ރަށްރަށުގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ނުހޯދުމަށް އިލްތިމާސްކޮށްފިއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރީ އެއީ ގިނަ މީހުން ގޮސް އުޅޭ ތަންތަނަށް ވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެތީ އެ ފުރުސަތު ހަނިކުރުމަށް ކަމަށެވެ. ޑރ.މުރާދު ވިދާޅުވީ އެއުސޫލުން ޑޮކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކެފޭ ރެސްޓޯރެންޓްތަކަށް މީހުން ދިއުން މަދުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
“އަޅުގަނޑަށް ހީވަނީ ރާއްޖެތެރޭގެ ކެފޭތައްވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި އެރަށްރަށުގެ ރައްޔިތުންގެ އަމިއްލަ ކަމެއްގެ ގޮތުގައިވެސް މިކަހަލަ ތަންތަނަށް ދިއުން މަދުކުރުން އަދި އެކަހަލަ ތަންތާނގައި ބަލި ފެތުރޭނެކަން ގަބޫލު ކުރުން އެއީ ވަރަށް މުހިންމު ކަމެއް ކަންނޭނގެ،” ޑރ. މުރާދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ކޮވިޑް 19ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ރާއްޖެތެރޭގެ ރަށްރަށުގައި ހުރި ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށާއި އެފަދަ ހާލަތަކަށް ގޮސްފިނަމަ އެކަންވެސް ކުރާނެ ކަމަށެވެ.
“ކެފޭ ރެސްޓޯރެންޓްތަކުގެ ކަންކަން މާލެ ދެން އާދަޔާ ހިލާފަށް ފުރޭތީ މާލެއާ ދޭތެރޭ މިވަގުތު ފިޔަވަޅު އެޅިފައި އެހުރީ. އެހެންނަމަވެސް މި ހާލަތު ބަދަލުވާ ކަމަށް ފެންނަންޏާ ނުވަތަ މިކަމުގައި ކަން ކުރަންވީ ގޮތެއް ކުރިއަށް އޮތް ތާނގައި ހަމަ މަޝްވަރާ ކުރެވިފައިވޭ.” މަބްރޫކް ވިދާޅުވިއެވެ.
(އެޗްޕީއޭ)އިން މިހާރު ވަނީ މާލޭގެ ކެފޭ ރެސްޓޯރެންޓް ތަކަށް ގޮސް ތިބެގެން ހިދުމަތް ހޯދުން މަނާކޮށްފައެވެ. ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.