ބ. ކަމަދުއަށް ފުރަތަަމަ ފަހަރަށް ސީޕްލޭން ޖައްސައިފި އެވެ.
އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ކުރި ފުރަތަމަ ދަތުރުގެ ބައިވެރިންނަށް އެ ރަށުން ވަނީ ހޫނު، ދިވެހިވަންތަ މަރުހަބާއެއް ކިޔައިފައެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަން ހޯކްސް ހޮޓެލްސްއާއި އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން މިދިޔަ މަހުގެ 11 ގަ އެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، ކަމަދުއަށް މިއަދު ފުރަތަމަ ފްލައިޓު ދަތުރުކޮށްފައިވާ ކަމަށާއި އެ ދަތުރުގެ ބައިވެރިންނަށް އެ ރަށުން ވަނީ ދިވެހިވަންތަ، ހޫނު މަރުހަބާއެއް ކިޔައިފައި ކަމުގައެވެ. އެ ދަތުރުގައި ހޯކްސް ހޮޓެލްގެ ޑިރެކްޓަރު ހުސައިން އަމަންއާއި ވިޒިޓް މޯލްޑިވްސްގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަނުން ބުނީ، ރަސްމީކޮށް ދަތުރުތައް ފަށާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. ކޮންމެ ހޮނިހިރު ދުވަހަކާއި ބުރާސްފަތި ދުވަހެއްގައި ފްލައިޓުތައް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އޮންނަ ކަމަދުއަށް ބަންދުތަކުގައި ގިނަ ބަޔަކު ޒިޔާރާތް ކުރެއެެވެ. އަދި، ކަމަދުއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ވެސް ރަށެކެވެ. އެގޮތުން، ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް ހިންގަމުން ދެއެވެ.






