ބ.ހިތާދޫ ބަނދަރުގެ ކަނޑުތޮށި ހަލާކުވެ ވެއްޓިފައިވާތީ، މުޅި ބަނދަރަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެ.
ހިތާދޫގެ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އޭދަފުށީ ވޮއިސްއަށް ދިން އިންޓަވިއުއެއްގައި ކައުންސިލް މެންބަރު އަންވަރު މުހައްމަދު ވިދާޅުވީ ބަނދަރުގެ ތޮށި ވެއްޓިފައިވާތާ ފަނަރަވަރަކަށް އަހަރުވެފައިވާއިރު، އެއްގަމު ތޮއްޓަށްވެސް މިހާރު އެކަމުގެ ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށެވެ.
“ކަނޑުތޮށި ނެތީމަ ރާޅު ހޮޅިލާ ސީދާ އަންނަނީ ފަޅުތެރެއަށް. ވަރަށް ބޮޑަށް މަސްވެރިންނަށް ދަތިވަމުންދޭ. ބައެއްފަހަރު ވާޓަރުގައި ޖެހިގެން އޮޑިދޯނި ފަހަރަށް އެބަހުރި ބޮޑެތި ގެއްލުންތައްވެސް ލިބިފަ. އޮޑިވެރިންގެ ޝަކުވާ ވަރަށްބޮޑޭ ދެންނެވޭނީ. އަނެއްކޮޅުން ބަނދަރުގެ އެއްގަމު ތޮށި ދަށުން ވެލި ފައިބަމުން ދާކަންވެސް މިހާރު ފާހަގަކުރެވޭ. ކަނޑުތޮށި ނެތުމުން މުޅިބަނދަރަށްވެސް ގެއްލުންވަމުން” އަންވަރު ވިދާޅުވިއެވެ.

ކައުންސިލް މެމްބަރ އަންވަރު ރައީސް ސޯލިހްއާ ސަލާމް ކުރައްވަނީ. ބަނދަރުގެ މައްސަލަ ރައީސަށް ދެންނެވިކަމަށް ވިދާޅުވި / ފޮޓޯ: ރައީސް އޮފީސް
އަންވަރު ވިދާޅުވީ ހިތާދޫ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލަ ކަމަށާ، އެހެންނަމަވެސް ބަނދަރުގެ މައްސަލަ މިހާރު މާ ބޮޑުވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“އެންމެ ދަތިކަމަކަށް ރައްޔިތުން ފާހަގަ ކުރަނީ ނަރުދަމާ އާ، ފެނުގެ މައްސަލަ . އިރާދަކުރެއްވިއްޔާ އެމަޝްރޫއުތައް މިހާރު މިއޮއް ފެށެނީ. ރައީސުލް ޖުމްހޫރިއްޔާއާއި އަޅުގަނޑުމެން ކައުންސިލުން މިއަހަރު ކުރީކޮޅު ބައްދަލުކުރިން. ރައީސަށް ދެންނެވިން ބަނދަރުގެ ވާހަކަ. ރައީސް ވިދާޅުވި ބައްލަވާނަމޭ. އަދި މިނިސްޓަރ އަސްލަމަށްވެސް ދެންނެވިން. ވިދާޅުވީ ބަލަން ޓީމެއް ފޮނުވާނެކަމަށް. އެކަމަކު އަދި ޓީމެއް ނާދޭ” އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގަތް އަންވަރު ވިދާޅުވިއެވެ.
ސުނާމީ ކާރިސާގައި ހިތާދޫ ބަނދަރު މުޅިން ސުންނާފަތިވެފައި ވާތީ 2010ވަނަ އަހަރު ސަރުކާރުން އެރަށުގެ ބަނދަރުގެ އެއްގަމުތޮށި ވަނީ މަރާމާތު ކޮށްފައެވެ. ނަމަވެސް ކަނޑުތޮށި އަދިވެސް އޮތީ މުޅިން ވެއްޓިފައެވެ. އަންވަރު ވިދާޅުވީ ހިތާދޫ ރައްޔިތުންނަކީ މަސްވެރި ބައެއްކަމަށާ ކަނޑުތޮށި މަރާމާތު ކޮށްދިނުމަށް އެދި ރައްޔިތުން ކައުންސިލުގައި އެދެމުން އަންނަ ކަމަށެވެ.