އޭދަފުށި ފުރަބަންދުގައި 34 ދުވަހު އޮތުމަށްފަހު އިއްޔެއަކީ ރަށުން ޕޮޒިޓިވް ކޭސް އެއް ނުފެންނަ ފުރަތަމަ ދުވަސްކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ރަށުތެރެއިން ފެނިގެން ފުރަބަންދު ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހެވެ. އެ ދުވަހަށް ފަހު ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދު ނުވާތީވެ މިހާރު ވަނީ ހަވީރު 4ން ފަތިހު 4 އާ ހަމައަށް ކާފިއުވެސް ހިންގާފައެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ރޭ 11 ޖެހިއިރު އާއްމުކުރި ތަފާސް ހިސާބު ތަކަށް ބަލާއިރު ސާމްޕަލްގެ ނަތީޖާ ނުލިބި އެންމެ ކޭހެއްވެސް މިވަގުތު ނެތްއިރު އިއްޔެވަނީ އިތުރު 19 ސާމްޕަލް ނަގާފައެވެ. އެއީ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި ކައިރިން ބައްދަލުވި 5 މީހުންނާއި ރެންޑަމްކޮށް ނެގި 13 މީހުންގެ ސާމްޕަލް އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް އެންމެ ކޭހެއްވެސް ފެނިފައި ނުވާއިރު ވޭތުވެދިޔަ ތަނުގައި އޭދަފުށިން ޖުމްލަ 259 މީހުންނަށް ވަނީ ކޮވިޑް 19 ޖެހިފައެވެ. އެހެން ނަމަވެސް މިހާރު ޕޮޒިޓިވް ވެފައިތިބި މީހުންގެ އަދަދުވަނީ 64އާއި ހަމައަށް ތިރިވެފަ އެވެ.
އޭދަފުށީގެ އިތުރުން ބ.އަތޮޅުގައި ކޮވިޑްގެ ނުރައްކާ މިވަގުތު އެންމެ ބޮޑު ރަށަކީ ތުޅާދޫއެވެ. އިއްޔެ ތުޅާދޫން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ތިން ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.