ނެތިމޮށުމުން ދުރުހެލިވާން ޚުތުބާގައި ހަނދާން ކޮށްދީފި

b_D3qGlKsCHpz9yK3EBjKqxgIlu.jpg

ނަމާދު އޭގެ ވަގުތުގައި ކުރުމުގެ މުހިއްމު ކަމާއި މާތްކަން ހަނދާންކޮށް، ނެތިމޮށުމުންނާއި މީހުންގެ އަބުރުކަތިލުމުން ދުރުހެލިވާން މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

”އިސްރާއާއި މިއުރާޖު“ގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުޡުބާގައި ބުނީ އިސްރާއާއި މިއުރާޖުގެ ހާދިސާއަކީ އީމާންކަމާއި ތަރުބިއްޔަތާއި އިޖުތިމާއީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ހާދިސާއެއް ކަމުގައެވެ. އަދި އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ އަމަލީ ހާދިސާއެއްކަން ބަޔާންކޮށްދެމުން، ޚުޡުބާގައި ބުނީ އެ ހާދިސާ ވެގެންދިޔައީ މުއުމިނުންނާއި ކުރިމަތިވި ބޮޑު އިމްތިހާނަކަށް ކަމުގައެވެ.

މި ދަތުރުފުޅުގައި ދެއްވި އެންމެ ބޮޑު ނިއުމަތް ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެއީ ފަރުޟު ފަސް ނަމާދު ކަމަށެވެ. އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި ރަސޫލާ އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގަން ޖަމާއަތުގައި ނަމާދު ކުރެއްވިއެވެ.

”މަހްޝަރު ބިމުގައި ހިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. އެކަން ރަނގަޅުވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅުވެދެއެވެ. ނަމާދަކީ އީމާންކަން މިނެދޭ މިންގަޑެވެ. ދީނުގެ ތަނބެވެ.“ ނަމާދުގެ މާތްކަން ފާހަގަކޮށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ބައެއް މީހުން ކުރާ ކުށްފާފަތަކަށް ﷲ ކަނޑައަޅުއްވާފައިވާ އަޒާބުގެ މަންޒަރުތަކެއް އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި ރަސޫލާއަށް ދެއްކެވި ކަމަށެވެ. އޭގެތެރެއިން އެއް ބަޔަކީ އަލިފާނުގެ ކަތުރު ތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރާ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.

”އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައްތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެ މީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ މީހުން ކަމުގައެވެ.“ ޚުތުބާގައި ބުންޏެވެ.

މި ދަތުރުފުޅުގައި ފެނިވަޑައިގަތް އަނެއް މަންޒަރަކީ އެބައިމީހުންގެ އިނގިލިތަކުގައި ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެ މީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅާ މަންޒަރު ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ކޮންބައެއްތޯ ސުވާލު ކުރުމުން ދެންނެވީ، އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތިމޮށޭ މީހުން ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top