ޑްރައިވިންގ ޓްރެކް ހުޅުވައިފި

ޓްރެކް.jpg

އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވަން ދަސްކުުރުމާއި ، ލައިސަންސް ނަގަން ހަދަން ޖެހޭ ޓެސްޓް ތައް ހެދުމަށް ބ.އަތޮޅު ކައުންސިލުން އޭދަފުށީގައި ހަދާފައިވާ ޑްރައިވިންގ ޓްރެކް، ރޭ ހުޅުވައިފިއެވެ.

ޓްރެކް ހުޅުއްވައިދެއްވީ ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރުއެވެ.

އޭދަފުށީގައި ގާއިމް ކޮށްފައިވާ ސަރުކާރު އޮފީސްތަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މިއީ ބ. އަތޮޅު ކައުންސިލުން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ. އަދި ގާތްގަޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާއަށް ނިންމާލެވެން އޮތް މި މަސައްކަތް މީގެ ދެބައިކުޅަ އެއް ބައިހާ ކުޑަ އަގަކަށް ނިންމާލެވުނީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ބ.އަތޮޅު ރައްޔިތުންނަށް އަތޮޅު ކައުންސިލުގެ ފަރާތުން ދެމުން ގެންދާ އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ނެގުމަށް ބާއްވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވަމުން އަންނަނީ އޭދަފުށީގަ އެވެ. އިމްތިހާން ބާއްވަމުން އައީ އޭދަފުށީ ސްޓޭޖް ސަރަހައްދު ގައެވެ. އެއީ ސީދާ އެކަމަށް ޚާއްސަކޮށްފައި އޮތް ސަރަހައްދެއް ނޫންކަމުން ޓެސްޓް ހަދާ މީހުންނަށް އެހާ ރަނގަޅު ތަނަކަށް ނުވާތީ އެކަމުގެ ޝަކުވާ އައީ ކުރަމުންނެވެ.

އެކަމަކު ސީދާ ޑްރައިވިންގ ޓެސްޓަށް ޚާއްސަކޮށްގެން މިރޭ މި ހުޅުވުނު ޑްރައިވިންގ ޓްރެކް ގެ ސަބަބުން އެޝަކުވާ ތަކަށް ނިމުމެއް އައީކަމަށް މަބްރޫކު ވިދާޅުވިއެެވެ. އެއާއެކުވެސް ޓްރެކަށް ވަންނަން އޮތް މަގު އެންމެ ރަނގަޅަށް އަދި ތައްޔާރު ނުކުރެވޭތީވެ މި މަސައްކަތް އަދި މުޅިން ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ ރަށުކައުންސިލާ ގުޅިގެން ވީހާ އަވަހަކަށް ނިންމާލެވޭތޯ ބައްލަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

18400 އަކަފޫޓުގެ މި ޓްރެކް ހެދުމުގެ މަސައްކަތް ބ.އަތޮޅު ކައުންސިލުން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު