އޭދަފުއްޓަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ކްލަބް ވެލެންސިއާ އަށް ރޭ ސޮއިކޮށްފި އެވެ.
ތަޖުރިބާކާރު ފޯވާޑް ސެންޓޭ އާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ އަޝްފާގު (ދަނގަޑޭ) ވެސް ވަނީ ވެލެންސިއާ އާއި ގުޅިފައެވެ.
މިއީ ދަގަނޑޭ އާއި ސެންޓޭ އެކުގައި ނިއު ރޭޑިއަންޓް ނޫން ޓީމެއްގައި އެކުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަގަނޑޭ އާއި ސެންޓޭ ވަނީ 2013، 2017، 2018 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ.
ސެންޓޭ އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 2006 ވަނަ އަހަރު ކަލްބް އީގަލްސް އިންނެވެ. ނަމަވެސް އޭނާގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ 2007ގައި އޭވައިއެލް ގައި ދެއްކި މޮޅު ކުޅުމުންނެވެ.
2010 ވަނަ އަހަރު ސެންޓޭ ވެލެންސިޔާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ސެންޓޭ ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. ޖެހިގެން އައި ސީޒަނުގައި ވިކްޓްރީއާ ގުޅުނު ނަމަވެސް ލިބުނު އަނިޔާއަކާ ހެދި ގިނަ ދުވަހު ހުރީ ކުޅުމާ ދުރުގަ އެވެ.
އަލުން ދެ ވަނަ ފަހަރަށް 2013 ވަނަ އަހަރު ނިއުއާ ގުޅި 2015 ވަނަ އަހަރުގެ ނިޔަލަށް ސެންޓޭ ހުރީ ނިއު ގައެވެ. އެ ހަތަރު އަހަރުގެ ތެރޭގައި ސެންޓޭ ވަނީ ނިއު އަށް ބޮޑެތި ކާމިޔާބު ތަކެއް ހޯދައިދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތައްޓެއް ހޯދައި ދިނުމަށްފަހު 2015 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން ފައިނަލުގައި ލަނޑު ޖެހި އެވެ.
2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި އެވެ. އަދި ޖެހިގެން އައި ސީޒަނުގައި ފަހު ތިން ވަނަ ފަހަރަށް ނިއު އަށް ބަދަލުވެ 2017 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލް ކުރި އެވެ.(މައުލޫމާތު: މިހާރު)