ލާމަރުކަޒީގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިއަދު ތަސްތީގު ކުރެއްވި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ލޭންޑް ޔޫޒް ޕްލޭނުގައި ކައުންސިލްތަކާއި ސިޓީތަކުން ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކޮށްފައިވެ އެވެ.
އަދި ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދު ހަދަން ވާނީ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އިން ކަމުގައި ވެސް އެ އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން އެކިއެކި މާއްދާތަކަށް ގެނެވިފައިވާ ބަދަލުތަކާއެކު، ބައެއް މާއްދާތައް ވަނީ އުނިކޮށްފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ގާނޫނާއި ގާނޫނުގެ މަގުސަދުތަކާ ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމުގައި ވެސް ބުނެފައިވެ އެވެ.