ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ދަރިވަރުންނަށް ބޭއްވި ފުރަތަމަ ކެރިއާ ޑޭއަށް ބޮޑު ތަރުހީބެއް ލިބުނުކަމަށާ ވަރަށް ކާމިޔާބު ކަމަށް އެސެންޓަރުން ބުނެފިއެވެ.
ޓިވެކްގެ އެގްޒެކްޓިވް ޑިރެކްޓަރ މުޙައްމަދު ނަޒީފް ވިދާޅުވީ ކެރިއަރ ޑޭ ވަރަށް ކާމިޔާބުކަމަށާއި ބޮޑެތި ރިސޯޓްތަކާއި ކުންފުނިތަކުން ކެރިއަރ ޑޭގައި ބައިވެރިވިކަމަށެވެ. އަދި ޓިވެކުން ތަމްރީންވާ ދަރިވަރުންގެ ފެންވަރު ކުންފުނިތަކުން ފާހަގަކުރާކަމަށްވެސް ނަޒީފް ވިދާޅުވިއެވެ.
ޓިވެކް ސެންޓަރުގައި އިއްޔެ ބޭއްވި ކެރިއާ ޑޭގެ އެންމެ ބޮޑު މަޤްޞަދަކީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
މި ހަރަކާތުގައި ބައިވެރިވި ރިސޯޓްތަކުން ބުނީ މިއީ ވަރަށް ކާމިޔާބު ކެރިއަރ ޑޭ އެއްކަމަށާއި ކޮންމެ ކުއްޖަކާ ވަކިން އިންޓަރވިއު ކުރިއިރު، އެންމެ ބޮޑަށް ފާހަގަވީ ޓިވެކް ސެންޓަރުން ތަމްރީނުކޮށްފައި ތިބި ކުދިންގެ ރަނގަޅު އަޚްލާގާއި މަސައްކަތުގެ މާހައުލުގައި ލިބިފައިވާ ތަޖުރިބާ ތައް ކަމުގައެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން ރިސޯޓުތަކާ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން އެކުދިންގެ ކިބައިގައި ހުރިކަންވެސް އެފަރާތްތަކުން ފާހަގަކުރިއެވެ.
ޓިވެކް ސެންޓަރުން ހިންގާފައިވާ ޑީސަލާއި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއަރ ކޮންޑިޝަންއާއި ރެފްރިޖަރޭޓަރ މަރާމާތުކުރުމުގެ ކޯސްތަކުގައި 44 ދަރިވަރަކު ބައިވެރިވެ، މި ކުދިންވަނީ ތަމްރީނު ފުރިހަމަކޮށް ރިސޯޓްތަކާއި ކުންފުނިތަކުގައި ޢަމަލީ ތަޖުރިބާ ހޯދާފައެވެ.
ޖުމްލަ 12 އަތޮޅެއްގެ 31 ރަށުން 44 ދަރިވަރުން ތަމްރީނު ވެފައިވާ މި ކުދިންގެ ގްރެޖްއޭޝަން މިމަހުގެ 31 ވަނަ ދުވަހު އޮންނާނެކަމަށް ޓިވެކުން ބުނެއެވެ.