ބ.ކުންފުނަދޫގައި ހިންގަމުން އަންނަ ލަގްޒަރީ ރިސޯޓް ސޮނެވާފުށި، ކޮންޑޭ ނާސްޓް ޓްރެވަލާސް ޕްރެސްޓީޖިއަލް ގޯލްޑް ލިސްޓް 2022 ގައި އޭޝިއާ ސަރަހައްދުގެ އެންމެ ރަނގަޅު އެއް ރިސޯޓުގެ ގޮތުގައި ހޮވިއްޖެއެވެ.
ކޮންޑޭ ނާސްޓް ޓްރެވަލާސް އިން އަހަރަކު އެއް ފަހަރު މި ލިސްޓް ނެރެމުން ދާއިރު ސޮނެވާ ހޮވިފައިވަނީ އެތަނުން ދޭ ހިދުމަތްތަކުގެ ފެންވަރަށް ބަލައިފައެވެ.
މީގެ 26 އަހަރު ކުރިން ހުޅުވި މި ރިސޯޓުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ސްޕާ އާއި ޕޫލްވިލާ އާއި އައުޓްޑޯ ސިނަމާގެ އިތުރުން ޗޮކްލެޓް ރޫމާއި އައިސް ކްރީމް ޕާލާއެއް ވެސް ހުރެއެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ރިސޯޓަކީ ވެސް ސޮނޭވާ ފުށިއެވެ.
އިންޑިއާގެ ދަރިކޮޅަކަށް ނިސްބަތްވާ އިނގިރޭސި އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ ސޯނޫ ޝިދްވަސާނީގެ މި ރިސޯޓަކީ 2010 ގައި ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާއެކު ދިގު މުއްދަތަށް ޓޫރިސްޓުންނަށް ވިލާތައް ކުއްޔަށް ދޭން ތައްޔާރު ކުރި ފުރަތަމަ ރިސޯޓުވެސް މެއެވެ.
ދާދި ފަހުން ސޮނޭވާ ފުށީގައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއްކޮޓަރީގެ ވިލާ ވެސް ހުޅުވައިފައެވެ.