކޮށްލުމަކީ ރަގަޅު ގޮތެއްނޫން. އެގޮތަށް ދޫކޮށްފިނަމަ ކުއްޖާގެ އަމަލުތައް ކޮންޓްރޯލްކުރަން އުދަގޫ ހިސާބަކަށް ހިގައިދާނެ] ދެކުދިންގެ ބައްޕައެއް އޭނާގެ ޚިޔާލު ހާމަކުރިއެވެ. [މާތް ﷲގެ ރަހުމަތްފުޅުން އަހަރެން އާއިލާ މިއުޅެނީ ވަރަށް އުފާވެރިކަމާއެކު. އަހަރެންގެ އަންހެނުންނަކީ ގެވެހި ކަންތައްތައް ދަންނަ މީހެއް. ދަރިން ވަރަށް ވިސްނުންތޫނު. އެކުދިންގެ މުސްތަގުބަލު އުޖާލާވެފައި އަލި] އޭނާ އިތުރަށް ބުނެފައިވެއެވެ.

ދަރިންބަލައި ބޮޑުކުރުމަކީ ޝަކުވާތައް ގިނަ މަސައްކަތެކެވެ. ތިމާ ހިތްހަމަނުޖެހޭކަމެއް ކުރަން ކުއްޖަކު ބޭނުންވެ، ކުރާނަމޭ ކިޔައި ގަދަހަދާ ގޮތްދޫނުކޮށް ހުންނަ ހާލަތްތަކުގައި ތިމާގެ ބަސް ހިފެހެއްޓުމަކީ މުހިއްމުކަމެކެވެ. ދަރިންގެ ކަންތައްތަކުގައި ގަރާރު ނެގުމުގައި ހަރުދަނާކަމާއި އެކު ސާބިތުވެ ހުރުމަކީ ކާމިޔާބު މައިންބަފައިންގެ ސިފައެކެވެ. ދަރިޔަކު ބަލިވެއްޖެނަމަ ނުނިދާހޭލާ ގާތުގައި ހުންނަށް ޖެހެއެވެ. ހަމަމިހެން މިފަދަ ހާލަތްތަކުގައި ތިމާގެ ދިރިއުޅުމަށް ކުރާ މަސައްކަތަށް ބުރޫނާރުވައި ވޭތޯ ބަލަންޖެހޭނެއެވެ. އެއީ ތިމާ މަސައްކަތްކޮށްގެން ލާރިހޯދަނީ ތިމާގެ ދަރިން ބަލަހައްޓައި ބޮޑުކުރުމަށްކަމުގައި ވާތީއެވެ. މިގޮތުން ދިމާވާ ކޮންމެ ކަމެއްގައި ދަރިންނަށްޓަކައި ކެތްތެރިކަމާއި ހިތްވަރާއި އަޒުމާއި އެކު ކުރިމަތިލާންޖެހޭނެއެވެ. [ދަރިންބެލުމަކީ އުދަގޫކަމެއް. އެއީ ނިމުމެއް ނުވާ ކަމެއް. އެއީ ތިމާގެ އަމިއްލަ ނަފުސަށްވުރެ އެކުދިންގެ ކަންތައްތަކަށް އިސްކަންދިނުން.] ހަތަރު ކުދިންގެ މައެއްކަމުގައިވާ އުމުރުން 35 އަހަރުގެ އަންހެނަކު ބުނެފައިވެއެވެ.

މައިންބަފައިންނާއި ދަރިންނާއި ދެމެދު ކުރެވޭ މުޢާމަލާތް ވާންޖެހޭނީ އޯގާތެރިކަމާއި އިޙުތިރާމުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށެވެ. ތިމާ ހިތްހަމަނުޖެހޭ ކަމެއް ކުއްޖެއްގެ ކިބައިން ފެނުނަސް އެކަމެއް މަނާކުރުމަށް ހަރުއަޑުން އަމުރުކުރުމުގެ ބަދަލުގައި ކައިރިއަށް ގެނެސް އޯގާތެރި ބަސްތަކަކުން މަޑުމައިތިރި ކަމާއި އެކު ނަޞޭޙަތްދެވިދާނެއެވެ. ހަމަމިހެން ކުއްޖާ އަމިއްލަ އަށް ކުރާ ރަގަޅު ކަންތައްތަކުގެ އަގު ވަޒަން ކުރަން ޖެހޭނެއެވެ. އެހެނީ މިފަދަ ކަންތައްތަކުގެ އަގުވަޒަން ނުކުރާނަމަ އަދި ކުރިންބުނި ހާލަތުގައި ނަޞޭޙަތް ދިނުމުގެ ބަދަލުގައި ހަރުއަޑުން ކުއްޖާއާއި ދިމާއަށް އަޑުލައިހަދާނަމަ ކުއްޖާގެ ހަޔާތްކެނޑި، މައިންބަފައިންގެ ގަދަރު އެކުއްޖެއްގެ ކުރިމަތީގައި ގެއްލިގެންދެއެވެ. އަދި ކުދިން މައިންބަފައިންނަށް ކުރާ އިހުތިރާމު ކުޑަވެގެންދެއެވެ.

މައިންބަފައިން އެބައިމީހުންގެ ދަރިންނަށްޓަކައި މުޅި ދިރިއުޅުން ގުރުބާންކޮށްލައެވެ. އެމީހުންގެ ވަގުތުތައް ދަރިންނަށްޓަކައި ހުސްކޮށްލައެވެ. ދަރިން އެމީހުންގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގެ ޒިންމާދާރަކީ މައިންބަފައިންނެވެ. މައިންބަފައިންނަކީ އުޅުމެއްނެތް ވިޔާނުދާ ބައެއްކަމުގައިވާނަމަ އެމީހުންގެ ދަރިންނަށް ދަސްވާނީ އެސިފަތަކެވެ. އަދި އެކުދިންވެސް ވާނީ މައިންބަފައިން ފަދައިން ވިޔާނުދާ އުޅުމެއްނެތް ބަޔަކަށެވެ. ޝައްކެތްނެތް ގޮތުގައި މިއަދުގެ ޖީލުގެ ދަރިންތައް ހެޔޮގޮތުގައި ތަރުބިއްޔަތުވެގެން މެނުވީ އަންނަށް އޮތް ޖީލުތަކަކީ ބޭނުންތެރި މުޖުތަމަޢަށް ފައިދާހުރި ޖީލުތަކަކަށް ނުހެދޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top