2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ހުރިހާ ނުރައްކަލަކުން ދުނިޔެ ސަލާމަތް ކުރެވިދާނެ ކަމަށް ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭ ސޫސް ވިދާޅުވެއްޖެއެވެ.
ޑރ. ޓެޑްރޯޒް ވިދާޅުވީ މީގެ 100 އަހަރު ކުރިން، 1918 ވަނަ އަހަރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރިގެން ދިޔަ ސްޕެނިޝް ފްލޫއިން އަރައިގަތުމަށް ދެ އަހަރު ނެގި ކަމަށެވެ.
ނަމަވެސް އެ ޒަމާނާއި މިހާރުގެ ހާލަތު ތަފާތު ވެފައިވާތީ އޭނާ ވިދާޅުވީ ދުނިޔެ ހޯދާފައިވާ ކުރިއެރުންތަކާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ސްޕެނިޝް ފްލޫއަކީ ކޮވިޑް19އަށް ވުރެ ނުރައްކާތެރި ރޯގާއެކެވެ. އެ ބަލީގައި ދުނިޔެއިން 50 މިލިއަނަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ޑރ.ޓެޑްރޯސް ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ކޮވިޑްގެ ވެކްސިން ފޯރުކޮށްދީ ހުރިހާ އެންމެންނަށް އެވެކްސިން ދިނުމަށް ދޮޅު އަހަރާ ދެއަހަރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށާ ކުރިޔަށްއޮތް ދޮޅު މަހާއި ދެމަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ގައުމުތަކަށް ބައެއް ވެކްސިންތައް ލިބެންފަށާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޭސް ރިޕޯޓްކުރަން ފެށި ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 23.1 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 8 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 6،370 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 3915 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، 26 މީހަކު ވަނީ މަރުވެފައެވެ.(ނޫސްއެޖެންސީތައް)