ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވްންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މައްސަލަ ދިރާސާ ކުރެއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ، މެޖިސްޓްރޭޓުންނަށް އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، 57 މެމްބަރުން އެގޮތަށް ފާސްކުރުމަށް ވޯޓުދެއްވި އެވެ.
ޖޭއެސްސީން ރަށްރަށުގެ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސެއް ދިނުމަށް އެދިވަޑައިގެންވީ، މަތީ ކޯޓުގެ ފަނޑިޔާރުންނަށް 1،000 ރުފިޔާ ދިނުމަށް މީގެ ކުރިން މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު، ދަށު ކޯޓުތަކަށް އެކަންކޮށްފައި ނުވާތީ އެވެ.
މި އެލަވަންސް ދޭން ފަށާނީ އަންނަ މަހުން ފެށިގެން ނެވެ. އެ ފައިސާ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވެސް ވެއެވެ