ސާވިސް ޗާޖަށް 10 އިންސައްތަ އަށްވުރެ މަދުނޫން އަދަދެއް ނެގުމަށާއި ސާވިސްޗާޖު ދޭން އިންކާރު ކުރުމުގެ ފުރުސަތު ކަސްޓަމަރަށް ލިބޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނަން ރައްޔިތުންގެ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
އެ ކޮމިޓީގެ ބައްދަލުވުގައި، ސާވިސްޗާޖަށް 10 އިންސައްތަ އަށް ވުރެ މަދުނޫން އަދަދެއް ނެގުމަށް، ގާނޫނުގައި ލާޒިމުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ހިދުމަތް ދިން ތަނުން ދިން ހިދުމަތާ މެދު ކަސްޓަމަރު ހިތްހަމަނުޖެހިގެން، ސާވިސްޗާޖު ކަނޑާލަން ކަސްޓަމަރު އެދެފިނަމަ ސާވިސްޗާޖު އުނިކުރަންޖެހޭނެ ކަމަށްވެސް ކޮމިޓީން ފާސްކޮށް ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލަށް އިސްލާހު ހުށަހެޅުއްވި މެންބަރު ވިދާޅުވި ގޮތުގައި ސާވިސްޗާޖު ދިނުމަށް އިންކާރު ކުރުމުގެ ހައްގު ކަސްޓަމަރުންނަށް ލިބިދޭގޮތަށް ހުށަހެޅުއްވީ ގާނޫނުން ދެ ފަރާތުގެ ހައްގު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.