އުކާލެވޭ ކާތަކެއްޗާމެދު ސަމާލުވޭ ! ނުރައްކަލެއްގެ އިންޒާރަކަށްވެދާނެ- ސިދުގީ

DSCN5030.jpg

އޭދަފުށީގެ ގޭގެއިން ކުނިއުކާލުމަށް ބޭނުން ކުރާ ޕިކަޕެއް ގޭގެއިން ކުނި ނެގުމުގެ މަސައްކަތުގައި -އީވީ ފައިލް ފޮޓޯ

އޭދަފުށީގެ ކުނިގޮނޑަށް މި ރޯދަމަހު އުކާލެވޭ ޑަސްބިން ކާއެއްޗެތި އާދަޔާހިލާފަށް އިތުރުކަމަށާ، މިކަމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ރޯދަމަހު ސިއްހީގޮތުން އަތޮޅުގެ ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންކަމާބެހޭގޮތުން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ އާންމުގޮތެއްގައި ހުރިހާ ރަށެއްގައިވެސް ޑަސްބިން ކާއެއްޗެތި އުކާލާމިންވަރު މިމަހު އިތުރުވާކަމަށެވެ. އެގޮތުން މިއަހަރު އޭދަފުށިން އުކާލެވޭ މިފަދަތަކެތި އާދަޔާ ހިލާފަށް އިތުރުވަމުންދާކަން ތަފާސްހިސާބުން ދައްކާކަމަށް އޭނާ ވިދާޅުވިއެވެ. ސިދުގީ ވިދާޅުވީ މިކަމުގެ ސަބަބުން ރޯގާތައް ފެތުރުމާއި، ސިއްހީ ނޭދެވޭ ކަންކަމަށް މަގުފަހިވެގެންދާތީ ސަމާލުވާންޖެހޭކަމަށެވެ.

“ކުނިކޮށި އަޅުގަނޑުމެން މޮނީޓާކުރަން އެބަ އާންމު އުސޫލުން. މިދިޔައަހަރާ އަޅާބަލާއިރު މާބޮޑަށްވެސް އިސްރާފް ބޮޑުކޮށް ފެންނަނީ. މިއީ ނުރައްކަލެއް. މިކަމުގެ ސަބަބުން ސިއްހީގޮތުން ކިތަންމެ ބޮޑު މުސީބާތަކާވެސް ކުރިމަތިވެދާނެ. އެހެންވީމާ އިސްރާފް ކުޑަކޮށް އުކާލާ ކާބޯތަކެތި ވީހާވެސް މަދުކުރަން އަޅުގަނޑު އެދެން” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ސަމާލު ވާންޖެހެނީ ހަމައެކަނި ޑަސްބިން ކާބޯތަކެއްޗާމެދު ނޫންކަމަށާ، މިދުވަސްވަރަކީ ކެއިން ބުއިމުގައިވެސް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެއްކަމަށްވާތީ، އެކަމާމެދުވެސް އާންމުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން ރޯދަވީއްލައިގެން ކެއިން ބުއިން ގެންގުޅެންޖެހޭ ގޮތާއި، ކުޑަކުދިންނަށް ކާންދިނުމުގައި މިމަހު ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ސިދުގީ ވިދާޅުވިއެވެ.

“ރޯދަ ވީއްލައިގެންވެސް ކުއްލިއަކަށް ގިނައިން ނުކާށޭ މިދަންނަވަނީ. ލުއިގޮތަކަށް ފަށާށޭ، ކަދުރާ، ފިނި ބުއިމަކުން. ދެން ހަވާދުލީ ކާނާއާއި ތެޔޮގިނަ ކާނާއާ ދުރުވާންޖެހޭ. ކުޑަކުދިންނަށް ބައެއްފަހަރު ރޭގަނޑު ހަދާފައިހުންނަ ކާނާ ދެވޭތަން އެބައާދޭ އަނެއްދުވަހު. އެކަހަލަ ކަންކަމާހުރެ ސިއްހީ މައްސަލަތައް ކުރިމަތިވޭ”

ސިދުގީ ވިދާޅުވީ މިދުވަސްވަރު ރޯގާއެއްގެ ސިފައިގައި އެއްވެސް ބައްޔެއް އަތޮޅުތެރޭގައި ފާހަގަނުކުރެވޭ ކަމަށާ، ނަމަވެސް އެކަންކަމާ ހިތްހަމަޖެހިގެން ތިބުމުގެ ބަދަލުގައި ރޯގާއެއް ފެތުރިގެން ހިނގައިދާނެ އެންމެހައި ކަންކަމުން ރައްކާތެރިވުމަށް އެންމެންވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top