ހިތޭ ދޭމީ ފުރޭ ލޯބިން

My-Heart-Belongs-To-You.jpg

ވާހަކަ ލިއުނީ (އައިޝާ)

ދިރިއުޅުން އަހަންނާ މިހާ ބޮޑު ސަމާސާއެއް ކުރާނެކަމަށް އެއްގޮތަކަށްވެސް ހީއެއް ނުކުރަމެވެ. ޒުވާން ކަމުގެ މަސްތުގެ ރަހަ ނުދެކި ޒުވާންކަންވެސް ފަސްދީފައިވަނީ ހުސްހަށިބައި ގޮތުގައި ހުރެއެވެ. ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ނުކުޅެދޭ މީހެއް ނޫނެވެ. ނުކިޔަވާހުރި މީހެއް ނޫނެވެ. ބަލާލަން ރީތި ނޫނަސް ހުތުރު މީހަކަށް ނުވާނެއެވެ. މޫދުގައިވާ ގަލަކަށް މަހެއް ވާނެއޭ ބުނާފަދައިން ކޮންމެ ފިރިހެނަކަށް އަންހެނަކު ވެއޭ ބުނާ އަޑު އަހަމެވެ. އެހެންވިއްޔާ އަހަރެންނަށް ޓަކާ ހައްދަވާފައިވާ އަންހެނާ ކޮބާ ހެއްޔެވެ؟

ބުނަން ހެއްޔެވެ. އެދުވަސް އަހަންނާ ބައްދަލުކުރިއެވެ. ކާމިޔާބު ދިރިއުޅުމެއް ފެށުމަށް ބޭނުންވާ މަގު ރީތިކޮށް ކުރިމަތީގައި ފެންނަންއޮތެވެ. އަހަންނަށް ހިތްކިޔާހެން ހީވީ ކިތަންމެ ކުދިންނެއް ދިމާވިއެވެ. އެކަމަކު އެއިން ކަމަކަށް ޚިޔާލު ކުރެވޭ ވަރަށްވުރެ ބޮޑަށް އަހަރެން އުޅުނީ އަހަރެންދެކެ ލޯބިނުވާ އަހަރެން ބޭނުން ނޫން އަންހެންކުއްޖެއްގެ އަވާގައި ޖެހިގެންނެވެ. ތެދަށް ބުނާނަމަ އަހަރެން އަހަރެންގެ ޒުވާންކަން ބޭނުންކުރީ އެއަންހެންކުއްޖާއާ ހުރެ ދީވާނާ ވެފައިވާ މީހެއްގެ ގޮތުގައެވެ.

ދިރިއުޅުން އަހަންނާ ސަމާސާކުރީއެއް ނޫނެވެ. އަހަރެން، ދިރިއުޅުމާ ސަމާސާކުރީއެވެ. އަމިއްލަ އެދުން ކުރިއަށް ނެރެގެން ދެލޯބިވެރިންގެ ދެމެދަށް ވަދެވުނީއެވެ. އަހަރެންގެ ކިބައިގަ ޒުވާންކަމާ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރުމުގެ ގާބިލުކަމާއި ބާރު ލިބިފައި ހުރެމެ އެހެން ބަޔަކު ހައްދަމުންގެންދާ ބަގިޗާއަކުން ވަގަށް މާ ބިންނަން އުޅުނީއެވެ. އެކަމުގެ އުގޫބާތް އަހަރެންގެ 50 އަހަރަށްދާ މި އުމުރުގައިވެސް މިދެކެނީއެވެ.

ނާއުއްމީދާއި މާޔޫސީކަމުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުން ދާއިރު ދެންވެސް، ތަގުދީރު އަހަރެން ގޮވައިގެން ދިރިއުޅުމުގެ މި އެކަނިވެރިކަމާއި ނާމާންކަމުގެ ދަތުރު ނިންމާލާފައި މުޅިއުމުރަށް ހިމޭންކަމުގެ ހަމަޖެހުން ހޯދައިދޭނެނަމައެވެ.

                           *******

ސާލިމްގެ އުމުރުން 12 އަހަރު ނުވެ އުޅެނިކޮށް މަންމަ ނިޔާވީ އެއީ އަޒަލުގެ ނިޔާއެވެ. މަންމަ ނިޔާވުމާއެކު ބައްޕަ ދެވަނަ ކައިވެންޏެއް ކުރީ ސާލިމުއާއި އޭނާގެ 16 އަހަރުގެ ދައްތަ ފަރީދާއަށް އުނިވެފައިވާ މަންމަގެ ލޯތްބާއި އަޅާލުން ހޯދައިދެވޭތޯއެވެ. މަގްސަދަކީ މިއީ ކަމަށްވިޔަސް ބައްޕަގެ ހޮވުން ރަނގަޅެއް ނުވިއެވެ. ދޮންމަންމަ ވީ ދޮން ނިޔަދުރަކަށެވެ.

އެއް ފުރައިގެ ކުދިން އެކުދިންގެ މަންމައާއި އާއިލާއާއެކު އަތުގުޅާލައިގެން ހަވީރު ފިންޏަށް ހިނގާލާފައި ދާއިރު އޭނާވެސް އެކުދިން ފަދައިން މަންމައާއެކު ހިނގާލަން ދާހިތް ވެއެވެ. އެކަމަކު ސާލިމުއަށް ހުރެވެނީ ހަމައެކަނި މަންޒަރު ބަލާށެވެ. އެކުދިންގެ ހެޔޮ ނަސީބާމެދު ފާޑަކަށް ހަސަދަވެރިވެފައެވެ. އޭނާއަށް އެނަސީބު ނުލިބުނީތީވެ ދުނިޔެއާމެދު ޝަކުވާ އުފެދިފައެވެ.

އެކުދިންތައް ފަދައިން ހީނ ސަކަރާތް ގަނެ އުޅޭ ހިތްވިޔަސް ނަސީބުގައި ލިއުއްވާފައި ނުވާކަމަކާމެދު ހިތާމަކުރުމަކީ މޮޔަކަމެއްކަންވެސް އޭރަކު ނޭނގޭނެތާއެވެ. އެފަދަ ވަގުތުތަކުގައި ދައްތަގެ އޯގާތެރި އަތުން ފިރުމާލާފައި ބުނާނެއެވެ.” އަހަރެމެންނަށް އަދި މިނޫން ދުވަހެއް ދައްކަވާނެއެވެ.  ކޮންމެ ރޭގަނޑެއްވެސް ނިމެނީ އަލިވިލުމަކަށް ނޫން ހެއްޔެވެ. އެހެން ވީއިރު އަހަރެމެންގެ މި ކަޅު ކަމާ އަނދިރިކަމުގެ ރޭތަކަށްވެސް ނިމުން އަންނާނެއެވެ. އަދި އޭގެ ފަހުން ނަސީބު ހިނިތުންވެލާނެއެވެ.”

އެއީ ދައްތަ ދެކޭގޮތެވެ. އެކަމަކު ސާލިމް ދެކެނީ އެއާދިމާ އިދި ކޮޅަށެވެ. އުފަލާ ހިނިތުންވުން ނަސީބުގައި ލިއުއްވާފައި ނުވާނަމަ އެމީހަކު ނިމިދާނީ ރޮއިރޮއި އޮއްވައެވެ.

ސާލިމުއާއި ފަރީދާއަށް ކިޔަވައިދެވޭތޯ ބައްޕަ ވަރަށް މަސައްކަތް ކުރިއެވެ. އުމުރުން ހަތް އަހަރުގައި މަދަރުސާއަށް ވައްދައިގެން ކިޔަވައިދޭން ފެށިއެވެ. މަންމަ ނިޔާވުމަށް ފަހުވެސް މިކަމަށް މެދު ކެނޑުމެއް ނާދެއެވެ. އަމިއްލަ މީސްމީހުންގެ ގާތަށް ފޮނުވައިގެންވެސް ކިޔަވައިދޭން މަސައްކަތް ކުރީ އެދެކުދިންނަކީ މޮޅުކުދިންނަށް ވުން އެދޭލެއް ބޮޑުކަމުންނެވެ.

ދުނިޔެއަށް ހޭލެވުން ދިޔަ ވަރަކަށް ސާލިމް ވިސްނަމުން އައީ އޭނާގެ އެކަނިވެރިކަމާއި ހަމަޖެހުމެއް ނެތް ދުނިޔެ އެހެން ގޮތަކަށް ބަދަލުވެ އެހެން މީހުންވެސް އުޅެމުންދާ އުފާވެރި ދުނިޔެއަކަށް ދެވޭނޭ ގޮތަކާމެދުއެވެ. އޭނާގެ ޅަ ސިކުނޑި ބުނަމުން އައީ އެކަން ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ކިޔަވައިގެން މޮޅު މީހަކަށް ވުމެވެ. ނަސީބު ބަދަލުކޮށްލުމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ކިޔެވުންކަމާއި ތައުލީމަކީ އެމީހާގެ ދުނިޔެ ސުވަރުގެއަކަށް ބަދަލުކޮށްލާނެ ކަމެއްކަމުގައި ބައްޕަ ކިތަންމެ ފަހަރަކު ބުނެފައި ވެއެވެ. ބައްޕަގެ ބަސްތަކުން ހިތްވަރު ލިބިގެން ނަސީބުގައި ވަކަރުޖަހާލުމަށް އޭނާ ގަސްދު ކުރީ ކިޔަވާށެވެ. ފުރުސަތު ފަހިވިވަރަކަށް އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން ކުރިއަށް ދާށެވެ.

އެންމެ ފަހުން ފުރުސަތު އައިސް އޭނާއާ ބައްދަލުކޮށްފިއެވެ. ސާލިމުއަށް މާލެއަށް ދެވޭ ގޮތްވީއެވެ.

އެއީ އޭނާގެ ހަގީގީ މަންޒިލަށް ދިއުމަށް ދަތުރު ފަށަން ޖެހުނު ހިސާބެވެ. ބައްޕަ ގަސްދުކުރީ އޭނާ މާލެއަށް ފޮނުވާލާށެވެ. ކީއްވެގެންކަމެއް ނުބުނެއެވެ. ދޮންމަންމަގެ ހިޔާވަހިކަން ލިބޭ ހިސާބުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ. އެހެންނޫނީ ސާލިމްގެ އުމުރު އަދި މަހަށްފަރަށްގޮސް އުޅެން ހުއްދަ ނުދޭތީވެ އިތުރަށް ކިޔަވައިދިނުމުގެ މަގްސަދުގައި ކަމަށްވެސް ވެދާނެއެވެ. ނުވަތަ ބައްޕަ އެ ބުނާ ފުރުސަތު ހޯދައިދިނުމަށްކަމަށްވެސް ވެދާނެއެވެ. ބައްޕަ ގާތުގައި މިއިން އެއްވެސް ވާހަކައެއް ނާހައެވެ. އެހުމުގެ ބޭނުމެއް ނެތެވެ. އޭނާ ބޭނުންވީ މާލެ ދާށެވެ. މާލެއަށް ގޮސް ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނަސް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ނިންމިއެވެ.

މާލެއެވެ. އާދުނިޔެއެކެވެ. އަމިއްލަ ވަޒަނުން އެހެން ތަނަކަށް ބަދަލުވުމުން ބީރައްޓެހިކަމެއް އިހްސާސެއް ނުކުރެވެއެވެ. އެހެންކުދިން އުޅޭ ފަދައިން ރަށް ހަނދާންވާތީއެއް ނޫޅެއެވެ. ރަށުގައި އޮތްހާވެސް އެއްޗަކީ ވޭތުވެދިޔަ ދުވަސްތަކުގެ ހިތި ހަނދާންތަކެކެވެ. މަރްހޫމް މަންމައާއ، ދައްތަގެ އެކަނިވެރިކަމުގެ ހަނދާންތަކެވެ.

މާލޭގައި ސާލިމް ހުރީ މުއްސަނދި ގަދަރުވެރި އާއިލާއެއްގެ ގޭގައެވެ. އޭނާގެ ވަޒީފާއަކީ ބާޒާރު ކޮށްދިނުމާ ގޭތެރޭގައި ޖެހޭ ކުދިކުދި މަސައްކަތް ކޮށްލުމެވެ. ސާލިމް ނޫނަސް އިތުރު ތިން ހަތަރު ކުދިން އެކި މަސައްކަތަށް ޚާއްސަކޮށްފައި ތިބޭތީވެ އޭނާ އުޅުނީ އެހާ ބުރަކޮށެއް ނޫނެވެ. ގޭގެ ވެރިންނަކީ  ބޭފުޅުން ކަމަށްވެފައި ސާލިމްމެންނަކީ ރާއްޖެތެރޭގެ ފަގީރުންކަމުގައި ވިޔަސް އެބޭފުޅުން ކަންތައް ކޮށްދިނީ ވަރަށް ރަނގަޅަށެވެ. ކިޔެވުމަށް ބާރުއަޅައި ދެއްވައި އެކަމުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ނަސޭހަތް ދެއްވައި އެމަގު ހުޅުވައިދެއްވިއެވެ.

މި މަގުން އޭނާ ކުރިއަށް ދިޔައެވެ. އޭނާގެ މުޅި އަމާޒަކީ މޮޅު މީހަކަށް ވެގެން އޭނާގެ އެކަނިވެރިކަމާއި ފަގީރުދުނިޔެ ބަދަލުކޮށްލުމެވެ. އެމަގު އޮތީ ފަހިވެފައެވެ. އޭނާ ރޭދުވާ އެއްކޮށްލައިގެން މަސައްކަތް ކުރީ މޮޅު މީހަކަށް ވާށެވެ.

*******

ފަސް އަހަރުދުވަހަށްފަހު ސާލިމު ހުރީ ކާމިޔާބުގެ ހިނިތުން ވުމުގައެވެ. ކިޔަވައިގެން ހުރި މީހެއްކަމަށް ގަބޫލުކުރާ ވަރަށް ސަނަދުތަކެއް ނަގައިގެންނެވެ. ސަރުކާރުން ހިންގި ނެވިގޭޝަން ކޯހެއްގައި ބައިވެރިވެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓްވެސް ހޯދާފައެވެ. އެކޯހުގައި އޭނާ ބައިވެރިވީ ބޯޓު ދަތުރުކުރަން ދިއުމުގެ ބޭނުމުގައެވެ. އެންމެ އަވަހަށް އެންމެ ގިނަ ފައިސާލިބޭ ވަޒީފާއަކީ އެއިކަމަށް ވާތީއެވެ.

ބޯޓުދަތުރު ކުރަން ދިއުމުގެ ދިގު ކިޔޫގައި އޭނާ މަޑުކުރަން ނުޖެހުނީ ނެވިގޭޝަން ކޯސް ހަދާފައި ހުރުމުންނެވެ. ވަޒީފާއަށް އެޕްލައި ކުރުމާއެކު ޓްރޭނީއެއްގެ ވަޒީފާ ލިބުނީ ހީކުރިވަރަށް ވުރެވެސް އަވަހަށެވެ.

ބޯޓުދަތުރުކުރަން މިދަނީ ދުނިޔެ ބަލާލުމުގެ ބޭނުމުގައިކަމަށް ބައްޕަގާތު ބުންޏެވެ. އެނބުރި އަންނާނީ ދެއަހަރުދުވަސް ފަހުންކަމާއި ކޮއްކޮ ފަރީދާއަށް ހެޔޮކޮށް ހިތުމަށް އެދި ސިޓީއެއް ފޮނުވިއެވެ.

ބޯޓުދަތުރުކުރަން ގޮސް ކަނޑުމަތީގެ ދެއަހަރު ދުވަހުގެ ތަޖްރިބާއަށް ފަހު އޭނާ ރާއްޖެއައީ ލިބުނު ފުރަތަމަ ޗުއްޓީގައެވެ.

އޭރުގެ ހާލަތާއި މީހުންގެ ވިސްނުން ހުރި ގޮތުން ދެއަހަރުދުވަހު ބޯޓުދަތުރުކޮށްފައި އަންނަ މީހަކީ އާދައިގެ މީހެއް ނޫނެވެ. ބައިވަރު ފައިސާ ހުންނާނެތީއާ ބޭރު ކަރަކަރާގައި އުޅެފައި އައުމުން އެމީހާ ހުންނާނީ އާދައިގެ އިންސާނަކަށް ވުރެ ތަންކޮޅެއް މަތީގައެވެ. ގަދަރުވެރި އަބުރުވެރިމީހެއްގެ ގޮތުގައެވެ. އޭނާ ރަށަށް އައީ މި ކަންކަން އެނގި ހުރެ އެގަދަރުވެރި ކަމާއެކުގައެވެ.

ހަމަ އެދުވަހެވެ. ރީތި ހަވީރެކެވެ. މަގުތަކުގައި ޒުވާންކުދިންތައް ނަލަހެދިލައިގެން ކޮޅުކޮޅުމައްޗަށް ހިނގަނީއެވެ. އެއް ބަޔަކު އަތިރިމައްޗަށް އަނެއްބަޔަކު ކުޅިވަރުކުޅޭ މައިދާންތަކާ ދިމާލަށް އަދި އަނެއް ބަޔަކު ކޮންމެވެސް އެހެން ދިމާލަކަށެވެ.

ވަކި މަގްސަދެއްނެތި އޭނާއަށް ދެވުނީ ރަށުގެ ދެކުނުފަރާތު އަތިރި މައްޗަށެވެ.

ހިރުނދު ގަހެއްގެ ނިވަލުގައި އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ވަރަށް އިޝްގީވެފައި ތިބި ޒުވާން” ޖޯޑެއް” ސާލިމުގެ ނަޒަރުން ކެހިގެން ނުދިޔައެވެ. އެކުދިންގެ އަމިއްލަ ދުނިޔެއަށް މާބޮޑަށް ގެއްލިފައި ތިބިގޮތް ކަމުދިޔައީ ކަމަށް ވެދާނެއެވެ. ނުވަތަ މޫސުމުގެ ހިތްގައިމުކަމާ މިރީތި ހަވީރާއެކު އޮއްސެމުންދާ އިރުގެ ރަން ރީދޫ ކުލަ އެމަންޒަރާ މާބޮޑަށް ގުޅެނީ ކަމަށް ވެދާނެއެވެ. ނޫނީ އޭނާވެސް އެފަދަ މަންޒަރެއްގެ ތެރެއަށް ބައިވެރިއަކާއެކު ގެއްލިގެން އިންނަހިތްވަނީ ކަމަށް ވެދާނެއެވެ. އޭނާ ހުރީ އެމަންޒަރު ބަލަން ދޯންޏެއްގެ މަތިކަން މަތީގައި އުޅަބޮށި ޖައްސާލައިގެންނެވެ. (ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top