މަޝްހޫރު ކޯޗް އިހްސާން އަބްދުލްޢަނީ (ސާންތި) އާއެކު މާދަމާ އޭދަފުށި ފުޓްބޯޅަ ޓީމްގެ ފަރިތަކުރުންތައް ބާއްވަން ނިންމައި، ޝައުގުވެރިވާ ކުޅުންތެރިންނަށް ކްލަބް އޭދަފުށިން ފުރުސަތު ހުޅުވާލައިފިއެވެ.
ކްލަބް އޭދަފުށިން ބުނީ މާދަމާ ހަވީރު ހަތަރެއްޖަހާއިރު ޕްރެކްޓިސް ފެށިގެންދާނީ އޭދަފުށީ ޓާފް ދަނޑުގައި ކަމަށެވެ. އަދި އޭދަފުށީ ޓީމަށް ކުޅެން ޝައުގުވެރިވާ ހުރިހާ ކުޅުންތެރިން މާދަމާ ހަވީރު ޓާފްދަނޑަށް ހާޒިރުވުމަށްވެސް އެކްލަބުން އެދެއެވެ.
ކްލަބް އޭދަފުށީގެ އިސްއޮފިޝަލަކު އީވީއަށް ވިދާޅުވީ މާދަމާ ފެށޭ ޓީމް ޕްރެކްޓިސްއާއެކު، އޭދަފުށީ ޓީމް ތައްޔާރުވަމުންދާނީ އެފްއޭއެމުން ފެށުމަށް ތައްޔާރުވަމުން އަންނަ ގައުމީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށެވެ. އޭގެފަހުން މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޖަޒީރާ ޗެންޕިއަންޝިޕަށްވެސް އޭދަފުށީ ޓީމުން އަމާޒުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭދަފުށީ ފުޓްބޯޅަ ޓީމް މިއަހަރު ބައްޓަންކޮށް މުބާރާތަށް ނެރެވޭނީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ސާންތީގެ ބެލުމުގެ ދަށުންނެވެ. އޭދަފުށީ ފުޓްބޯޅަ ޓީމް އެންމެ ފަހުން ހޯދި ގައުމީ ރަންމެޑަލް ލިބުނީ 2016 ވަނަ އަހަރު މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެންޕިއަންޝިޕް ކާމިޔާބުކޮށްގެންނެވެ.