މިނިވަން ދުވަސްތަ! ހީވެސް ނުވޭ

indini.jpg

މިއަދަކީ ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހެވެ. އެކަމަކު އޭދަފުއްޓަކުން އެކަމެއް ނުފެނެއެވެ. އެހެންދުވަސް ދުވަހާ ތަފާތެއް ނެތެވެ. ސަރުކާރުގެ ބައެއް އޮފީސްތަކުގެ ކުރިމަތީގައި ދިދަ ޖަހާފައި އެބަހުއްޓެވެ. އެވެސް ބައެއް އޮފީސްތަކުގައެވެ. މިއަދަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމާއި ދުވަހުގެ މުހިއްމުކަން މިއަދުގެ ދަރިންނަކަށް އަމަލީ ގޮތުން ކިޔައެއް ނުދެވެއެވެ. އެކަން ދައްކައެއް ނުދެވެއެވެ.

އެކަމަކު މިދުވަސް އަޅުގަނޑުމެންނާ ބައްދަލު ކުރާ އިރު ކަންތައްތަކެއް އެބަ ހަނދާން ކޮށްދެއެވެ. ހަނދާން ކުރަންވެސް ޖެހެއެވެ. މިގައުމު އަޅުވެތި ކަމަށް ދިޔައީ ކީއްވެތޯ އާއި އަޅުވެތިކަމުގައި ހޭދަކުރި ދުވަސްތަކުގައި ދިވެހިން ތަޖްރިބާ ކުރި ހިތްދަތި ދިރިއުޅުމާއި އެއަޅުވެިކަމުން ސަލާމަތް ވުމަށް ކާބަފައިން ކުރެއްވި ޖިހާދުގެ މަތިން ހަނދާން ކުރަން އެންމެ އައުލާ ކަން ބޮޑު ދުވަހަކީ މިއީއެވެ.

ދުރު މާޒީއިން ފެށިގެން ކުރު މާޒީއާ ހަމައަށް ބަލާއިރުވެސް މި ގައުމު އަޅުވެތި ކަމުގެ ހިތި ރަހަ ދެކިފައިވަނީ ގައުމަށްވުރެ އަމިއްލަ އެދުން އިސްކުރި ޚާއިނުންތަކެއްގެ ނުބައި އަމަލުންނެވެ. ޕޯޗްގީޒުންނަށް މި ރާއްޖޭގައި ވަކި ހިއްޕާލުމުގެ ފުރުސަތު ހޯދައިދިނީ ދިވެހިންގެ ބައެކެވެ. ހޮޅިންގެ އަތްދަށަށް ރާއްޖެ ދިޔައީވެސް ދިވެހިންގެ ބައެއް ގައުމަށް ޣައްދާރު ވުމުންނެވެ. އެންމެފަހުން 1988ގެ އުދުވާނީ ހަމަލާގެ ފަހަތުގައި ތިބީވެސް ދިވެހީންގެ ބައެކެވެ. މިނިވަން ދުވަހު މިކަންކަން ހަނދާންކޮށް ގައުމުދެކެ ލޯބި ވުމަށާއި ގައުމަށް ވަފާތެރި ވުމުގެ ވާހަކަ ގިނަގިނައިން ދެކެވެން ޖެހެއެވެ. އެކި ޖަލްސާތަކާއި އެއްވުންތަކާއި ކުޅިވަރު އިވެންޓްތަކުންނެވެ. ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައެވެ. ރަށު ފެންވަރުގައާއި އާއިލީ ގުޅުންތަކުގައެވެ. މިކަން ވަރަށް ފުޅާ ދާއިރާ އެއްގައި ރާއްޖޭގައި އޮތެވެ. އޭރު މިނިވަންދުވަސް ފާހަގަ ކުރީ އަހަރުގައި އަންނަ އެންމެ ބޮޑު ގައުމީ އީދުގެ ގޮތުގައެވެ.

އެކަމަކު މިހާރު މިނިވަންކަމުގެ ކުލަތަކާއި މިނިވަން ކަމުގެ ވާހަކަތަކާއި މިނިވަން ކަމުގެ އުފާ ފާޅު ކުރާ ތަނެއް ނުފެނެއެވެ. އޭދަފުއްޓަށް ބަލާލާއިރު އެންމެ ކުޑަމިނުން ކިޔަވާކުދިންނަށް ދުވަހާ ގުޅޭ މުނާސަބު ޖަލްސާ އެއްވެސް އޮތްތަނެއް ނުފެނެއެވެ. ކުރިން ބާއްވަމުން އަންނަ އަދަބީ މުބާރާތްތަކާއި ހަފްލާތަކުގެ އަސަރުވެސް މުޅިން ނެތިވެ ހިނގައްްޖެއެވެ. ކީއްވެގެން ހެއްޔެވެ. ހަގީގަތުގައި ގައުމީ ގޮތުން އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭ އެންމެ މުހިއްމު މުނާސަބަތަކީ މިއީ ކަމަށް ވާއިރު ސްކޫލްތަކާއި ކައުންސިލްތަކުގެ ދައުރު ކޮބާ ހެއްޔެވެ. ހަމައެކަނި އޮފީސް ކުރިމަތީގައި ހައެއްކަ ދިދަ ޖަހާލުމުން އެކަން ނިމުނީހެއްޔެވެ. އެވަރުވެސް ކޮށްނުލެވޭ މުވައްސަސާތައް މި ކުޑަކުޑަ ރަށުގައިހުރުމަކީ ވަރަށް އައިބު ކަމެކެވެ. ކަންފުޅެއްވެސް ނެތީމާ ކަމަށް ގަބޫލު ކުރެވެއެވެ. ސަރުކާރަށް ކޮށް ކޮށްދޭ ކަމެއް ކަމުގައި ދެކެނީ ކަން ނޭގެއެވެ.

މި ދަރަޖައަށް ގައުމާ މެދު އަޅުގަނޑުމެން އިހުމާލުވުމުން ފެންނަ މަންޒަރު ތަކުން ސިފަވަމުން ސަނީ އަނެއްކާވެސް ތާރީޚު އަނބުރާ އިއާދަވަމުން ދާ ތަނެވެ. ބޭރުގެ އެކި ފަރާތްތަކުން މިއަދުވެސް  ރާއްޖެ އިސްތިއުމާރު ކުރަން ފުރުސަތެއް ލިބޭތޯ ބަލަބަލާ ތިބޭ ކަމީ އެންމެންވެސް ދައްކާ ވާހަކައެކެވެ. އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެފަދަ ފުރުސަތު ތައް އެފަރާތްތަކަށް ފަހި ކޮށްދީފައިވަނީ ދިވެހިންކަން ތާރީޚު ކިޔައިދޭއިރު މިއަދުގެ ބޮޑު މަންޒަރަކީ ރާއްޖެ ބަދުނާމު ކުރުމާއި ރާއްޖެއަށް ކުލީ ސިފައިން އައުމަށް ގޮވާލުމާއި ބޭރު ދުނިޔޭގައި ގައުމު ބަދުނާމުވާފަދަ ވާހަކަތައް ދެއްކުމާއި މިނިވަންކަމަށާއި މުސްތަގިއްލު ކަމަށް ބުރޫ އަރާނެ މާނަ ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ ގައުމުގެ މިނިވަންކަމަށް އޭގެ ސަބަބުން ނުރައްކާވާނެ ކަންކަމެވެ.އަދި އެވާހަކަ ދައްކަމުން ދާ ބަޔަކީ ގައުމުގެ ވެރިކަމަށް އަންނަން މަސައްކަތް ކުރާ ބައެއް ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެެވެ.

ގަބޫލު ކުރެވޭ ގޮތުގައި މިނިވަން ދުވަސް ފާހަގަކުރުން އެއީ މުހިއްމު ކަމެއްކަމުގައި ނުދެކެނީ ގައުމު ދެކެ  ލޯބި ނުވާތީއެވެ. ގައުމީ ލޯބީގެ ބަދަލުގައި މަވެތިކަމުގެ ނުބައި ސިފަ ކުރިއަށް ނެރެވިގެންނެވެ.  ޕާޓީ ލޯބި އިސްކުރެވި ގައުމަކީ އަދި ރައްޔިތުންނަކީ އަސުރުމާ ކުލައާއި ރީދޫ ކުލައިން ބަހާލެވިފައިވާ ބައެއްކަަަށް ދެކޭތީއެވެ.

ގަބޫލު ކުރަމާހިނގާށެވެ. ގައުމެއްގެ މިނިވަންކަމަކީ، އެތައް މަސްދަރުތަކަކާއި ރުކުންތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. އަޅުގަނޑުމެންނަކީ އެއް ދީނެއް އެއް ނަސްލެއް އެއް ސަގާފަތެއްގެ ބަޔަކީމުއެވެ. އަޅުގަނޑުމެންގެ މައިންބަފައިންނާއި އާއިލާ އާއި ގައުމާ މެދު އެއް ހަމައަކުން ލޯބިވަމާ ހިނގާށެެވެ. ލޯބި ދެމާ ހިނގާށެވެ. ގައުމު އަބަދުވެސް ދެމި އޮންނާނެއެވެ. އަޅުގަނޑުމެން ނެތި ހިނގައިދާނެއެވެ. އެހެންވީމާ ކާބަފައިން ގެނެސްދެއްވި އަމާން މިނިވަން ދިވެހި ރާއްޖެ އަމާނާތް ތެރިކަމާއެކު އަންނިވި ޖީލުތަކަށް ރައްދުކޮށްދިނުމަކީ މިއަދުގެ ދަރިން އަދާކުރަންޖެހޭ ވާޖިބެކެވެ.

މިއަދަކީ އަޅުގަނޑުމެން އިބްރަތް ހާސިލް ކުރަންވީ ދުވަހެވެ. ދެބަސްވުންތަކާ ދެކޮޅުވެރިކަމުގެ ބަދަލުގައި ގައުމުގެ މަސްލަހަތު އިސްކުރަންވީ ދުވަހެވެ. ޒާތީ ހަސަދަ އާއި ރުޅިވެރިކަން ހަނދާން ނައްތާލައި އަތާއަތް ޖޯޑުކޮށް ސަލާން ކުރަންވީ ދުވަހެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top