ހިންދީ ފިލްމީ ދުނިޔޭގައި ފަނޑުވުމެއްނެތި އަދިވެސް ފިޔަޖަހަމުން އަންނަ މަދޫރީ ޑިކްސިޓް އުފަންވެފައިވަނީ 15މޭ 1967ގައި އިންޑިއާގެ މަރާޓީ އާއިލާއަކަށެވެ. ޕާލޭ ކޮލެޖުން މަތީ ތައުލީމު ނިންމުމަށްފަހު އޭނާ ބޭނުންވީ މައިކްރޯ ބަޔޮލޮޖިސްޓަކަށް ވާށެވެ. އެރޮގުން އޭނާ ވަނީ ޑިގްރީ ހޯދާފައެވެ.
ކުޑައިރުން ފެށިގެންވެސް ނެށުމަށް ޝައުގުވެރިކަން ހުރި ކުއްޖަކަށްވާތީ އުމުރުން އެންމެ ތިން އަހަރުން ފެށިގެން އޭނާއައީ އެރޮނގުންވެސް ކުރިއަށް ދަމުންނެވެ. އެހެންކަމާއެކު މަދޫރީ ވަނީ ގިނަ ވައްތަރުގެ ނެށުންތަކުގައި އޭނާއާ ވާދަކުރެވޭ ވަރުގެ އެހެން މީހަކު ނުހުންނަ ވަރަށް ކުރިއަށް ޖެހިފައެވެ. ޚާއްސަކޮށް އިންޑިއާގެ އެންމެ ޝަރަފްވެރި ސަގާފީ ނެށުމެއްކަމުގައިވާ ކަތަކްޑާންސް ގެ ހުނަރުތައް ވަރަށް މޮޅަށް ހޯދައި އެރޮނގުން އެތައް ވަނަތަކެއް ހޯދާފައިވާ މޮޅު ނެށުންތެރިއެކެވެ.
ހިންދީ ފިލްމީ ދާއިރާއަށް 1984 ގައި “އަދޯދް “އިން ތައާރަފްވިޔަސް މަދޫރީ އަކީ ރީތި އަދި މޮޅު ނެށުންތެރި އެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ ފިލްމީ ދުވެލީގައި ފުރަތަމަ ލޭންޑްކުރި 1988ވަނަ އަހަރު ނުކުތް ތޭޒާބް އިންނެވެ. މިފިލްމާއެކު އޭނަވަނީ ފުރަތަމަ ފަހަރަށް ފިލްމްފެއަރ އެވޯޑަށް ނޮމިނޭޓް ވިއެވެ. އޭގެ ފަހުން 1989ގައި ނުކުތް ޕަރިންދާ އާއި ތްރިދޭވް ގެ އިތުރުން 1990ގައި ކުޅެފައިވާ ކިޝަންކަނައްޔާ ވެފައިވަނީ ހިޓް ފިލްމްތަކަކަށެވެ. މިމަގާމާހަމައަށް އައިއިރު އޭނާގެ އަގާއި އޭނާގެ ރީތިކަމުގެ ޖާދޫގައި އެތައް ފިލްމީ ބަތަލުންނާއި ޑިރެކްޓަރުން ޖެހެމުން ދިޔައެވެ. ހަމައއެއާއެކު އޭނާގެ ފަހަތުގައި ޕްރޮޑިއުސަރުންގެ ދިގު ކިޔޫއެއް އުފެދެމުން ދިޔައެވެ.
1990ވަނައަހަރު އިންދަރްކުމާރްގެ ލޯބީގެ ޑްރާމާ އެއްކަމުގައިވާ ފިލްމް “ދިލް ” ވެގެންދިޔައީ އަނެއްކާވެސް މާދްރީގެ ފިލްމީ އުދަރެހުގައި ފިޔަޖަހަމުންއައި ތަރި އިތުރަށް ގަދަވެގެންދިޔަ ފިލްމެއްގެ ގޮތުގައެވެ. އާމިރުޚާން އާއެކު ބަތަލާއެއްގެ ބައި ކުޅެފައިވާ މި ފިލްމް ވެގެން ދިޔައީ އެއަހަރު ނުކުތް އެންމެ ބޮޑު އަދި ބޮކްސް އޮފީހުގައި އެތައް މަހެއްވަންދެން ރަސްކަންކުރި ފިލްމަށެވެ. ހަމައެއާއެކު ފިލްމުގައި ދައްކާފައިވާ މޮޅު އެކްޓްގެ ސަބަބުން އަހަރުގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބިގެން ދިޔައެވެ.
1991 އިން 1995 އާދެމެދު މަދޫރީ ބަތަލާއެއްގެ ރޯލު އަދާކޮށްފައިވާ މޮޅު ފިލްމްތަކުގެ ލިސްޓުގައި ހިމެނޭ ސާޖަން ، ބޭޓާ ، ކަލްނާޔަކް ، ހަމްއާޕްކޭހޭ ކޯން ، އަދި ރާޖް ގެ ތެރެއިން ބޭޓާއަކީ އޭނާއަށް ފިލްމްފެއަރގެ އެންމެ މޮޅު ބަތަލާގެ މަގާމް ލިބުނު ދެވަނަ ފިލްމެވެ.
“ހަމް އާޕްކޭހޭ ކޯން “އަދިވެސް ހިމެނެނީ އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ނެގި ހިންދީ ފިލްމީ ފިލްމްގެ ގޮތުގައެވެ. އެ ފިލްމަށް ހަމައެކަނި އިންޑިއާއިން 650 މިލިއަން ރުޕީސް ހޯދި އިރު 150 މިލިއަން ރުޕީސް އިންޑިއާއިން ބޭރުން ހޯދާފައިވެއެވެ. މި ކާމިޔާބާއެކު މަދޫރީއަށް ތިންވަނަ ފަހަރަށް ފިލްމްފެއަރ އެވޯޑް ލިބުމުގެ އިތުރުން ހަމަ މިއަހަރު ނުކުތް “އަންޖާމް “އިންވެސް އޭނާވަނީ ފާހަގަކުރެވޭ ވަނަތަކެއް ހޯދާފައެވެ
މަދޫރީގެ ލޯބީގެ ހަޔާތަށް ވަންނަން ކިތަންމެ ބަޔަކު ދިމާކުރި ކަމުގައި ވިޔަސް އެ ކޮމްޕާޓްމެންޓަށް ވަދެވުނީ ހަމައެކަނި ސަންޖޭދަތުއަށެވެ. އެހެންނަމަވެސް ކައިވެންޏާ ހަމައަށް ނާދެވި އެކަން ނިމިގެން ގޮސް 1996ގައި ކައިވެނި ކޮށްފައިވަނީ އިންޑިއާގެ މަރާޓީ އާއިލާ އަކަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި އެތަނުގައި ދިރިއުޅޭ ސްރީރާމް މާދަވްނާނޭއާއި އެވެ.
ކައިވެންޏާގުޅިގެން ފިލްމީ ހަޔާތުން ބްރޭކެއް ނެގުމަށްފަހު އޭނާ ދިރިއުޅުނީ ފިރިމީހާއާއެކު އެމެރިކާގައެވެ. އެހެންނަމަވެސް އަނެއްކާވެސް 1997ވަނަ އަހަރު ޔާޝްޗޯޕްރާގެ “ދިލްތޯޕާގަލް ” ނިންމައި ސްކްރީން އާހަމައަށް އައިއިރު މިފިލްމްވެގެން ދިޔައީ ގައުމީ ފެންވަރުގެ ފިލްމަކަށެވެ. މަދޫރީ އަށް ހަތަރުވަނަ ފިލްމްފެއަރ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިގެންދިޔައީވެސް މި ފިލްމުންނެވެ.
މަދޫރީ ފިޔަޖަހަމުން އައީ ހަމައެކަނި ފިލްމީ ދުނިޔެ ޒީނަތްތެރިކުރުމުގެ ގޮތުން އެ އުދަރެހަކު ނޫނެވެ. އޭނާގެ ނެށުމުގެ ހުނަރަކީ މިއަދަށްވެސް އެންމެ މުނާސަބު އަދި އެ ނެށުންތައް މިއަދުގެ ޒުވާނުންވެސް ކޮޕީކޮށްގެން އެކިއެކި މަހެފިލްތައް ފަޅުފިލުވަމުންދާ ނެށުން ތަކެކެވެ. ޚާއްސަކޮށް އޭނާގެ އޭކްދޯތީން ޗާރް އެވެ. ދަކްދަކް ކަރްނޭލަގާ (ބޭޓާ )އާއި ޗޯލީކޭ ޕީޗޭ ކިޔާހޭ (ކަލްނާޔަކް) އާއި އަކިޔަމިލާއޫން ( ރާޖާ )އެވެ.
ފިރިމީހާއާއި ދެދަރިންނާއެކު 2006ގައި މުމްބާއީއަށް ބަދަލުވުމަށްފަހު ދިރިއުޅެމުން އަންނަނީ އިންޑިއާގައެވެ. އެދެމަފިރިންނަށް ލިބިފައިވަނީ އަރީން ،މާޗް2003 ރަޔާން 2008 އެވެ.
ފިލްމަކުން މަދޫރީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާޖާ ނާޗްލޭއިންނެވެ. އޭގެ މާނައަކީ އޭނާއަށް ފިލްމްތަކުން ޖާގަ ނުލިބުމެއް ނޫނެވެ. މާދުރި ބުނާގޮތުގައި ވަގުތާ ހާލަތާ ނުބައްދަލު ހުށަހެޅުން ގަބޫލު ކުރާ ހިތް ނުވަނީ އެެވެ. އެކމަކު ބައެއް ރިޔަލިޓީ ޝޯތަކުންނާއި ނެށުމުގެ ހުނަރު ދައްކުވައިދޭ ޝޯތަކުގައި ޖަޖެއްގެ ގޮތުން އޭނާ މިހާރުވެސް ހަރަކާތްތެރިވަމުން ދެއެވެ. ނެވެ.
އަންނަ މޭމަހު 50 އަހަރު ފުރޭ މަދޫރީގެ އާއިލާގައި ހިމެނެނީ އޭނާއަށްވުރެ ދޮށީ ދެދައްތަ ރޫޕާއާއި ބާރްތީގެ އިތުރުން ބޭބެ އަޖިތުއެވެ.