އޭދަފުށިން ގޯތިދޫކުރުމަށް ހައުސިން މިނިސްޓްރީގެ ފެހި ސިގްނަލް

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި

ބ. އޭދަފުށިން 100 ގޯތި ދޫކުރުމަށް އޭދަފުށީ ކައުންސިލްއިން ހައުސިންގް މިނިސްޓްރީއާއެކު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން ކާމިޔާބުވެއްޖެކަމަށާ، ކުރިޔަށް ދިއުމަށް ފެހިސިގްނަލް ލިބިއްޖެކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލާ، ހައުސިންގް މިނިސްޓްރީގެ އިންޖިނިއަރުންނާއެކު ކައުންސިލުން ފުރަތަމަ މަޝްވަރާ ބޭއްވީ މިދިޔަ ހޯމަދުވަހު އޭދަފުށީގައިކަމަށް ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޝްވަރާތަކަށްފަހު ހައުސިން މިނިސްޓްރީން އެދިވަޑައިގަތީ، މިހާރު ގޯތިދޫކުރެވެން ހުރި ސަރަހައްދުތައް ކުރަހައި، ދެވެންހުރި އަދަދާއެކު ރަސްމީކޮށް އެމިނިސްޓްރީއަށް ހުށައެޅުމަށްކަމަށެވެ.

“ވަރަށް ޕޮޒިޓިވްކޮށް އެބޭފުޅުން ތިއްބެވީ. މިހާރު… ހަމަމިއަދުވެސް މިކުރިޔަށްދަނީ ކުރަހައި ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުން. އެކަން ކާމިޔާބުކުރަން މެދުކެނޑުމެއްނެތި މިދަނީ މަސައްކަތް ކުރެވެމުން” ބުދަދުވަހު އީވީއަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ ހައުސިންގް މިނިސްޓްރީއާއެކު ޕޮލިސީ ލެވެލްގައި ބާއްވާ 2 ވަނަ މަޝްވަރާއަށް ކައުންސިލްގެ ޓީމެއް އަންނަ ހަފްތާތެރޭގައި މާލެދިއުމަށް ހަމަޖައްސަމުންދާކަމަށާ، އެކަމުގެ މަޝްވަރާތައް ކައުންސިލްގައި އިއްޔެ ހިނގިކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުށް ކިޔާ ފާޑަކަށް މިކަން ހުއްޓުވައެއް ނުލެވޭނެކަމަށެވެ.

“ނޫންނޫން ނޫން ވޯޓަކަށް ނޫން މިކަން މިކުރަނީ. އިދިކޮޅު މީހުންނަށް ހަަޖަމް ނުވެގެން މިއުޅެނީ. ބުނެއުޅެއެއްނު ގަޅިއުކާނީ މޭވާ އަޅާ ގަހަކަށޭ. އެއީ ވާގޮތަކީ. ﷲ އިރާދަކުރެއްވިއްޔާ މިއަހަރު ސަތޭކަ ގޯތި ދޫކުރާނެ”

އޭދަފުށިން މިއަހަރު ގޯތި ދޫކުރުމައްޓަކައި ވާންޖެހޭ ތައްޔާރިތަކުގެ މަސައްކަތް ކައުންސިލުން ފަށާފައިވައިރު، ގޯތި ހޯދުމަށްއެދި 2005 ވަނަ އަހަރު 200 އެއްހާމީހުން އޭދަފުށީ ކައުންސިލަށް ސިޓީލާފައިވެއެވެ. އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top