ސަރވިސް ޗާޖްގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައަޅައިފި

b_TLvEDkjqadpFwZ1vVm4SRWJ6X-800x600-800x600.jpg

ބ. އަތޮޅުގެ ރިސޯޓު ތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

ސަރވިސްޗާޖްގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައަޅައި އެކަމާބެހޭ ގަވާއިދު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން އެކުލަވާލާފައިވާ މި ގަވާއިދަކީ ގާނޫނާއި އެއްގޮތަށް ސަރވިސްޗާޖް ނަގަމުން ދޭތޯ ކަށަވަރުކޮށް މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބަހަންޖެހޭ ގޮތް ކަނޑައަޅައި އެގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސަރވިސްޗާޖް ބަހަމުންދާކަން ކަށަވަރު ކުރުމަށް ހެދިފައިވާ ގަވާއިދެކެވެ.

ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާއާއި މުވައްޒަފުންނަށް ބަހާ ފައިސާގެ މައުލޫމާތު ވަޒީފާ ދޭ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށައަޅަން ޖެހޭކަމަށް މި ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދު ބުނާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ގެ ރޭޓުންނެވެ.

މީގެ އިތުރުން ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް ހޮޓަލެއް، ޓޫރިސްޓް ގެސްޓްހައުސްއެއް، ޓްރެއިނިންގ ރިޒޯޓެއް، ޓްރާންސިޓް ހޮޓަލެއް، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް، ޕްރައިވެޓް އައިލެންޑެއް އެކުގައި، ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ސަރވިސްޗާޖް ނަގަންވާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށެވެ.

ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 ނެގިދާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މުވައްޒަފުންނަށް ސަރވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސަރވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ ޖުމްލަ ދުވަސްތަކުން ގެއްލައިގެންނެވެ.

އެގޮތުން މުވައްޒަފު ޚިދުމަތްކުރި ދުވަސްތައް ކަނޑައެޅުމުގައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ހައްގުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމު ކުރުމަށް މުވައްޒަފަށް ހައްގުވާ ދުވަސްތައް އުނިކޮށްގެން ނުވާނެކަމަށް ވަނީ ބުނެފައެވެ.

ފާއިތުވި މަހުގެ ސަރވިސްޗާޖް ފައިސާ ހިނގަމުންދާ މަސްނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެ ކަމަށާއި އަދި މިގަވާއިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ގޮތުގެ އުސޫލުވެސް ވަނީ މިގަވާއިދުގައި ހިމަނާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top