ރާއްޖެއިން މިއަދު 1091 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުރިން ނެގި ސާމްޕަލްތަކަކާއެކު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.
އެތަނުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހަވީރު ހައަކުން މިއަދުގެ އިރޮއޮއްސި ހައަކާ ހަމައަށް ޖުމްލަ ޕޮޒިޓިވްވީ 760 އެވެ. މި އަދަދު 1000 އަށް އެރީ އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ ސާމްޕަލްތަކެއް ނަތީޖާ އެކުގަ އެވެ.
އެޗްޕީއޭގެ ޕްރެސް ކޮންފަރެންސްގައި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ ޒުވާނުން ވެސް ދަނީ ބަލީގައި ބޮޑުވަރުވަމުން ކަމަށެވެ. ހާއްސަކޮށް ވެކްސިންގެ ދެ ޑޯޒު ނުޖަހާ ތިބި މީހުންގެ ހާލަތު ދަށްވާ ކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް އައިސީޔޫ ފުރިފައިވާ އިރު އޭގެތެރޭގައި މާބަނޑު މީހުން ވެސް އެބަތިއްބެވެ.
މުހައްމަދު އެދިވަޑައިގަތީ ވެކްސިންގެ ދެ ޑޯޒު ޖެހުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އެއާއެކު އެހެން މީހުންނަށް ބަލި ނުފެތުރޭނެ ގޮތަށް އަމަލުތައް ބަހައްޓަން އޭނާ އިލްތިމާސްކުރެއްވި އެވެ.
އެޗްޕީއޭގެ ޑިރެކްޓަރު އަބްދުއްނާސިރު ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި މާބަނޑު މީހުން ފަދަ މީހުންގެ ސާމްޕަލް ނަގަން އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ. މިހާރު ވިސްނުން ހުރީ ސޯޝަލް ސެންޓަރުގައި ސާމްޕަލް ނެގޭނެ އިންތިޒާމް ހަމައްސަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިއަދު އެކަނި ވެސް 5،000 ކޯލު އައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުންދާތީ އެނދުތައް އިތުރުކޮށް، ފަރުވާ ދެވޭނެ އިތުރު އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ. ސިއްހީ ހިދުމަތްތެރިންނަށް ބުރަ ބޮޑުވެފައިވާތީ ޕްރައިވެޓް ކްލިނިކްތަކުގެ އެހީއަށް ވެސް ވަނީ އެދިފަ އެވެ.