ދިރާސީ އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށް ފަހު ދަރިވަރުންނަށް މިއަދު ރިޕޯޓް ފޯމް ހަވާލުކޮށްފިއެވެ.
ބޮޑުޗުއްޓީއަށް ފަހު މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ ޗުއްޓީއަށް މިއަދު ދާއިރު ދެން ސްކޫލު ހުޅުވޭނީ އަންނަ މަހުގެ ފަހެއްވާ އާދިއްތަ ދުވަހުއެވެ.
ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.
ފުރަތަމަ ޓާމުގައި ތައުލީމު ހާސިލުކުރި 96،000 ދަރިވަރުންގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ. އަދި އަމިއްލަ މަދަރުސާތަކުގައި 13،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރިއިރު އޭގެ ތެރެއިން ވެސް، 9،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލުކޮށްފައި ވަނީ މާލެ ސަރަހައްދުގައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށަން ސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.