ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އޭދަފުށީ ކައުންސިލުން 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހޯދައިފި

DSC_06781.jpg

ފަހަކަށް އައިސް އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުންދާތީ އެކަން ހައްލުކުރުމަށްޓަކައި އޭދަފުށީ ކައުންސިލުން ކުރިމަސައްކަތުން 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް ލިބިއްޖެކަން އެކައުންސިލުން ހާމަކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިހާރު ރަނިންގް ކޮންޑިޝަންގައި ހުރި 450 ކޮލޯވޮޓްގެ ސެކަންޑްހޭންޑް މިޖަނަރޭޓަރަކީ ހެޔޮއެދޭފަރާތަކުން އޭދަފުށީ ރައްޔިތުންނަށް ކުރި ހަދިޔާއެއްކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިޖަނަރޭޓަރު ބޭނުންކޮށްގެން ރޯދައިގެ ކުރިން އޭދަފުށީގެ ކަރަންޓްގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާ، ޖަނަރޭޓަރު އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް ލަސްނުވެ ފަށާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޖަނަރޭޓަރު ގެނައުމުގެ ކުރިން ފެނަކަ އޭދަފުށީ އިންޖީނުގެއާ، ކަމާބެހޭ އެހެންފަރާތްތަކާއެކު ވާންޖެހޭ ތައްޔާރީތައް ދެދުވަހެއްގެތެރޭގައި ފެށޭނެކަމަށާ، އަމާޒަކީ ރޯދަމަހު ކަރަންޓް ޔަގީންކުރުން ކަމަށެވެ.

“ކޮންމެ ގޮތެއްވިޔަސް 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެހެރީ ލިބިފައި. އިންޖީނުގޭގައި ތިބިމީހުންގެ ހިއްވަރެއް ހުރިއްޔާ ފެނަކައާ ގުޅިގެން އިންޖީނު އިންސްޓޯލް ކުރުމުގެ ކަންކަމާ އުޅެންވީ. އެކަމުގެ ރަސްމީ މަޝްވަރާތައް ދެދުވަހެއްގެތެރޭގައި ހިނގައިގަންނާނެ. އަޅުގަނޑު މިހާރު މިދަނީ ޖަނަރޭޓަރު އަވަސްގޮތަކަށް އޭދަފުއްޓަށް ގެނައުމަށް މަސައްކަތް ކުރަމުން” އަލީ ވަހީދު އީވިއަށް ވިދާޅުވިއެވެ.

އޭދަފުށީ އިންޖީނުގޭގައި މިވަގުތު މިރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުން އޭދަފުއްޓަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ވަނީ ދަތިވެފައެވެ. ލޯޑް މަތިވުމުގެ ސަބަބުން ބައެއް ދުވަސްދުވަހު ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހޭ ހިސާބަށްދާކަމަށް ކައުންސިލުން ބުނެއެވެ.

މިއަހަރުގެ ހިސާބުތައް ދައްކާގޮތުން އޭދަފުށި އިންޖީނުގެއިން ލޯޑްމަތީ ވަގުތުތަކުގައި 600 ކިލޯވޮޓަށްވުރެ މައްޗަށް ލޯޑްނަގާކަމަށް އިންޖީނުގެއާ ހަވާލާދީ ރަށުކައުންސިލުން ބުނެއެވެ. މިވަގުތު އޭދަފުށީ އިންޖީނުގޭގެ ފުލް ކެޕޭސިޓީއަކީ 750 ނަމަވެސް އިންޖީނުތަކުގެ ކޮންޑިޝަން ހުރިގޮތުން އެވަރަށް ކަރަންޓް އުފެއްދުމަކީ ކުރެވޭނެކަމެއްނޫންކަމަށްވެއެވެ.

1995 ވަނައަހަރު ޖުމްލަ 225 ކިލޯވޮޓްގެ ކެޕޭސިޓީއަކާއެކު ފެށި އޭދަފުށީ އިންޖީނުގެއަށް މިއަހަރު ފެނަކައިންވެސް 600 ކިލޯވޮޓްގެ އާޖަނަރޭޓަރެއް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ތަފާސް ހިސާބްތައް ބުނާގޮތުން އޭދަފުށީގެ ލޯޑް ކެޕޭސިޓީ ކުރިޔަށް އޮތް ފަސްއަހަރުދުވަހުގެތެރޭގައި 1 މެގަވޮޓަށް މަތިކުރަންޖެހޭނެކަމަށްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top