އަންނަ އަހަރު އޮންނަ ޔޫތު މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމް އޭދަފުށި 15 އަހަރުން ދަށުގެ އެލީޓް ޓީމާއި މާޒިޔާ އެކަޑަމީގެ 15 އަހަރުން ދަށުގެ ޓީމާއެކު އިިއްޔެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުން އޭދަފުށި އެލީޓް ޓީމް 0-2 އިން ބަލިވެއްޖެއެވެ.
މި މެޗްގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައި މެޗުގެ 37ވަނަ މިނިޓުގައެވެ. ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 39ވަނަ މިނިޓުގައެވެ.
އެފްއޭއެމް އޭދަފުށީ ފުޓްބޯލް ޑިވެލޮޕްމަންޓް އޮފީހުން ރޭވި މި މެޗަކީ އޭދަފުށީގައި އެފްއޭއެމް އިން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓްގެ ހުނަރުވެރި ކުޅުންތެރިންގެ ފެންވަރު ދައްކާލުމުގެ ގޮތުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ކުޅުނު މެޗެއްކަމަށް، ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ)ބުންޏެވެ.
ނަތީޖާ އާބެހޭ ގޮތުން ވާހަކަ ދައްކަމުން ބައްޓޭ ބުނީ ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެކަމަކު ބަދަލު ކުރަން ޖެހޭ ކަންތައް ތަކެއްވެސް އެބަހުރި ކަމަށެވެ. އަދި މިދިޔަ މަހު 15 އާ ހަމައިން ސްކޫލް ޓެސްޓަށް ކުޅުންތެރިންގެ ޕްރެކްޓިސް މެދު ކަނޑާލާފައިވަނިކޮށް ކުއްލިއަކަށް ކުޅެން ޖެހުނު މި މެޗުގެ ނަތީޖާ އަށްވުރެ ބޮޑަށް ބެލީ ފުރުސަތުގެ ބޭނުން ހިފަން ކަމުގައެވެ.
“އެޓީމަކީ މާލޭގެ ޔޫތު ލީގުގެ ޗެމްޕިއަން ޓީމް. ރާއްޖޭގެ ހުރިހާ ތަނަކުން ހޮވާލައިގެން އެކުލަވާލާފައި އޮތް ޓީމެއް.އަދި އިހަށްދުވަހު އިންޑިއާގައި އޮތް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރި ޓީމްވެސްމެ. އެކަހަލަ ޓީމެއް ގެނައީވެސް އަހަރެމެން ކުޅުންތެރިންގެ ފެންވަރު ބަލާލަން ވެގެން.” ބައްޓޭ ބުންޏެވެ.
ބައްޓޭ އިތުރަށް ބުނީ ޕްރެކްޓިސް ނުކޮށް މެޗެއް ނުކުޅެވޭނެކަމަށާ އެކުޅުންތެރިންނާ އަޅާބަލާއިރު ޖިސްމާނި ގޮތުންވެސް އަހަރެމެންގެ ޓީމު މާބަލިކަށި ކަމަށެވެ. އެކަމަކު މެޗުން އެނގުނީ އަހަރެމެން ޓީމުގެ ކުރިމަގު ވަރަށް ރަނގަޅު.ކަމުގައެވެ.
ބައްޓޭ ބުނީ މިފަދަ މެޗެއް ކުއްލި އަކަށް ބާއްވަން ޖެހުމާއެކު ސްކޫލްގެ ބެލެނިވެރިންގެ ފަރާތުންލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމުގައެވެ.