ހަކުރުބަލީގެ ދުވަސް: ރާއްޖޭގައި 3.7 މީހުން މަރުވަނީހަކުރުބަލީގައި

diabetes-1724617_1920.jpg

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން (އައިޑީއެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ “ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން” އެވެ.

އެ ޝިއާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިއާރެވެ. އެ ޝިއާރުގެ މަގުސަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުމެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރަށް ހުރުމުންނެވެ.

ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ” ޓައިޕް1 ޑައިބެޓީސް އަދި ޓައިޕް2 ޑައިބެޓީސް އެވެ. ޓައިޕް1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

އޭގެ އިތުރުން ވެސް އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ.

އައިޑީއެފްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ “ޓައިޕް2 ޑައިބެޓީސް” އެވެ.

އޭގެ ތެރެއިން 50 ޕަސެންޓު އަންހެނުން އަދި 40 ޕަސެންޓު ފިރިހެނުން ހަކުރުބައްޔަށް ބޭސްފަރުވާ ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެޗްޕީއޭ އިން ހާމަކުރިގޮތުގައި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 ޕަސަންޓް މަރުވަނީ ހަކުރުބަލީގެ ސަބަބުންނެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުޅި ދުނިޔެއިން 4.2 މިލިޔަން މީހުން ހަކުރުބަލީގައި ވަނީ މަރުވެފައެވެ.

ހަކުރުބަލީގެ ބައެއް އަލާމާތް ތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން، ކަރުހިއްކާ ފެންބޮވުން، އާދަޔާހިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

އެހެންކަމުން ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާހައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top