އިންތިޚާބުން ބަލިވިޔަސް އިންޑިއާ އިން ރާއްޖެ އަރަން ޖެހޭތަ؟

595197-swamy-subramanian-reuters-072417.jpg

ސުބްރަމާނިއަމް ސުވާމީ

ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ދިވެހި ސަރުކާރުން އޮޅުވާލައިފި ނަމަ އިންޑިއާ ސިފައިން ރާއްޖެ އަރަން ޖެހޭ ކަމަށް އިންޑިއާގެ ޕާލަމެންޓްގެ ނުފޫޒު ގަދަ މެންބަރެއްކަމުގައިވާ ސުބްރަމާނިއަމް ސުވާމީ ވަނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ވިދާޅުވެފައެވެ.

މި ޚަބަރު ދިވެހިންނާ ހަމައަށް އައުމާއެކު ވަގުތުން މުޅި ސޯޝަލް މީޑިއާ ކެކި އަރައިގަތެވެ. ނޫސް ތަކުގައި ޚަބަރު ޝާއިއު ކުރުމާއެކު އޭނާގެ މި ބަސްތައް ކުށްވެރިކޮށް ކޮމެންޓްތައް އޮއްސަމުން ގެންދިޔައެވެ. ހުރިހާ ކޮމެންޓެއްގައި ހެން އިޖްމާލީ ގޮތެއްގައި ބުނެފައިހުރީ އިންޑިއާ ދިވެހިން ރާއްޖެ އަރަން ޖެހޭ އެއްވެސް ހާލަތެއް މެދުވެރި ނުވާނެ ކަމަށާއި ދިވެހީންގެ މައްސަލަ ތައް ހައްލު ކުރާނީ ދިވެހިން ކަމަށާ އެގާބިލް ކަން ދިވެހިންގެ ކިބައިގާ އެބަހުރި ކަމުގައެވެ.

އެކަމަކު އޭނާގެ މި ވާހަކަ އަކީ އާދައިގެ ވާހަކައަކަށް ވުރެ ބޮޑަށް ސިޔާސީ އަދި އެކަމުގައި އަޑި ނޭގޭ ކަންތައްތަކެއް އޮވެދާނެ ވާހަކައަކަށް ވުން އެކަށިގެން ވެއެވެ.. ހަމަ އެއާއެކު އެއީ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުދެއްދުމާއި އެމީހުން ބޭނުންވާ ގޮތަށް އިންތިޚާބު ފުރޮޅައިލުމަށް ބޭނުންކުރި ދުލުގެ ހަތިޔާރެއްކަމަށް ބެލެވިދާނެއެވެ. ވާނޭ ކަމެއް ނޫނަސް އިންޑިއާ ސަރުކާރުގެ ބާރުގަދަ ބަސްވިކޭ މީހެއްގެ ފަރާތުން އިވިގެން ދިޔަ މި ވާހަކަ އިން އަޅުގަނޑަށް ތަރުޖަމާ ކުރެވެނީ އިންޑިއާ ކަނޑުގައިވާ ކޮންމެ ތަނަކީ އެމީހުންގެ ފުރިހަމަ ބާރު ހިނގަން ޖެހޭ ތަނަކަށް ވާން ޖެހޭ ކަމެވެ. އެމީހުން ބުނާހައި ކަމެއް ބުނާ ގޮތަށް ވެ ނިމެން ޖެހޭނެ ކަމެވެ.

ދެން މި މަންޒަރުން ސާފުވާ އެންމެ ބޮޑު ހަގީގަތަކީ މިސްޓަރ ސުބަރަމާނިއަމް އެހެން ވިދާޅުވެފައިވަނީ ލަންކާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުގައި ކަމެވެ. އެ ބައްދަލު ވުމާ ގުޅޭ ގޮތުން ޝާއިއު ކުރި ހަބަރާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ އަރައި ހިފަން ޖެހޭ ކަމަށެވެ.

ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން އޭނާ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ރާއްޖެ އިން އިންޑިއާ ލަދުގަންނަވާލާފައި ވާ ކަމަށާ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިންޑިއާ އިން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރާއްޖޭގެ މަޝްރަހާ ބެހޭ ގޮތުން ނަޝީދާ އެކު މަޝްވަރާ ކުރެއްވި އިރު، އެމަނިކުފާނު އެންމެ ކަންބޮޑުވެ ވަޑައިގެން ހުންނެވީ، އަންނަ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލަފާނެތީ ކަމަށެވެ.

ސުބްރަމާނިއަމްގެ ވާހަކަތައް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު އާއި ރަނިންގމޭޓް ފައިސަލް ވެސް ކުށްވެރި ކުރެއްވި އެވެ. ޖުމްހޫރީ ޕާޓީ އިންނާއި އަދާލަތު ޕާޓީންވެސް ވަނީ މިއަމަލު ކުށްވެރި ކުރައްވައި ބަޔާން ނެރުއްވާފައެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ވަކި ފަރުދެއްގެ އެ ގޮވާލުމަކީ އިންޑިއާގެ ސަރުކާރާއި ރައްޔިތުން ރާއްޖެއާއި ދިވެހިންނާއި މެދު ދެކޭ ގާތް އަވައްޓެރިކަމުގެ ނަޒަރާ ހިލާފު ގޮވާލުމެއް ކަމަށެވެ.

ސުބަރަމާނިއަމްގެ ޓްވީޓާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

ވެރިކަންކުރާ ބީޖޭޕީގެ ޤައުމީ އެގްޒެކެޓިވް ކޮމިޓީގެ އިސް މެމްބަރެއްގެ އިތުރުން ބަސްވިކޭ ލޑަރެއްގެ ގޮތުައި ހުންނެވި ސުބްރަމާނިއަމް ގެ އެ ޓްވިޓާގުޅިގެން އިންޑިއާ ސަރުކާރުން އެއީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އޭނާގެ އަމިއްލަ ޚިޔާލޭ ބުނެ މައްސަލައިން ވަނީ ރެކިފައެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތުތައް ރާވައި ތަރުތީބުކުރާ ފެންވަރުގެ މަގާމެއްގައި ހުރި މީހެއްގެ ދުލުން ރާއްޖެއަށް ކަޅިއަޅައަޅާ އޮތް އިންޑިއާ ސަރުކާރުގެ ރުހުމެއްނެތި އޭނާ މިފަދަ އެއްޗެއް ވިދާޅުވާނެ ބާއޭ ހަމަ ހިތަށް އަރައެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ރައީސް ނަޝީދުއާ ސުބަރަމާނިއަމްއާ ބައްދަލު ވިތާ ދެ ދުވަސް ފަހުން ސުވާމީ މިފަދަ ވާހަކައެއް ދެއްކެވުމަކީ ދިވެހި ޤައުމު ދެކެ ލޯބިވާ ދިވެހި ލޭ ހުރި ކޮންމެރައްޔިތަކުވެސް  ކަންބޮޑުވެ، ބިރުގަންނާނޭ ކަމެކެވެ. ރައީސް ނަޝީދު ތަކުރާރު ކޮށް ގައުމޭ ކުރިމަގޭ އަމާން ކަމޭ މިނިވަން ކަމޭ ކިޔައިގެން ވާހަކަ ދައްކަވާ އިރު ސުވާމީގެ މި ވާހަކަ ތައް އެންމެ ކުޑަމިނުން ކުށްވެރި ކުރައްވާފައިވެސް ނުވެއެވެ. ކީއްވެގެން ހެއްޔެވެ؟

ކައިރި މާޒީއާއި ދުރު މާޒީގައިވެސް އިންޑިއާ އިން ރާއްޖެއަށް އެކި ގޮތްގޮތަށް ބިރު ދައްކާފައި ވެއެވެ. މިހާރުވެސް ދަނީ އެދުވަސް ތައް ތަކުރާރު ވަމުންނެވެ. އެކަމަކު ޔާމިންގެ ވެރިކަން ބަދަލު ކުރެވޭނެ ހަމައެކަނި ގޮތަކީ އިންޑިއާ ސިފައިން ރާއްޖެ އަރާ، ރާއްޖެ ހިފައިގެން ކަމަށް ބުނުމަކީ ދިވެހި ޤައުމުގެ ކަންކަށިގައި ޖެހި ބާރުގަދަ އެތިފަހަރެކެވެ. ގައުމީ އަބުތާލުން މި ގައުމަށް ވީ ގުރުބާނީ ގައި ކޮޅު ފައިން ޖެހުމެވެ. މިއީ ދިވެހި ގައުމުގެ އެއްވެސް ދަރިއަކު މާފުކުރާނެ ކަމެއް ނޫނެވެ.

އިންޑިއާ އަމިއްލަ އަށް ބޮޑުބަސް ބުނެ އެހެން ގައުމު ތައް އަޅުވެތި ކުރުމުގެ ފަލްސަފާ އާއި ބިރު ދެއްކުމުގެ އަމަލުތައް ކުރަމުން ދާއިރު އަމިއްލަ ގައުމުގެ ހާލަތާ މެދު ކަން ބޮޑު ނުވަނީ ކީއްވެ ބާއެވެ.  ޚަބަރު ފަތުރާ ވަސީލަތްތަކުން އިންޑިއާ އޭ ބުނެފިނަމަ ދެން އިވޭނީ ރޭޕް ގެ ވާހަކަ އެވެ. އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތި އިންސާނުންނާ ހަމައިން ފެށިގެން އެއްވެސް ރަހުމެއްނެތި ކުދިކުދި ޅަ ދަރިން ނާ ހަމައިން ވެސް ނިމުނީއެއް ނޫނެވެ. ޖަނަވާރުންނަށް ދަންދެން އެގެންދަނީ ރޭޕް ކުރަމުންނެވެ. އާއެކެވެ.. ދާދިފަހުން ބަކަރިއެއް “ރޭޕް” ކޮށްގެން އުޅުނު ޚަބަރުވެސް ވާނީ އަޑު އަހާފައެވެ.

ހަމަ އެހެންމެ ގެރިމަސް ބޭނުންކުރާ މުސްލިމުންނަށް އަނިޔާކޮށް، ބައެއް މީހުން މެރުން އިންޑިއާގައި ވަނީ އާއްމުވެފައިވާ އިރު މިއީ ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށް އެމީހުން ނުދެކެއެވެ.

މި ފަދަ ބަޔަކު އެހެން ގައުމުތަކަށް ގޮތް ކިޔައިދީ އެ ގައުމު ތަކުގެ މިއިސްތިގުލާލަށް ލޮޅުން އަރާ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ އިސް ކަން ދޭންވީ ގައުމަކަށް ނޫން ހެއްޔެވެ.

ދިވެހި ގައުމު ކުޑައެވެ. އިންޑިއާގެ އެންމެ ކުންފުންޏެއްގައިވެސް މި ގައުމުގެ އާބާދީގެ އަދަދަށް މު ވައްޒަފުން ތިބެދާނެއެވެ. އެކަމަކު މި މިގައުމުގެ ދަރިން މިނިވަން ކަމަށްވުރެ އަގު ބޮޑު އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެއެވެ. އޮނަރްބްލް އަބްދުއްރަޝީދު ހުސޭން ހައްދަވާފައިވާ ޅެމެއްގެ މައިގަނޑުގައިވާ ފަދައިންނެވެ.

“މިވެލީ ކޮންމެ ފުކެއްގައި ވެޔެ ގައުމީ އިހުސާސް، ދިވެހިންނެއް ނުތިބޭނޭ ވެގެނެއް ދެން އަޅުދާސް. ނުވިކޭނަން ބެހިޔަސް ރަންރިހި ނޫޓުގެ ކަރުދާސް ، ދިވެހިންނެއް ނުތިބޭނޭ ވެގެނެއް ދެން އަޅުދާސް. “

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top