ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                        11ޖެނުއަރީއާއި ގުޅޭ

ނުރައްކާތެރި ސަވާރީ

މުސްލިމު ޒުވާނަކު މި ޒަމާނުގެ ތަޢުލީމު ޙާޞިލުކޮށްފިއެވެ. އޭނާއަށް ބޭރު ޤައުމަކުން ވަޒީފާއެއް ލިބިގެން ފުރައިގެން އެ ޤައުމަށް ހިނގައްޖެއެވެ. ދަރިފުޅު ފުރަން މަތިންދާބޯޓަށް އަރަން ހިނގައިގަތުމުގެ ކުރިން އޭނާގެ ބައްޕަ ނަޞޭޙަތުގެ ރާގެއްގައި ބުންޏެވެ. “ދަރިފުޅާއެވެ. މަތިންދާބޯޓަށް އަރާ އިށީނދެ ކުރުސި ކިޔަވާފައި ހަތަރު ފަރާތަށް ފުމެލާށެވެ. އޭގެ ފަހުން ޞަލަވާތް ފާތިޙާ ކިޔެވުން މަތީ އިންނާށެވެ!”

މިއަޑު އަހާފައި މީހަކު ސުވާލު ކުރިއެވެ. “ކަލޭ ދަރިފުޅަށް ތިޔަ ކަހަލަ ނަޞޭޙަތް ދެނީ ކީއްކުރަންހެއްޔެވެ؟”

ބައްޕަ ބުންޏެވެ. “އޭނާ އެދަނީ މަތިންދާބޯޓު ދަތުރެއް ކުރާށެވެ. ބޯޓު މަތީގައި ހުއްޓާ ކޮންމެ ފަދަ ގޮތެއްވެސް ވެދާނެއެވެ.”

ސުވާލު ކުރި މީހާ ބުންޏެވެ. “ކަލެއަށް އަދި ނޭނގެނީތާއެވެ! އަހަރެމެން މިތިބީ މަތިންދާބޯޓަށް ވުރެ މާ ނުރައްކާތެރި ސަވާރީއެއްގައެވެ. އަހަރެމެން އެބިމެއްގެ މަތީގައި މި ތިބަ ހަރު ބިމަކީ މަތިންދާބޯޓަށްވުރެ މާ ނާޒުކު އެއްޗެކެވެ. މި ދުނިޔެއަކީ ހަރުލާ ގޮތަށް އެއްޗެއްގެ މަތީގައި ބާއްވާފައި އޮތް އެއްޗެއް ނޫނެވެ. ޖައްވުގެ ތެރޭގައި އެއްވެސް ތަނެއްގައި ނުޖެހި އޮތް އެއްޗެކެވެ. މަތިންދާބޯޓަށްވުރެ މާ ހަލުވިކޮށް ޙަރަކާތް ކުރަމުންދާ އެއްޗެކެވެ. އެއްފަރާތަކުން ސިކުންތަކު 20 މޭލު ބާރުމިނުގައި އެނބުރެމުންދާ އިރު އަނެއް ފަރާތުން ސިކުންތަކު 15 މޭލު ބާރުމިނުގައި ޙަރަކާތް ކުރަމުންދެއެވެ. މަތިންދާބޯޓް ކޮންމެވެސް ތަނަކަށް ތިރިކުރާނެތާއެވެ! އެކަމަކު މި ދުނިޔެ މިދަނީ ހަމަ މިގޮތުގައި ހުއްޓުމެއްނެތި ދަތުރު ކުރަމުންނެވެ.”

މިބާވަތުގެ އެތައް ވާހަކައެއް ދެއްކުމަށްފަހު އެމީހާ ބުންޏެވެ. “މިބިން މައްޗަށް ސަވާރުވެ ހުރެގެން ކުރަމުން ތިޔަ ދާ ދަތުރުގެ އިޙްސާސް ކުރެވޭނަމަ ކަލޭ ކުރުސިއާއި، ޞަލަވާތް ފާތިޙާ ކިޔެވުން ދުވަހަކުވެސް ހުއްޓައެއް ނުލީހެވެ. މުޅި މީހާ ތުރުތުރު އެޅީހެވެ. މަތިންދާބޯޓު ދަތުރަށްވުރެ މާ ބޮޑަށް ބިންމަތީގެ ދަތުރުގެ ފިކުރު ކުރީހެވެ.”

އިންސާނީ ވާޤިޢާތަކުގެ ސަބަބުން ވަރަށް ފަސޭހައިން މީހުންނަށް އަސަރު ކުރެއެވެ. އިލާހީ ވާޤިޢާތަކުން ފިލާވަޅެއް ލިބިގަންނާކަށް ނޭނގެއެވެ. މީހަކު ތަނެއްގައި އެކޮޅުކޮޅުން އެލިގަނެގެން އޮވެގެން ކުރާ ހުރިހާ ކަމެއް ކުރާތަން ފެނިއްޖެނަމަ އެކަމާ ޙައިރާންވެގެން އެންމެންވެސް ވާހަކަ ދައްކާނެއެވެ. އެއީ އަޅުގަނޑުމެން މިހާރު މިތިބަ ގޮތުގެ ކުޑަކުޑަ މިސާލެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ނުވަތަ ހަނދާނެއް ނުހުންނާނެއެވެ. ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެންވެސް މިތިބެނީ ދުނިޔޭގެ ސަޠަޙުގައި އެލިގަނެގެންނެވެ. ދުނިޔެއަކީ ވަށް އެއްޗެކެވެ. އަޅުގަނޑުމެން (ދިވެހިން) ތިބީ ބިންމަތީގައި ކޮޅަށް ކަމުގައި ބަލަނީނަމަ އެމެރިކާމީހުން ތިބީ ބޯކޮޅު ވަތަށެވެ. އެމެރިކާ މީހުން ބުނާނަމަ ބުނާނީ އަޅުގަނޑުމެން ތިބީ އެގޮތަށް ކަމަށެވެ.

އެދުންތަކުގެ ދުނިޔެ

ސުވަރުގެއަށް އިންކާރު ކުރުމަކީ ޚުދު ތިމާގެ އަމިއްލަ ވުޖޫދަށް އިންކާރު ކުރުމެވެ. ސުވަރުގެއަކީ ހުންނަ ތަނެއް ކަމަށް ޤަބޫލު ނުކުރާ މީހާ ޚުދު ތިމާގެ ޒާތު ހަނދާން ނައްތާލަނީއެވެ. ސުވަރުގެ ބޭނުން ވެފައި، ސުވަރުގެ ޙާޞިލު ކުރަން ދޭންޖެހޭ އަގު ދޭން ދެކޮޅު ހަދާ މީހާއަކީ ބާޒާރުން އެއްޗެއް ގަންނަން ބޭނުން ވެފައިމެ، އެ އެއްޗެއްގެ އަގު ދޭން ދެކޮޅު ހަދާ މީހެކެވެ.

އާދަމުގެ ދަރިޔާ އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ ކޮބައިތޯއެވެ؟ އިންސާނާގެ އެންމެ ބޮޑު އެދުމަކީ އޭނާގެ ހުވަފެނުގެ ދުނިޔެ ޙާޞިލު ކުރުމެވެ. މަރުނުވެ، އަބަދުގެ އަބަދަށް ދުނިޔޭގައި ހުރުމެވެ. ހިތުގައިވާ ހުރިހާ އެދުމެއް ފުރިހަމަ ވާނޭ ގޮތް ވުމެވެ. އޭނާ ބޭނުން ވަނީ ޙުދޫދު ތަކުން (Limitations) ނާއި، ނޭދެވޭ ކަންތައްތަކުން (Disadvantages)  ހުސްވެގެންވާ ދުނިޔެއެއް ލިބުމެވެ.

މިއީ އާދަމުގެ ދަރިޔާގެ އެންމެ ބޮޑު އެދުމެވެ. ކޮންމެ މީހަކުވެސް ދުވެ ނަގަނީ ތިމާގެ އަމިއްލަ އެދުންތައް ފުއްދާށެވެ. އެކަމަކު އެއްވެސް މީހަކަށް ހުރިހާ އެދުމެއް ފުއްދައެއް ނުގަނެވެއެވެ. އިންސާނާ ފުރިހަމަ ޞިއްޙަތެއް ހޯދައެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ދިމާވާ ކަމަކުން ޞިއްޙަތު ދެރަވެ ބަލި އެނދުގައި އޮށޯންނަން ޖެހިދެއެވެ. އިންސާނާ މުދަލާއި، ފައިސާ އެއް ކުރެއެވެ. އެކަމަކު އެ ފައިސާއާއި، މުދަލުން ހިތާއި، ސިކުނޑީގެ ހަމަޖެހުމެއް ނުލިބެއެވެ. އިންސާނާ ބާރު ހޯދައެވެ. އެކަމަކު އެ ބާރު އޭނާއަށް ކުރިމަތިވާ މުޞީބާތްތަކަށް އިތުރުވާ މައްސަލައަކަށް ވެދެއެވެ. އޭނާ އުފަލާއި، އަރާމު ހޯދައެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅަކުން އެކަނިވެރިކަމާއި، ފޫހިކަން (Boredom) އޭނާގެ މައްޗަށް ވެރިވެގަނެއެވެ.

ކޮންމެ އިންސާނަކުވެސް މި އުޅެނީ ތިމާގެ އަމިއްލަ ސުވަރުގެ ބިނާ ކުރުމުގައި އަވަދި ނެތިއެވެ. އެ ސުވަރުގެ ބިނާކޮށް ނުނިމެނީސް މަރު އައިސް ބައްދަލު ކުރެއެވެ. އޭނާއަށް ޖެހެނީ ހިތުގައި އަޅައިގެން ހުރި ހުރިހައި އެދުމަކާއި، ހުވަފެނެއް ހިފައިގެން މި ދުނިޔެއިން ނުކުމެގެން ދާށެވެ.

އާދަމުގެ ދަރިޔާ މަރުވެގެން ދަނީ ކޮން ތަނަކަށްތޯއެވެ؟ އޭނާ ދަނީ އޭނާގެ ހުވަފެނުގެ ސުވަރުގެ ހުރި ތަނަށެވެ. އެކަމަކު އެ ސުވަރުގެ ލިބޭނީ މި ދުނިޔޭގައި އޭގެ އަގު ދައްކާފައިވާ މީހުންނަށެވެ. އަގު އަދާ ނުކޮށް އެ ދުނިޔެއަށް ދާ މީހުންނަކަށް އެއްވެސް ނަސީބެއް ނެތެވެ. ދުނިޔޭގައި އުޅުނު އިރު އެދިއެދި ތިބި އުފާވެރި ސުވަރުގެ ލިބުމުން މަޙްރޫމް ވާނެއެވެ.

ސުވަރުގެ އަކީ އަޅުގަނޑުމެންގެ އެދުންތަކުގެ ގަނޑުވަރެވެ. އެ ސުވަރުގެ ލިބޭނީ އާޚިރަތަށްޓަކައި އެ ސުވަރުގެ ބިނާ ކުރި މީހަކަށެވެ. ދުނިޔެއަށްޓަކައި ސުވަރުގެ ބިނާ ކުރާ މީހާއަށް އާޚިރަތުގެ ސުވަރުގެ ލިބޭނޭ ގޮތެއް ނެތެވެ.

ދުނިޔޭގައި އުޅޭ ހުރިހައި ދުވަހަކު ހިތުގައި އަޅައިގެން އުޅުނު ސުވަރުގެ ނުލިބޭ ކޮންމެ މީހަކީ ތިމާގެ ނަސީބުގައި ކޮޅުފައިން ޖަހައި އެއްލައިލީ މީހެކެވެ.

ހަނދާނީ މަރުކަޒު

މިސިޒް އިންދިރާ ގާނދީއަށް އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ފުރަތަމަ ލިބިވަޑައިގަތީ 1966 ވަނަ އަހަރުއެވެ. އޭރު އެކަމަނާ ހުންނަވާނޭ ތަނަކަށް ހަމަޖެހުނީ ނިވްދިއްލީގެ ޞަފްދަރްޖަންގް ރޯޑްގައި ދެ ގެ އެއްކޮށްގެން ހެދި ބޮޑު ގެއެކެވެ. އެއީ އިންދިރާ ގާނދީއަށް ސަރުކާރުން އެރުވި ރަސްމީ ގެކޮޅެވެ. މި ގެ ކޮޅުގެ ވަށައިގެން ވަރަށް ދުރަށްދާންދެން އާދަޔާ ޚިލާފު ފެންވަރަކަށް ސަލާމަތީ ކަންތައްތައް އޮތީ ހަމަޖައްސައިފައެވެ. އެހެންނަމަވެސް 31 އޮކްޓޯބަރ 1984 ގައި އިންދިރާ ގާނދީގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލެވުނެވެ. މި ކަމެއް ކުޅައީ އެ ކަމަނާގެ ހަށިކޮޅު ބަލަހައްޓަން ޙަވާލުވެގެން ތިބި ދެމީހުންނެވެ. އެ މީހުން ބޭނުންކުރި ހަތިޔާރަކީ އެ ކަމަނާގެ ހަށިކޮޅު ރައްކާތެރި ކުރަން ދީފައި ހުރި ހަތިޔާރެވެ.

ޞަފްދަރްޖަންގް ރޯޑްގައި ހުރި މިދެންނެވި ގެ މިހާރުވަނީ އިންދިރާ ގާނދީގެ ހަނދާނީ މަރުކަޒަކަށް ހަދާފައެވެ. މި ވާހަކަ ބަޔާން ކުރަމުން ޓައިމްސް އޮފް އިންޑިއާގެ 10 ނޮވެމްބަރ 1984 ގެ ނޫހުގައި ޝާއިޢުކުރެވުނު ބަޔާނެއްގައި އޮތެވެ.

“ސަރުކާރަށް ފެނުނު ގޮތުގައި މި ގެ ހުންނަންޖެހޭނީ މިތާނގައި ޝަހީދު ވެ ވަޑައިގަތް ދުނިޔޭގެ އެންމެ ބާރުގަދަ އަންހެނާއަށް އިޙްތިރާމް އަދާކުރަން އެދިގެން އަންނަ މީހުންނަށްޓަކައި ހުޅުވާފައެވެ.”

މިސިޒް އިންދިރާ ގާނދީގެ ދިރިއުޅުއްވުން އޮތީ ދެ ސިފައަކަށެވެ. ފުރަތަމަ ސިފައަށް ބަލައިލީމާ ފެންނަނީ އިންޑިއާގެ ބޮޑުވަޒީރެވެ. ދެވަނަ ސިފައަށް ބަލައިލީމާ ފެންނަނީ އެއްވެސް އެހީތެރިއެއް، ގާތްމީހެއްނެތި މަރުވެގެންދިޔަ އާދައިގެ އިންސާނެކެވެ. މި ދެ ސިފަ އެއްކޮށްލީމާ ފެނިގެންދަނީ އިންސާނާގެ އާރެއް ބާރެއް ނެތް ކަމެވެ. އެނގިގެން ދަނީ ބޮޑުވަޒީރަކީވެސް ހަމަ އާދައިގެ އިންސާނެއްހައި ބަލިކަށި މީހެއް ކަމެވެ. އެހެންނަމަވެސް މި ދެ ސިފަ ވަކިކޮށްގެން ބަލާ މީހަކަށް ފެނިގެންދާނީ މުޅިން އެހެން ގޮތަކަށެވެ.

ކިހައި ބޮޑު އަޖާޢިބެއްތޯއެވެ؟ އިންސާނާގެ ބަލިކަށި ކަމުގެ ފިލާވަޅު ލިބިގަންނަންވީ ޙާދިސާ އަކުން އޭނާ ލިބިގަންނަނީ ބޮޑާ ކަމުގެ ފިލާވަޅެވެ. އިންސާނާގެ އާރެއް ބާރެއް ނެތްކަން ސާބިތުކޮށްދޭ ޙާދިސާއެއް، އޭނާގެ ބާރުގަދަކަމުގެ ނިޝާނަކަށް ބަލައި އެ ކަމުގެ ހަނދާން އާ ކުރަނީއެވެ.

ޤުރްބާނީ

އުފަން ދަރިކަލުން ޒަބަޙަ ކުރައްވާތީ އިބްރާހީމް ޢަލައިހިއްސަލާމަށް ހުވަފެންފުޅަކުން ފެނިވަޑައިގަތެވެ. އެ ކަލޭގެފާނު އެ ހުވަފެންފުޅާ އެއްގޮތަށް ދަރިކަލުން ޒަބަޙަ ކުރައްވަން ހަމަ އުޅުއްވުމާއެކު އުޑުން އަމުރުފުޅު އައެވެ. ހުއްޓަވައިލައްވާށެވެ! ހުވަފެންފުޅުގައި ފެނިވަޑައިގަތް ކަންތައް ކަލޭގެފާނު ފުރިހަމަ ކުރައްވައިފީމުއެވެ. ދެން އަމުރުފުޅު އައީ ދަރިކަލުންގެ ބަދަލުގައި ޖަނަވާރެއް ޤުރްބާން ކުރައްވާށެވެ.

މި ޙާދިސާ އިން އެނގެނީ ޤުރްބާނީ އަށް އެދެވުނު ކަމުގައި ވިޔަސް ބައެއް ފަހަރަށް ޤުރްބާން ކުރެވުމުން ދުރުހެލި ކުރެވޭ ކަމެވެ. ކަރުގައި ވަޅި ޖެއްސި ނަމަވެސް އެންމެ ލޭ ފޮދެއްވެސް ނާރަނީސް ވަޅި ދުރުކުރެވޭ ކަމެވެ.

މި ދުނިޔޭގައި އިންސާނާއަށް ދިމާވާ އިމްތިޙާނަކީ ޖިސްމާނީ އިމްތިޙާނެއް ނޫނެވެ. ނަފްސާނީ އިމްތިޙާނެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގަންނަވަނީ އިންސާނާގެ ނިޔަތަށެވެ. އޭނާގެ ޢަމަލަކަށް ނޫނެވެ. ﷲ އެއްވެސް މީހަކަށް އެ މީހަކަށް ނޫފުލޭ ވަރުގެ ބޮޑު ބުރައެއް ނުޖައްސަވައެވެ. އެހެންނަމަވެސް ބުރައިން ސަލާމަތް ވެވެނީ ބުރައާ ކުރިމަތިލާން ކެރޭ މީހުންނަށެވެ. ފުރިހަމަ އިތުބާރާއެކު މައިދާނަށް ފުންމާލާ މީހުންނަށެވެ.

ފިނޑިކަމާއެކު ޤުރްބާނީގެ މައިދާނުން ފިލަން ދުވާ މީހާއަކީ ﷲ ގެ ރަޙްމާން ވަންތަ ކަމާއި، ރަޙީމްވަންތަ ކަމާމެދު ޝައްކު ކުރާ މީހެކެވެ. އެ ކަލާނގެ އަކީ އެންމެ ހެޔޮ މީހާއަށް ވުރެ ހެޔޮ ކަލާނގެއެވެ. އެކަލާނގެ އަޅުތަކުން ދެކެ ލޯބިވެ ވޮޑިގެން ވަނީ ބަފަޔަކު އޭނާގެ އުފަން ދަރިއަކު ދެކެ ލޯބި ނުވާހައި ބޮޑަށެވެ. އެފަދަ އިލާހެއްގެ އަމުރުފުޅާ ޚިލާފުވެ، ޤުރްބާނީއަށް ޖެހިލުން ވުމަކީ އެ ކަލާނގެއަށް އިތުބާރު ނުކުރާ ކަމުގެ ހެއްކެކެވެ. ﷲ އިންސާނާގެ ފުށުން އެދި ވޮޑިގަންނަވާ ކަންތައްތަކުގެ އެތައް ގުނައަކަށް ދެއްވައެވެ. އިބްރާހީމް ޢަލައިހިއްސަލާމް ﷲ ގެ ވަޖުހަފުޅަށްޓަކައި ޤުރްބާން ކުރެއްވީ އެންމެ ދަރިކަލެކެވެ. ﷲ އޭގެ ބަދަލުގައި އެ ކަލޭގެފާނަށް މުޅި ދުނިޔޭގެ އިމާމުކަން ދެއްވިއެވެ.

އިންސާނުންނަށް އެދެވިގެން ވަނީ އެއްވެސް ހަދިޔާއެއްގެ ދަހިވެތިކަމެއް ނެތި ﷲ ގެ މަގުގައި ހިނގަމުން ދިއުމެވެ. ޤުރްބާނީގެ މަރުޙަލާ އާ ހަމައަށް އައިސްފައި ފަސް ނުޖެހުމެވެ. އުފަން ބައްޕައަށް ވުރެ ބޮޑަށް ތިމާ ދެކެ ލޯބިވެ ވޮޑިގެންވާ ﷲ، ތިމާގެ ހުރިހާ ޢަމަލެއް ބައްލަވާ ވޮޑިގެންވާ ކަން ދެނެގަތުމެވެ. ﷲ އިންސާނުންނަށް އިމްތިޙާނުގެ ގޮތުގައި މުޞީބާތް ޖައްސަވައެވެ. އެކަމަކު އޭނާ ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ކުރިން ސަލާމަތުގެ އައްސޭރިއަށް ގެނެސް ދެއްވައެވެ.

ބައްޕަގެ ވާހަކައަށް އިތުބާރު ނުކޮށް ބޭނުން ގޮތަކަށް އުޅޭ ދަރިންނަކީ ރަނގަޅު ދަރިންނެއް ނޫނެވެ. ﷲ ގެ ރަޙްމަތުން އިތުބާރު ކަނޑާލި މީހަކީ ރަނގަޅު އަޅެއް ނޫނެވެ.

ހިތްހަމަޖެހުން

މިއަދުގެ ދުނިޔެއަކީ ތަރައްޤީގެ ދުނިޔެއެވެ. އެކަމަކު ތަރައްޤީވެފައިވަނީ ހަމަ އެކަނި ތަކެއްޗެވެ. އިންސާނުން މިއަދުވެސް ތިބީ ހަމަ ކުރިންވެސް ތިބި ގޮތަށް ތަރައްޤީ ނުވެއެވެ. ތަކެތި ހުރީ ކުރި އަރާފައެވެ. އިންސާނުން ތިބީ ފަހަތުގައެވެ.

އިންސާނުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ހަމަޖެހުމެވެ. އެކަމަކު އެއްވެސް މީހަކަށް ހަމަޖެހުމެއް ނުލިބެއެވެ. މިޒަމާނުގެ ތަރައްޤީގެ ސަބަބުން ވީހައިވެސް ކަމަކީ އިންސާނާގެ ހިތްހަމަޖެހުން ނެތިގެން ދިއުމެވެ. މި ތަރައްޤީގެ އެހީގައި އިންސާނާއަކަށް އެއްވެސް ހަމަޖެހުމެއް ނުހޯދުނެވެ.

މިހާރަކަށް އައިސް އަޖާއިބުވާ ފަދަ ކަމެއް ފެންނަމުން އެބަދެއެވެ. އެއީ މާއްދީ ތަކެތީގެ އެހީގައި އުފާވެރިކަމާއި، ހިތްހަމަޖެހުން ހޯދަން އުޅުމެވެ. މީގެ ނަތީޖާއަކީ “އަޑު” ގަދަ ވެގެން ދިއުމެވެ. އަޑުފަށްގަނޑު ހައްތަހާ ދަނީ ގަދަވަމުންނެވެ. އެކަމަކު ހިތްހަމަޖެހުމެއް ފެންނާކަށް ނެތެވެ. ހިތްހަމަޖެހުމުގެ “ސަބަބު” ތައް ބައިވަރެވެ. އެކަމަކު ޙަޤީޤީ ހިތްހަމަޖެހުން ލޮލުކޮޅަށްވެސް ފެންނާން ނެތީއެވެ.

މީގެ ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބު މިއޮތީ ދިމާއަށް ފެންނާށެވެ. އަޅުގަނޑުމެން މިދަނީ އަގެއް ނެތް މާއްދީ ތަކެތިން ފުރާނަފަދަ އަގު ބޮޑު އެއްޗަކަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރަމުންނެވެ. މިއީ ދުވަހަކުވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ޖޫލިއަން އޮފް ނޯވިޗް  (Julian of Norwich)ބުނެފައިވަނީ ހަމަ ތެދު ވާހަކައެކެވެ. “ފުރާނައަށްވުރެ އަގުހެޔޮ އެއްޗެއްގެ ބޭނުން ކޮށްގެން ފުރާނައަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.”

އިންސާނާއަކީ އަޝްރަފުލްމަޚްލޫޤާތެވެ. އިންސާނާއަކީ އަޅުގަނޑުމެންނަށް ފެންނަން މި އޮތް ދުނިޔޭގައި ލައްވާފައިވާ އެންމެ އަގު ބޮޑު މަޚްލޫޤެވެ. އިންސާނާއަށްވުރެ އަގު ބޮޑު ފަރާތަކީ ހަމަ އެކަނި ޚާލިޤެވެ. މަޚްލޫޤުން ހެއްދެވި ފަރާތެވެ. ވުމާއެކު އިންސާނާއަށް ހަމަޖެހުމެއް ލިބުން އޮތީ ހަމައެކަނި ޚާލިޤުގެ ފަރާތުންކަން އެނގެއެވެ. މިއަށްވުރެ “އަގުހެޔޮ” ފަރާތަކުން އިންސާނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

މި ޙަޤީޤަތް ވަނީ ކީރިތި ޤުރްއާނުގެ އައްރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގައި ބަޔާންކޮށް ދެއްވާފައެވެ. އެ އާޔަތުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި މުއުމިނުންނަށް ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި ﷲ ހަނދުމަ ކުޅައުމުންނެވެ. މިއީ އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top