އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ (ކުޑައަލީ މުހައްމަދު)ގެ ފަރާތުން އޭދަފުށި ރައްޔިތުންނަށް ހަދިޔާ ކުރާ މިސްކިތް، ”މަސްޖިދު މުހައްމަދު އަލީ“ ގެ ހުރިހާ މަސައްކަތެއް ނިމި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
”އުއްމީދު މިކުރަނީ މި ރަމަޟާން މަހުގެ 10ވަނަ ދުވަހު މިސްކިތް ހުޅުވޭނެ ކަމަށް. އޭގެ ކުރިން ރަށު ކައުންސިލާ މިސްކިތް ހަވާލު ކުރެވޭތޯ މިބަލަނީ.“ މިސްކިތް ހުޅުވުމާބެހޭ ގޮތުން މުހައްމަދު އަލީގެ ދަރިކަލުން ޔާސީން ރަފީއު ވިދާޅުވި އެވެ.
އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައި ތައްޔާރު ކޮށްފައިވާ މި މިސްކިތަކީ މެދުއިރުމަތީގެ މިސްކިތްތަކާ އެއްގޮތަށް އިސްލާމީ ސަގާފަތު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައވާ ރީތި މިސްކިތެކެވެ.
މަސްޖިދު މުހައްމަދު އަލީ ގެ ބިންގާ އަޅާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހަވީރުއެވެ. ބިންގާ އަޅުއްވައި ދެއްވީ މުހައްމަދު އަލީ އާއި އޭދަފުށީގެ ތައުލީމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ވިލާ ކޮލެޖްގެ ރެކްޓަރ ޑ.އަހުމަދު އަންވަރެވެ.
އަންހެނުން ނަމާދު ކުރާ ބައެއް ހިމެނޭ ގޮތަށް ދެ ބުރިއަށް އިމާރާތް ކުރާ މި މިސްކިތުގައި އެއްފަހަރާ 1200 މީހުން ނަމާދުކުރެވޭނެ ކަމަށް އާއިލާ އިން އޭރު މައުލޫމާތު ދެއްވިއެވެ.
3000 އަށް ވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައި ހުންނަނީ ދެ މިސްކިތެވެ. މި ދެމިސްކިތުގެ އިތުރުން އިތުރު މިސްކިތެއް ހުރުމަކީ އޭދަފުށީ ރައްޔިތުން ވަރަށް ކުރިން ފެށިގެންވެސް ކުރަމުން އައި އުފާވެރި އުއްމީދެކެވެ.
މުހައްމަދު އަލީގެ ފަރާތުން އޭދަފުށީ ރައްޔިތުންނަށް މިފަދަ ރީތި މިސްކިތެއް ހަދިޔާ ކުރައްވާއިރު އޭނާއަކީ އޭދަފުށީގެ އިޖްތިމާއީ ހަޔާތުގެ އުޑުގައި ވަރަށް އަލި ގަދަ ތަރިއެކެވެ. އޭނާގެ އެންމެ ޒުވާން ދައުރު އޭދަފުށީގައި ފުރަތަމަ އުފެދުނު ބސމދ ޖަމިއްޔާ ގައި އޭނާ އަދާކުރި ރައީސް ކަމުގެ ދައުރާއި ބޭނުން ޖެހިފައިވާ މީހުންނަށް އޭނާގެ ފަރާތުން ލިބެމުންދާ މާލީ އަދި މަދަނީ އެހީތެރިކަމަކީ މިހާރުވެސް އޭނާގެ ފަރާތުން ފެންނަ އެންމެ ރީތި ސިފަކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.







