ދީނުގެ ހުކުމްތައް ބަޔާން ކުރެވޭނީ ހުއްދަ އޮތް އިލްމުވެރިންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ހުކުމްތަކަށް އިހުތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއްކަމަށާއި، ދީނުގެ ހުކުމްތައް ބަޔާންކުރުމަކީ ހުއްދަ ލިބިގެންވާ ދީނީ އިލްމުވެރިންގެ ޒިންމާއެއްކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ ޓްވީޓެއް ކޮށްފައި މިވަނީ މިއުޒިކާއި ބެހޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ދައްކަވާފައިވާ ވާހަކަ ތަކަކާ ގުޅިގެން ކަމަށް ބެލެވެއެވެ.
އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވަނީ ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ދީނީ އިލްމުވެރިޔަކު ވިދާޅުވެފައިވާކަމަށް ނޫހެއްގައި ރިޕޯޓްކޮށްފައިވާ ކަމަށާއި، ރޮކް މިއުޒިކް ނުވަތަ އެހެން އެއްވެސް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ރާއްޖޭގައި ބުނެވިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުންވެސް މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވެސް ވަނީ މިއުޒިކުން އިސްލާމްދީނަށް ހިތްކިޔާގޮތް ވާކަމަށް ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގައި ވަނީ “މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި” ގަރާރެއް ހުށައަޅާފައެވެ.