”ކުޑަކުދިންގެ ނަމާދު ވޯކްޝޮޕް“އަށް ބޮޑު ތަރުހީބެއް ލިބޭ– އޭދަފުށި ޒުވާނުންގެ ޖަމިއްޔާ

IMG-e45077d32931aa79fa5c66c33b75f21d-V.jpg

އޭދަފުށީގެ ޒުވާނުންގެ ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން މިމަހު ފެށުމަށް ހަމަޖެހިފައިވާ ކުޑަކުދިންނަށް، ނަމާދުކުރަން ދަސްކޮށްދޭ ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާ (އީޒެޑްޖޭ )އިން ބުނެފިއެވެ.

އީޒެދްޖޭ އިން ބުނީ އުއްމީދުކުރި ވަރަށްވުރެ ބެލެނިވެރިންގެ ފަރާތުން މިވޯކްޝޮޕަށް ލިބޭ ތަރުހީބު ބޮޑުވަމުންދާތީ، ޖާގަ އިތުރުކުރުމަށް މިހާރު ވިސްނަމުން ދާ ކަމަށެވެ. އެ ޖަމިއްޔާގެ ނާއިބު ރައީސް، އަލީ ރަފީއު ވިދާޅުވީ މިވޯކްޝޮޕަށް ލިބެމުން އަންނަ ތަރުހީބާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ދީނީގޮތުން އިތުރު ޕްރޮގްރާމްތައް ކުޑަކުދިންނަށް ހިންގުމާމެދު ޖަމިއްޔާއިން ވިސްނާނެ ކަމަށެވެ.

“ޗުއްޓީ ދުވަސްކޮޅު ސްކޫލް ކުދިންނަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް ބަލައި ޖަމިއްޔާއިން މިފަދަ ޕްރޮގްރާމެއް ރޭވީ. ހިއެއްނުކުރަން މިހާބޮޑު ތަރުހީބެއް ލިބޭނެކަމަކަށް. ގިނަބައެއްގެ އެދުމާވެސް އެކު މިހާރު މިވަނީ ޖާގަ އިތުރުކޮށް އިތުރު ސެޝަނެއް ބާއްވަން ނިންމާފައި. އެހެންވީމާ އަވަހަށް ބެލެނިވެރިން ނަންނޯޓް ކޮއްލައްވާ” އަލީ ރަފީއު ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގެ 8-17 ށް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން، އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕްގައި ފުރުސަތު ދިނުމަށް ނިންމާފައިވަނީ އޭދަފުށީގައި ދިރިއުޅޭ އުމުރުން 8 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ. ދެޖިންސަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މިވޯކްޝޮޕް އޮންނާނީ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައެވެ.

އީޒެދްޖޭ އިން ބުނީ މި ވޯކްޝޮޕްގައި ކުދިންނަށް ދަސްކޮށްދެވޭ ބައިތަކުގެ ތެރޭގައި ނަމާދަށް ތައްޔާރުވާނެ ގޮތާއި، ނަމާދުގެ ހަރަކާތްތައް ފުރިހަމަކުރާނޭ ގޮތް އަދި ނަމާދުގެ ފަރުޟުތަކާއި، ސުންނަތްތަކުގެ އިތުރުން ނަމާދާއި ގުޅުންހުރި ގިނަ މައުލޫމާތުތަކާއި، އަމަލީ ބައި ދަސްކޮށްދެވޭނެ ކަމަށެވެ.

ހަރަކާތްތައް ހުއްޓިފައިވާތާ ގިނަ ދުވަސްތަކަކަށްފަހު އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާއިން ދާދި ފަހުން ވަނީ އޭދަފުށީގައި އިމާމުން ތަމްރީން ކުރުމަށް “އިމާމް ލެވެލް 3” ކޯހެއްވެސް ހިންގަން ފަށާފައެވެ. އެޖަމްއިއްޔާއިން ބުނީ ދީނީ އަދި އަދަބީ ހަރަކާތްތައް އަންނަ އަހަރުވެސް  ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top