ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުންދާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަ ޑޯޒް ޖެހުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. ފުރަތަމަ ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން 200،000 ވުރެ ގިނަ މީހުންނަށް ދީފައިވެއެވެ. ކޮވިޝީލްގެ ދެވަނަ ޑޯޒް ދޭން ޖެހެނީ 8 ހަފްތާ އާއި 12 ހަފްތާއާ ދެމެދުއެވެ. ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ދޭން ފަށާފައިވާއިރު ދެވަނަ ޑޯޒް ޖެހޭނެ މީހުންގެ މައުލޫމާތު އެޗްޕީއޭއިން ދަނީ އާންމު ކުރަމުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނެ މުއްދަތެއް ކަނޑައަޅާފައި ވަނީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހު އެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ އާއި 12 ހަފްތާއާ ދެމެދު ޖެހުމަށް އޮތް ނަމަވެސް ރާއްޖެއިން ނިންމާފައިވަނީ 8 ހަފްތާ ވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށެވެ.
ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ އިލްތިމާސް އަކީ 8 ހަފްތާވުމުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކަމަށެވެ. އަދި އެ މުއްދަތު ފަސްކޮށްފިނަމަ އަލުން ބައްޔަށް ހުށައެޅުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
“ގިނަ ދުވަސްވާ ވަރަކަށް ހަށިގަނޑުގެ އެންޓިބޮޑީ ރެސްޕޮންސް ދަށްވެގެންދާނީ، ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާނެ ދެ ޑޯޒް ދޭތެރޭ މާ ދިގު ދެމިގެންދަންޏާ.” ނަޒްލާ ވިދާޅުވިއެވެ.