ދ. ކުޑަހުވަދޫން ކޮވިޑް 19 ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، ދާދިފަހުން އެރަށަށް ދަތުރު ކުރެއްވި ބ. އަތޮޅު ހޮސްޕިޓަލްގެ އިސް ދެ ވެރިން ކަމުގައިވާ ޑިރެކްޓަރ އަހްމަދު ވަހީދާއި، ޕަބްލިކް ހެލްތް ހެޑް، ސިދުގީ އަބްދުﷲ އާއެކު އޭދަފުށިން 9 މީހަކު މިއަދު ހޯމް ކަރަންޓީން ކޮށްފިއެވެ.
ވަހީދާއި، ސިދުގީގެ އިތުރުން އެދެބޭފުޅުންގެ އަނބިކަނބަލުން ހިމެނޭގޮތަށް 9 ބޭފުޅުން ކަރަންޓްން ކުރެއްވީ މިއަދު ހެނދުނު އެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއެންމެންގެ ސާމްޕަލްވެސް މިއަދު ނަގާފައިވާ ކަމަށާ، ނަތީޖާ ނެގެޓިވް ވިޔަސް ކުޑަހުވަދޫއަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަސް ކަރަންޓީންގައި ތިއްބަވަން ޖެހޭނެ ކަމަށެވެ.
ސްކޫލްތަކުގެ މިޑް ސެމިސްޓާ ބަންދާއި ގުޅިގެން މާރޗް 10 އިން 13 އަށް އޭދަފުށިން ލ. އަތޮޅަށް ގިނަ ބަޔަކު ދަތުރު ކުރިއެވެ. މިދަތުރުކުރި ލޯންޗް ދަތުރުގެ ތެރެއިން 13 ވަނަދުވަހު ކުޑަހުވަދޫގައި ގަޑިއެއްހާއިރު ބަނދަރު ކުރިއެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކްހެލްތް ހެޑް ސިދުގީ ވިދާޅުވީ އޭނާގެ ޓީމުން ކުޑަހުވަދޫގައި 45 މިނިޓްވަރު ހޭދަކޮށް ރެސްޓޯރަންޓަކުން މެންދުރު ކެއިންވެސް ބެއްލެވިކަމަށެވެ. ނަމަވެސް އޭރު ކުޑަހުވަދޫން ކޮވިޑްގެ ކޭހެއް ފެންނަން ނެތުމުން އެފަދަކަމަކަށް ސަމާލުކަމެއް ނުދޭ ކަމަށެވެ.
“ލާމު ޓުއާއެއް އެއީ. ކުޑަހުވަދޫގައި ކުޑައިރުކޮޅަކަށް ޓްރާންސިޓް ކޮށްލީ. މާސްކް އަޅައިގެން އާންމު އުސޫލުން އެރަށުގައި އަޅުގަނޑުމެން އުޅުނީ. ރެސްޓޯރަންޓަކުން ކައި ނިމިގެން ފުރީ”
އެޗްޕީއޭ އިން ރޭ ވިދާޅުވީ ފެބްރުއަރީ 26 ގެ ފަހުން ކުޑަހުވަދޫގައި އުޅޭފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާ ނަމަ ވީ އެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އަންގަން ވާނެ ކަމަށެވެ. އަދި މި ތާރީހުގެ ފަހުން ކުޑަހުވަދޫ އަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކުޑަހުވަދޫން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަހު ކަރަންޓީންގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ކުޑަހުވަދޫން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފުންނެވެ. ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން މިހާރު އެރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑާއި ގުޅިގެން އޭދަފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް މިހާތަނަށް ފާހަގަވެފައި ނެތަސް މިދިޔަ އެއް އަހަރުތެރޭގައި ރަށުން ބޭރުން އޭދަފުއްޓަށް އައިސް ކަރަންޓީންވި މީހުންގެ ތެރެއިން 30 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވެއެވެ.
ކޮވިޑާއި ގުޅިގެން މާލެއާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުން އާންމުކޮށް ހުއްޓިފައިވާތީ، މިދިޔަ އަހަރެއްހާދުވަސް ތެރޭގައި ރާއްޖޭގެ ދެކުނާއި، އުތުރުގެ އަތޮޅުތަކަށް އޭދަފުށީގެ ގިނަ ބަޔަކު ބަންދުދުވަސްވަރު ދަތުރުކުރަމުންދެއެވެ. ނަމަވެސް ރާއްޖެތެރޭގެ ރަށެއްގެ ކޮމިއުނިޓީ ސްޕްރެޑަކާ ގުޅިގެން އޭދަފުށީގެ ގިނަބަޔަކު ހޯމް ކަރަންޓީން ކުރި މިއީ ފުރަތަމަ ފަހަރެވެ.