ރާޖޭޝްކަންނާގެ ހަނދާންތައް

maxresdefault.jpg

އިންޑިއަން ސިނަމާގެ ފުރަތަމަ ސުޕަރސްޓާރ ޖަތިންކަންނާ (ރާޖޭޝްކަންނާ )އުފަންވެފައިވަނީ އިންޑިއާގެ އަމްރިތުސާ ގައި ޑިސެމްބަރ1942 ގައެވެ. ފިލްމް ކުޅެގެން ލިބުނު މަޝްހޫރު ކަމާއެކު އޭނާ ވަނީ ފިލްމް އުފެއްދުމުގެ މަސައްކަތުގައާއި ސިޔާސި ލީޑަރެއްގެ ގޮތުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

ފާހަގަކޮށްލެވޭ ކާމިޔާބު ތަކަށް ބަލާއިރު އެންމެ ދެ އަހަރުގެ ތެރޭގައި (1969-1972އަށް ) އޭނާވަނީ 17 ހިޓް ފިލްމް އުފައްދާފައެވެ. މިރެކޯޑާ ހަމައަށް އެއްވެސް ސްޓާރަކަށް އަދި އާދެވިފައެއް ނުވެއެވެ.

ރާޖޭޝްގެ ފިލްމީ ހަޔާތް ފަށާފައިވަނީ 1966 ގައި “އާޚިރީ ޚަތު” އިންނެވެ. މުޅި ކެރިއަރުގައި 160 އަށް ވުރެ ގިނަ ފީޗަރ ފިލްމާއި 17 ކުރުފިލްމް އުފެއްދުމުގެ އިތުރުން ފިލްމްފެއަރ ބެސްޓް އެކްޓަރއެވޯޑް 3ފަހަރު އަދި ޖޭއޭ އިން ހޮވާ އެންމެ މޮޅު އެކްޓަރގެ އެވޯޑު ހަތަރު ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ފިލްމްފެއަރ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހޯދައި 1970ން 1987 އާދެމެދު އެންމެ ގިނަ އާމްދަނީ ލިބޭ ފިލްމްސްޓާރގެ ގޮތުގައިވެސް ވަނީ ރެކޯޑް ކުރެވިފައެވެ.

ތައުލީމީ ހަޔާތަށް ބަލާއިރު މުމްބާއިގެ އެސްޓީ. ސަބަސްޓިއަން ގޯން ހައިސްކޫލުގައި އުޅުނު އިރު އޭނާއާ އެންމެ ގާތް ގުޅުމެއް އުފެދިފައިވަނީ އެކްޓަރ ޖީތެންދްރާއެވެ. ދެ އެކުވެރިންނަކީވެސް ތިއޭތަރ އެކްޓްތަކަށް ޝައުގުވެރިކަން ހުރި ބަޔަކަށް ވާތީ އެރޮނގުން ސްކޫލާއި ކޮލެޖްގައި ވެސް ކާމިޔާބު ޝޯތަކެއް ދެމުން ގެންދިޔައެވެ. ހަމައެއާއެކު އިންޓަރކޮލެޖް ޑްރާމާ މުބާރާތްތަކުގައި ބައިވެރިވެ ދެމީހުންނަށް ގިނަ އިނާމު ތަކެއް ވެސް ލިބިގެން ދިޔައެވެ.

އާޓްސްގެ ރޮގު ޚިޔާރު ކުރިނަމަވެސް އޭނާވަނީ ޕޫނާގެ ނިއުރޮސްޖީ ވާދިޔާ ކޮލެޖުން ގްރެޖްއޭޓްވެ ތައުލީމީ ރޮނގުން ބީއޭ ފާސް ނަގާފައެވެ.

1965ގައި ޔުނައިޓެޑް ޕްރޮޑިއުސާސް އާއި ފިލްމްފެއަރ އިން އިންތިޒާމްކޮށްގެން ބޭއްވި  އޯލްއިންޑިއާ ޓެލެންޓް ކޮންޓެސްޓް ގައި 10000 މީހުންނާ ވާދަކޮށްގެން ރާޖޭޝްކަންނާ 8 ވަނަ ފައިނަލިސްޓްގެ ގޮތުގައި ހޮވުނެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ ފިލްމް އުފެއްދުމުގައި މަޝްހޫރު ނާސިރު ހުސޭން ، ބީއާރް ޗޯޕްރާ، ބިމަލް ރޯއީ ، ޖީޕީ ސިއްޕީ ފަދަ ފުންނާބު އުސް މީހުންނެވެ. ރާޖޭޝްކަންނާގެ މޮޅު އެކްޓިންގ ފެނިފައި ވަގުތުން ޖީޕީ. ސިއްޕީއާއި ނާސިރުހުސޭން ރާޖޭޝްކަންނާ ލައްވާ އޭނާގެ ފުރަތަމަ ފިލްމް  “އާކްރީޚަތު ” ކުޅުމަށް ސޮއި ކުރުވިއެވެ. ޖެތިންކަންނާގެ ނަން ރާޖޭޝްކަންނާއަށް ބަދަލުވީ މިހިސާބުންނެވެ.

ހަމައެއަހަރު ފިލްމް “ރާޒް” ކުޅުމަށް ފަހު ފިލްމީ މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

“އާޚިރީޚަތު އެއީ ފުރަތަމަ ފިލްމް ކަމަށް ވިޔަސް އޭގެ ފަހުން ކުޅުނު ރާޒްގައި އަހަރެން ލީޑް ރޯލް އަދާކުރަންޖެހުނީ ބަބީތާއާއެކު. އެއީ އޭރުވެސް މަޝްހޫރު އަދި މޮޅު އެކްޓްރެސް އެއް. މިކަހަލަ ތަޖްރިބާހުރި ބަތަލާއެއްގެ ކައިރީގައި އަހަރެންގެ އެކްޓް ފުރިހަމަވެދާނޭކަމުގައި ޝައްކު އުފެދެމުން ދިޔަ. އަހަންނަކީ ކެމެރާގެ ކުރިމަތީގައި ވަރަށް ލަދުރަކި މީހެއް. ފުރަތަމަ ތިން ޝޮޓް ނެގިއިރު އަހަރެން ހުރީ ވަރަށް ސްޓްރެސް ވެފައި. އެކަން އަހަރެންގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށްވެސް ފެންނާނެ. ޑައިރެކްޓަރ ރަވިންދްރަ، ޑައިލޮގް އާއި ސީން ގައި ކަންތައް ވާންޖެހޭ ގޮތާއި އެންމެ ކުޑަމިނުން އަހަރެން ފިޔަވަޅު އަޅާނޭގޮތަށް ދަންދެން ވަރަށް ސާފުކޮށް ކިޔާދިން.”

ރާޖޭޝްކަންނާ އާރާދަނާގައި ޝަރްމީލާ އާއެކު

މި ޕްރޮޖެކްޓަށް ފަހު ޔުނައިޓެޑް ޕްރޮޑިއުސަރސްއިން އޭނާއަށް ފިލްމް އައުރަތު، އިއްތިފާގު، ޑޯލީ ދިނެވެ. އިންޑިއަންސްކްރީންގެ ފުރަތަމަ ސުޕަރސްޓާރ ގެ މަގާމް އޭނާ ހޯދީ މި ދުވަސް ކޮޅުގެ ތެރޭގައެވެ. ފިލްމް އާރާދަނާ އާއި ބަހާރޯންކޭ ސަޕްނޭއާއި ވަހީދާ ރަހްމާނާއެކު ކުޅުނު ޚާމޯޝީއަށްފަހުއެވެ.

1972ގައި ކަންނާގެ 11 ފިލްމް ރިލީޒްވީއިރު އެތަނުން 10 ފިލްމަކީ ހިޓް ފިލްމެވެ. ދުޝްމަން، އަމަރް ޕްރޭމް، އަޕްނާދޭޝް، މޭރޭ ޖީވަންސާތީ އާއެކު އޭނާ 5 ކުރޯޑު ރުޕީސްއަށް ވުރެ ގިނަ އާމްދަނީ ހޯދިއެވެ. ހަމަ އެއަހަރުގެ ފިލްމްތައް ކަމުގައިވާ ދިލް ދައުލަތު ދުނިޔާ ،ބާވަރްޗީ ، ޖޯރޯކާ ގުލާމް ޝަހެޒާދާ އިންވެސް 4.5 ކުރޯޑު ލިބިފަައިވެއެވެ. އެއަށްފަހު ނުކުތް އަނޫރާގްއަކީ އަނެއްކާވެސް ހިޓް ފިލްމެކެވެ. 1973ގައި ނުކުތް އޭނާގެ ރާޖާރާނީ އަކީވެސް އޭނާގެ މި ލިސްޓަށް އާމްދަނީގެ ގޮތުން އިތުރު ކުރެވުނު ބޮޑު އަދަދެކެވެ.

ރާޖޭޝްކަންނާއަކީ ރީތި އަދި މުއްސަނދި ސްޓާރ އަކަށް ވެފައި ހުސްހަށިބައި މީހަކަށް ވުމުން ޒުވާން އަންހެން ކުދިންގެ “އުނދަގޫ” ވަރަށް ބޮޑުވިއެވެ. އޭނާގެ ކާރު ޕާކް ކޮށްފަ އޮތްނަމަ ބޮސްދީ، ތުންފަތުގެ ލިޕްސްޓިކް މާކްޖަހައިގެން ކިސް ކޮށްފަހުރުމަކީ ވަރަށް އާދައިގެ ކަމެކެވެ. ބައެއް މަގުތަކުގައި ދަމާފައިވާ ރޮނގުތަކުގައި ނުފޮހެވޭނެހެން އެކުދިންގެ ނަމާގުޅުވައިގެން ކަންނާގެ ނަން ލިޔެފައި ހުރެއެވެ. އެކުދިންގެ ލެއިން ލިޔެ ސިޓީ ފޮނުވަމުން ގެންދިޔައެވެ. އޭނާ ފެނޭތޯ ކޮންމެ ދުވަހަކު ހެނދުނު އެތައް ހާސް ބަޔަކު އެ ގޭ ދޮށުގައި ކިއުހަދާފައި އޮވެއެވެ. އޭނާގެ ފޮޓޯގައި އެކުދިންގެ އިނގިލި ކަނޑާލައިގެން ލެއިން ސިންދޫރު ޖަހާފައިވެއެވެ. އޭގެ މާނައަކީ ފިރިއެއްގެ ގޮތުގައި ބަލައިގަތީއެވެ.

ރާޖޭޝްކަންނާ ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅިގެން އުޅުނީ 60ގެ އަހަރުތަކުގައި ފެޝަން ޑިޒައިނަރ އަދި އެކްޓްރެސް އަންޖޫ މަހެންދްރައާއެވެ. ކައިވެންޏާ ހަމައަށް ނުގޮސް މި ގުޅުން ކެނޑުނީއެވެ. އެދެމީހުން ވަކިވުމަށް ފަހު ފެނިދެނިވެއުޅުނު ނަމަވެސް 17 އަހަރުވާންދެންއެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށްްްވެއެވެ. އޭނާ ކައިވެނި ކޮށްފައިވަނީ 1973ވަނަ އަހަރު އެކްޓްރެސް ޑިމްޕަލްކަޕާޑިއާއެވެ. ޑިމްޕަލްގެ ފުރަތަމަ ފިލްމް ބޮބީ ނުކުތުމުގެ 7މަސް ކުރިންނެވެ. އެކައިވެނިން ލިބިފައިވަނީ ދެ އަންހެން ކުދިންނެވެ. ދޮށީ އަންހެން ދަރިފުޅު ޓްވިންކަލްކަންނާއަކީ މަޝްހޫރު ފިލްމްސްޓާރ އަކްޝޭ ކުމާރުގެ އަންހެންުންނެވެ. ދެން ހުންނަނީ އޭނާގެ ކޮއްކޮ ރިންކީކަންނާއެވެ. ކައިވެނިކޮށްގެން އުޅެނީ ލަންޑަންގެ މުއްސަނދި ވިޔަފާރިވެރިއަކާ އެވެ. ދެކުދިން ލިބުނު ފަހުން 1984 ގައި ދެމީހުން ވަކިން އުޅުނުނަމަވެސް ވަރީގެ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް ވެއެވެ.

ރާޖޭޝްކަންނާ ދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 80ގެ އަހަރުތަކުގައި އެކްޓްރެސް ޓިނާ މުނިމް އާއެވެ. ޓީނާ އަކީ ސްކޫލް ދައުރުން ފެށިގެންވެސް ރާޖޭޝްކަންނާގެ ފޭން އެކެވެ. ދެ ތަރިން އެކުގައި 11 ފިލްމް ކުޅެފައިވެއެވެ. 7 އަހަރު ދުވަަށް ދެމިގެންދިޔަ މިގުޅުންވެސް ކައިވެންޏާ ހަމައަށް ނުގޮސް ނިމިފައިވަނީ ރާޖޭޝްކަންނާ ކައިވެންޏަށް އިންކާރު ކުރުމުންނެވެ. ސަބަބެއްކަމަށް ރާޖޭޝް ބުނެފައިވަނީ ކައިވެނި ކޮށްފިނަމަ އޭނާގެ ދެ ދަރިންނަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނޭތީކަމުގައެވެ.

ޑިމްޕަލްއާ އޭނާއާދެމެދު ރަސްމީ ގުޅުމެއް ނެތް ނަމަވެސް ޕާޓީތަކަށާއި އާއިލީ ބައްދަލުވުން ތަކަށް ގޮސް އުޅެނީ ދެމީހުން އެކުގައެވެ.  ރާޖޭޝްގެ ސިޔާސީ ކެމްޕޭން ދުވަސްވަރު ވެސް ޑިމްޕަލްވަނީ އެ ކެމްޕޭންގައި ބައިވެރިވެ ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ.ސިޔާސީ މައިދާނުގައި ރާޖޭޝްކަންނާ އުޅެފައިވަނީ  އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ލޯކްސަބާ މެންބަރެއްގެ ގޮތުގައި 1992 އިން 1996 އަށެވެ.

ކެންސަރު ބަލީގައި ގިނަ ދުވަހު އުޅުމަށް ފަހު ރާޖޭޝްކަންނާ މިދުނިޔެ ދޫކޮށްފައިވަނީ ޖޫން 18 ޖުލައި 2012ގައެވެ. މި ދުނިޔެއިން ވަކިވެގެން ދިޔައީވެސް މޮޅު ދެބަހެއް ބުނެލާފައެވެ. “ވަގުތު ހަމަވެއްޖެ، އަހަރެން ޕެކް ކޮށްލާ ! “

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top