ބޮޑެތި މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމުކުލި މީގެ ކުރިން ނަގަމުން އައީ މީރާއިން ކަމަށްވިޔަސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މާދަމާއިން ފެށިގެން ކައުންސިލުތަކުން ނަގަން ނިންމައިފި އެވެ.
މި ކަމާ ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި މީރާ އިން ބަލައިގަންނަމުން ދިޔަ ފައިސާ މާދަމާ އިން ފެށިގެން ބަލައިގަތުން ހުއްޓާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށާއި ބިންތަކާ ގުޅިގެން ފައިސާ ދައްކާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި، ބިމު ކުލި ކައުންސިލްތަކަށް ދިނުމުގެ އިތުރުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމާއި ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ކައުންސިލްތަކަށް ލިބޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
މީގެ އިތުރުން ޕީއެސްއައިޕީ ޕްރޮގްރާމްގެ ފަސް މިލިއަން ރުފިޔާއަށްވުރެ ވުރެ ކުޑަ އަގުތަކުގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކާ ހަވާލުކުރުމުގެ އިތުރުން، ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުން ހިމެނެ އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.