ދޮގުޚަބަރު ނުލިއުއްވުމަށް ރަށުކައުންސިލްގެ ރައީސް އެދިވަޑައިގެންފި

IMG_2637-800x451-800x451.jpg

އޭދަފުށިގެ ކައުންސިލްގެ މިދައުރުގެ 5 މެމްބަރުން. / ފޮޓޯ: ބ. އަތޮޅު ކައުންސިލް

ޚަބަރު ލިއުއްވާއިރު ދޮގު ޚަބަރު ލިއުން ހުއްޓާލުން ވަރަށް ރަނގަޅު ވާނެ ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

ތޮލާލު މިހެން ވިދާޅުވެފައިވަނީ އޭދަފުށީ ވޮއިސް އިން، މައި ބަހިއްޔާ ޕްރީސްކޫލާ ބެހޭގޮތުން އިއްޔެ ޝާއިޢުކުރި ރިޕޯޓެއްގައި ރައީސް ތޮލާލަށް ނިސްބަތްކޮށް ލިޔެފައިވާ ލިއުން ކޮޅަކާ ގުޅިގެން އޭނާގެ ފޭސް ބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

 

އެ ރިޕޯޓުގައި ލިއެފައި އޮތީ އޭދަފުށީ ރައްޔިތުންގެ ޕްރީސްކޫލް މައި ކޮލެޖަށް ޕްރީސްކޫލެއް ހިންގުމަށް ކައުންސިލުން ދޭނީ ރަނގަޅު ހުށަހެޅުން ތަކެއް ލިބިގެން ކަމަށް ވާތީ ރައްޔިތުންނާ ހަމައަށް އެކަން ތިލަ ކޮށްލުމުގެ ބޭނުމުގައި ރައީސް ތޮލާލަށް އެއްފަހަރަށް ވުރެ ގިނަފަހަރު ފޯނު ކުރުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާ ވާހަކައާއި ބައްދަލު ކޮށްލަން އެސްއެމްއެސް އަކުން ދެންނެވުމުން ވެސް ޖަވާބެއްވެސް ނުދެއްވި ވާހަކައެވެ.

ތޮލާލު ކޮށްފައިވާ ޕޯސްޓްގައި މިވާހަކަތައް ނުހިމަނައި ވިދާޅުވެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ އުސޫލުގެ ތެރެއިން މައުލުމާތު ލިބޭނެ ކަމަށާ އޭދަފުށީ ވޮއިސްގެ ފަރާތުން މިވީހާ ތަނަށް މީޓިންގއަކަށް އެދިފައި ނުވާ ކަމުގައެވެ.

ސަރުކާރުގެ އެއްވެސް ދާއިރާ އަކުން ޚަބަރެއް ނުވަތަ މައުލޫމާތެއް ހޯދުމަށް މީޓިންގ އަކަށް އެދެން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ އުސޫލުގެ ތެރޭގައި އޮވޭތޯއެވެ. ނުވަތަ މީގެ ކުރިންވެސް ތޮލާލު އީވީއަށް ޚަބަރު ނުވަތަ މައުލޫމާތު ދެއްވާފައިވަނީ މީޓިންގ އަކަށް އެދިގެން އެ މީޓިންގ އަކަށް ގޮސްގެން ތޯއެވެ. ނުވަތަ މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ހޯދުމުގެ ފޯމް ފުރައިގެން އެފޯމުން ތޯއެވެ.

ގާނޫނު އަސާސީގެ 29ވަނަ މާއްދާގައި ބުނާ މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ވަރަށް ސާފުކޮށް ސަރުކާރުގެ އޮފީސްތަކުން މައުލޫމާތު ސާފުކުރަން ޖެހޭ ގޮތް ބަޔާން ކޮށްފައިވެއެވެ. އެކޮމިޝަނުގެ ގެޒެޓް ކޮށްފައިވާ “މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު “ގެ އެއްވެސް ތަނަކު ސަރުކާރުގެ އޮފީހަކުން މައުލޫމާތެއް ހޯދާނަމަ މީޓިންގ އަކަށް އެދެން ވާނެ ކަމަށް ލިޔެފައެއް ނުވެއެވެ. އޭގެެ ބަދަލުގައި އޮންނަނީ ފޯމެއް ލުމަށެވެ. އެހެންކަމަށް ވާނަމަ ރައީސް ތޮލާލުގެ އަރިހުން މީޓިންގ އަކަށް އެދޭކަށް ނުޖެހެއެވެ.

އޭދަފުށީ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ވީމާ ރަށާބެހޭ ޚަބަރެއް ލިޔާއިރު ރަށު ކައުންސިލްގެ ރައީސްގެ ބަހެއް ހޯދަން ޖެހޭނެއެވެ. ކުރީ ދައުރުގައި އޭދަފުށީ ވޮއިސްގެ ފަރާތުން މި ދެންނެވި ފޯމު ހުށަހަޅައިގެންވެސް މައުލޫމާތު ހޯދާފައިވާނެ އެވެ. އެކަމަކު ރަށު ކައުންސިލްގެ މި ދައުރުގައި މިވީހާ ތަނަށް އަމަލު ކުރަމުން އައި ގޮތަކީ ރައީސް ތޮލާލު އަށް ފޯނުން ދެންނެވުމެވެ. ޖަވާބު ދެއްވައެވެ. ބިޒީނަމަ ފަހުން ގުލާލެއްވުމަށް އެސްއެމްއެސް އަކުން އެދިވަޑައިގަންނަވައެވެ. މަގުމަތިން ދިމާވެގެން ވެސް ބައެއް ކަންކަމާބެހެ މައުލޫމާތުހިއްސާ ކުރެވެއެވެ. އެހެންނަމަވެސް އިއްޔެގެ އެރިޕޯޓަށް ކައުންސިލުގެ ބަހެއް ހޯދުމަށް ފޯނުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ގުޅުމުންވެސް އުސޫލުގެ ތެރެއިން ކަންތައް ކުރެއްވުމަށް ވިދާޅެއް ނުވެއެވެ. އެއީ ކޮން ބޭނުމެއްގައި ކުރިކޯލެއްތޯވެސް އަހައެއް ނުލައްވައެވެ. އެސް އެމްއެސް އަކުން ދެންނެވުމުން ވެސް އުސޫލާ އެއްގޮތަށް ކުރިއަށް ދިއުމަށް ވިދާޅެއް ނުވެއެވެ.

މި ގޮތަށް ހިނގާ ނިމި ދިޔަ ކަމެއްގައި އީވީ އިން ދޮގު ޚަބަރު ފަތުރާ ކަމަށް ސިދާ ވިދާޅުވާން ނުކެރި ނުސިދާކޮށް ތުހުމަތު ކުރެއްވިއިރު ދޮގު ޚަބަރު ފެތުރީ ކާކުކަން ސާފުކޮށް އެބަ އެގެއެވެ.

އެރިޕޯޓް ޝާއިއު ކުރި ފަހުން މިފަދަ އާއްމު “ބަޔާނެއް ” ރައީސް ތޮލާލު ނެރުއްވުމަކީ އީވީ އާމެދު މީހުން ދެކޭ ރަނގަޅު ގޮތުގެ ބަދަލުގައި ނުބައި ތަސައްވަރެއް އުފެއްދުމުގެ ބޭނުމުގައި ކުރެއްވި މުޑުދާރު އަމަލެކެވެ. ދިވެހި ނޫސް ވެރިކަމަށް ކުރި ފުރައްސާރަ އެއްވެސް މެއެވެ.

ހަމައެއާއެކު ރަށެއްގެ ކައުންސިލްގެ ރައީސެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު މިއަށްވުރެ ޒިންމާދާރު ވާން ޖެހޭކަމާއި މިއީ ރައީސެއްގެ އަމަލުތައް ހުންނަން ޖެހޭ ގޮތް ނޫންކަމަށް އީވީ އިން ދެެކެމެެވެ.

ރަށު ކައުންސިލަށް ރައީސަކަށް ތޮލާލު ހޮވާފައިވަނީ ޝަރަފްވެރި މަގާމެއްގެ ގޮތުގައެއް ނޫނެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ދިން ފުރުސަތެއްގެ ގޮތުންނެވެ. މި އުސޫލުން ކައުންސިލުން ކުރާ ކަންކަން ސާފުކުރުމަށް ރައްޔިތުން ގުޅާނެ އެވެ. ގުޅަން ޖެހޭނެވެސް މެއެވެ. އެކަމަށް މީޓިންގ އަކަށް އެދޭކަށް ނުޖެހެއެވެ.

ކަންކަން ހިނގާ ގޮތުގެ ހަގީގަތް އޮޅުވާލައި ނޫސްތައް ބަދުނާމު ކުރުމުގެ ގޮތުން މީޑިއާގެ އާއްމު ޕްލެޓް ފޯމްތަކުގައި މިފަދަ ވާހަކަ ނުދެއްކެވުމަށް ރައީސް ތޮލާލަުގެ އަރިހުން އެދެމެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top