ވެރިކަމަށް އަހަރެއް، އޭދަފުއްޓަށް ސުމެއް ؟ !

DSCN9950.jpg

ރައީސް ސޯލިހު، އޭދަފުށީގައި --އީވީ ފައިލް ފޮޓޯ

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމަށް 1 އަހަރު ފުރުނީއެވެ. ހަތަރު ޕާޓީއާއެކު އުފެދުނު ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ހަވާލު ކުރީ ރައީސް ޔާމީންއަށް ބޮޑުތަނުން ނޫނެކޭ ބުނެ އަތޮޅު ތެރެއަށް ތަރައްގީގެ އާ ޒަމާނެއް ގެނެސްދޭނެ ކަމުގެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީން ކަމާއެކުގައެވެ.

ފަސް އަހަރު ދުވަހުގެ ދައުރެއްގައި އެއް އަހަރުގެ ނަތީޖާއަކީ، އަދި ކަމެއް ނުވެވުނުކަމަށް ނިންމަން އެކަށީގެންވާ މުއްދަތެއް ނޫނެވެ. އެހެންނަމަވެސް އެއް އަހަރު ދުވަހުގެ މުއްދަތުގައި ނިންމަން ވިދާޅުވެފައިވާ ޕްރޮޖެކްޓެއް ނުވަތަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތައް ނުފެށި ދިއުމަކީ މައްސަލައެކެވެ.

2019ވަނަ އަހަރުގެ ބަޖެޓުގައި އޭދަފުށީގައި ކުރިއަށް ދާނެކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބ.އަތޮޅު ހޮސްޕިޓަލުގައި އިމާރާތެއް އެޅުމާއި އޭދަފުށީގެ މަގު ހެދުމާއި އޭދަފުށީގެ ރަސްމީ ބޯޅަ ދަނޑު ހަދަން ފަށައިގަތުން ހިމަނާފައިވެއެވެ. އެކަމަކު އަހަރު ނިމުމަށް މަހަކާ 12 ދުވަހަށް ވެފައި ވާއިރު މިހާތަނަށް ކުރެވުނު ކަމަކީ، ކުރީ ސަރުކާރުން ފަށައި ނިމުމަކާ ކައިރިވެފައިވާ ނުވަތަ ތާރުއަޅަން ތައްޔާރުވެފައިވާ މަގު ހެދުން ކިރިޔާ ފެށުމެވެ. އެއީވެސް ރައްޔިތުންނަށް ދައްކަންވެގެން ކުޅޭ ޑްރާމާއެއްގެ ގޮތުގައެވެ. އެހެން ނޫންނަމަ އެމްޓީސީސީގެ ސީއީއޯ މިދިޔަ އެޕްރީލްމަހު، މަޖިލިސް ވޯޓާ ދިމާކޮށް އޭދަފުށީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައި 8 މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވާ މި މަސައްކަތް އަދި ކިރިޔާ ފަށަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާވެސް އިންތިޚާބެއް ބޯމަތިވެފައި ވާތީ ހެއްޔެވެ؟

މިހިނގާ ނޮވެމްބަރުގެ ނިޔަލަށް މަގު ހެދުމުގެ މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތު ނުވަތަ 8 މަސް ފުރޭނެ އެވެ. ހަމަގައިމުވެސް މަގު ހަދަން ފަށައިފިއެވެ. ކުރިއަށްދަނީ މަގުތަކުގެ މެދުގައި އިތުރު ހޮޅިއެއް ވަޅުލުމެވެ. ސްޕީޑަށް ބަލާއިރު ވަތަބަޑޭރި މަގުގައި މިހޮޅި ވަޅުލުމުގެ މަސައްކަތް ކުރާތާ 3 ހަފްތާ ވީއިރު އަދި މި މަގު ނުނިމެއެެވެ. މިސްޕީޑުގައި މަސައްކަތް ކުރިއަށް ދާނަމަ އޭދަފުށީގެ 17 މަގުގައި ހަމައެކަނި ހޮޅިވަޅުލުމަށް ހޭދަކުރާނެ މުއްދަތު ވަޒަން ކޮށްލައްވާާށެވެ. މަގު ކޮންނަނީ ހައިމާކްގެ ބަދަލުގައި އުދެލިންނެވެ. އުދެލި ބޭނުން ކުރަނީ ހައިމާކް ބޭނުން ކުރާނަމަ މަގުތަކުގައި ވަޅުލާފައި ހުންނަ ކޭބަލްތަކަށް ގެއްލުން ލިބިދާނެތީކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު ކުރިންވެސް މަގު ކޮނެފައިވަނީ ހައިމާކުންނެވެ. މަގުތަކުގައި ކޭބަލް ހުރިކަން ދަނެގެންނެވެ. މިހާރުވެސް އެކަން އެގޮތަށް ނުކުރެވެންވީ ކީއްވެތޯ ރައްޔިތުން ސުވާލު އުފައްދައެވެ.

2019ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތް އަތޮޅު ހޮސްޕިޓަލަށް އިތުރުކުރެވޭ އާ އިމާރާތުގެ މަސައްކަތް އަދިވެސް އޮތީ ޕެންޑިން ގައެވެ. އަހަރުގެ ބާކީ 43 ދުވަސް އަދި އެބައޮތެވެ. ފެށޭނެ ކަމަށް ބަލަމާ ހިނގާށެވެ. މިދިޔަމަހު ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުންނަމަ މި ނޮވެމްބަރު މަހު އެއިމާރާތުގެ ބިންގާ އަޅާނެއެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 31 ޖުލައިގާ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ މިއަހަރު ހޮސްޕިޓަލުގެ އާއިމާރާތުގެ ބިންގާ އަޅައި އަންނަ އަހަރު އެ ހޮސްޕިޓަލުން ޚިދުމަތް ދެވޭވަރު ވާނެ ކަމުގައެވެ. މި ހޮސްޕިޓަލުގެ ފުރިހަމަ ކަމާއި ލިބޭނެ ޚިދުމަތްތަކުގެ ތަފްސީލުދެއްވަމުން ވިދާޅުވީ،  50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެ ހޮސްޕިޓަލުން ފިޒިޔޮތެރަޕީއާ ޑަޔަލިސިސްގެ ހިދުމަތާ ސްކޭނުގެ ހިދުމަތްތަކާއި ލެބޯޓަރީގެ ޚިދުމަތް ލިބިގެންދާއިރު ޕްރައިވެޓް ރޫމުތައްވެސް ލިބެން ހުންނާނެ ކަމަށެވެ. އެހެން ވިދާޅުވުމުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތާމެދު ޝުކުރުވެރި ވަމުން އަޅުގަނޑުމެން ތިބީ އަތް ޖަހާށެވެ. އަދިވެސް މިތިބީ އެގޮތުގަ އެވެ. ހަމަ އެއާއެކު އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހަތަރު ބުރީގެ ބޮޑު ސިންގާ އިމާރާތެއް އަޅައި ނިމޭއިރު މަސައްކަތުގެ ހަލުވި ސްޕީޑާމެދު ހައިރާންވެ ސަރުކާރުގެ ސިއްހީ ނިޒާމަށް ސާބަސް ދެވުނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވާހަކަ ދެއްކެވީ އެފަދަ މޭރުމަކުންނެވެ. ބ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އާއި އެހެނިހެން ވަސީލަތްތަށް މިއަހަރު ފޯރުކޮށް، އިތުރަށް ތަރައްގީ ކުރާނެ ކަމަށާ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮޑު ޒިންމާއަކަށް ވިޔަސް، ބަޖެޓުގައި ފައިސާ ނެތަސް މިއީ ނުކޮށް ދޫކޮށްލެވޭވަރު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

2014 ވަނަ އަހަރު އޭދަފުށީގައި ހިއްކާފައިވާ ބިމުގައި ފްލެޓް އެޅުމަށް 2018ވަނަ އަހަރު ނިންމާފައި އޮތަސް މި އަހަރުގެ ބަޖެޓުގައި އެ ވާހަކަ ދައްކާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މި އަހަރު ބ.އަތޮޅުގައި ހިންގޭ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ބަޖެޓުގައި އޮތީ ރައީސް ނަޝީދުގެ ސަރުކާރުން ތުޅާދޫގައި ހިއްކާފައިވާ ބިމުގައި 100 ހައުސިންގ ޔުނިޓް އެޅުމެވެ. ތުޅާދޫއަކީ ބ.އަތޮޅުގެ އެމްޑީޕީގެ މައި ހަބު ގެ ގޮތުގައި ބެލެވިފައިވާ އިރު އެރަށުގައި 100 ހައުސިން ޔުނިޓު އެޅުމަށް ނިންމުމަކީ އިއްތިފާގެއް ކަމަށް ދަންނަވާކަށް ނެތީމެވެ.

2019ގެ ބަޖެޓުގައި އޭދަފުށީގައި އިތުރު މަޝްރޫއެއްގެ ގޮތުގައި ހިމަނާފައި އޮތީ އޭދަފުށީގެ ރަސްމީ ބޯޅަ ދަނޑު ހަދަން ފެށުމެވެ. އެކަމަކު އަދި އެމަސައްކަތެއް ނުފަށައެވެ.

ދެން އޮތީ އަންނަ އަހަރަށް ކުރެވޭ އިންތިޒާރެވެ.

މުޅިރާއްޖެއަށް އިގްތިސާދީ ގޮތުން އަންނާނެ އެންމެ ފާގަތި އަހަރުކަމުގައި ބަޖެޓް ދިރާސާ ކުރއްވާ ފަރާތްތަކުން ވާހަކަ ދައްކަމުން ދާއިރު 2020ގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި އޭދަފުއްޓަށް ކަނޑައަޅާފައިވަނީ 43 މިލިޔަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވާ ބ.އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރެވޭ އިމާރާތާއި މިހާރު ހިނގަމުން ދާ ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓާއި އޭދަފުށީގައި އިތުރު ބަނދަރެއް ހެދުމާއި މިހާރުވެސް ހިނގަމުން އަންނަ މަގު ހެދުމުގެ މަޝްރޫއާއި ”ކުޑަކުދިންގެ ހިޔާ” އެއް ގާއިމުކުރުމެވެ.

މި މަޝްރޫއުތަކަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި އާ ކަމަކަށް އޮތީ އޭދަފުށީގައި އިތުރު ބަނދަރެއް ހެދުމާއި ”ކުޑަކުދިންގެ ހިޔާ” އެއް ގާއިމު ކުރުމެވެ. އެހެންނަމަވެސް އޭދަފުށީގައި ކުޑަކުދިންގެ ހިޔާ އެއް ގާއިމު ކުރުމުގެ ވިސްނުމަކީ ކިހިނެއް، ކޮން ގޮތަކުން ވިސްނަވައިގެން ކުރައްވަން ގަސްދު ކުރެއްވި ކަމެއް ކަމާމެދު ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައެވެ. ސަބަބު ތަކެއްވެސް ހުރެގެންނެވެ. އޭދަފުށީގައި ”ކުޑަކުދިންގެ ހިޔާ ” ގެ ނަން ދީފައި ނުވިޔަސް އެފަދަ ތަނެއް އެބަހުއްޓެވެ. މި އިމާރާތް، ރައީސް މައުމޫންގެ ވެރިކަމުގައި ބިންގާ އެޅުމަށް ފަހު މުޅި މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ނިންމާފައެވެ. އޭދަފުށީގެ އުތުރު ފަރާތުގައި ހުންނަ ބއަތޮޅު ފެމެލި އެންޑް ޗިލްރަން ސަވިސް ސެންޓަރާއި  ޖެހިގެން ފެންނަން ދެބުރި އިމާރާތަކީ މިދެންނެވި އިމާރާތެވެ. އެ ތަނުގައި މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބެއެވެ. ހަމައެކަނި އޭނާ ބެލެހެއްޓުމަށް ޑިއުޓީ ބަހައިގެން ރެއާ ދުވާލު ތިން ހަތަރު މުވައްޒަފުން ހަރަކާތްތެރިވަމުން ދާއިރު ސަރުކާރުން އެންމެ ކުއްޖަކަށް މި ކުރާ ބޮޑު ޚަރަދަކީ ވިސްނާލަން ޖެހޭ ކަމެކެވެ.

އާރޯ ތާނާ ހުރި “ކުޑަކުދިންގެ ހިޔާ” އެއް މިހާރުވެސް އެބަހުއްޓެވެ. އެތަނުގެ ބޭނުން އެންމެ ފުރިހަމައަށް ނުކުރެވި އަނެއްކާވެސް އެފަދަ އިމާރާތެއް އެޅުމަށް ބަޖެޓުގައި 1.9 މިލިޔަން ރުފިޔާ ހިމަނާފައިވަނީ ކިއްވެގެން ބާއެވެ؟

ތާރީޚު ހެކިދޭ ގޮތުން ބަޖެޓުގައި މަޝްރޫއު ތަކެއް ހިމެނުމަކީ އަދި އެކަން ހިނގާނެ ކަމުގެ ޔަގީންކަން ލިބުމެއް ނޫނެވެ. ކައިރި މާޒީއާއި ދުރު މާޒީގައިވެސް ކަން ހިނގާފައިވަނީ އެގޮތަށެވެ. މިސާލެއްގެ ގޮތުން ބުނާނަމަ ބ.އަތޮޅު ހޮސްޕިޓަލަށް އާ އިމާރާތެއް އިތުރުކުރާ ވާހަކަ އަކީ ވޭތުވެދިޔަ ހަތް އަހަރުވެސް އަހަމުން އައި އެންމެ ރީތި ވާހަކައެވެ. އެކަން މިހާރުވެސް އޮތީ އަޑުއަހާލަން ރީތި ވާހަކަ އެއްގެ ގޮތުގައެވެ. ބަޖެޓުވެސް ކުރެވި އަމަލީ ސިފައެއް އައިސްފައި ނުވާ ޚިޔާލީ ވާހަކައެއްގެ ގޮތުގައެވެ. އެކަމަކު ކޮންމެ އަހަރަކު އެކަން އެގޮތަށް ހިނގުން ލާޒިމެއް ނޫނެވެ.

ސަރުކާރުގެ އެންމެ މަތީވެރިޔާ އާއި ސިއްހި ވަޒީރުގެ ވާހަކައަށް އިތުބާރު ކުރާ ނަމަ އަންނަ އަހަރު އޭދަފުއްޓަށް އިތުރު ކުރެވޭ ސަރުކާރުގެ އެންމެ އުސްއިމާރާތުގެ ގޮތުގައި، ރައްޔިތުންނަށް އެންމެ ގިނަ ޚިދުމަތް އެންމެ އަވަހަށް ދޭ އިމާރާތުގެ ގޮތުގައި އޭދަފުށީގެ މަލަމަތިން ފެންނާނީ ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތެވެ. އެހެންނަމަވެސް އާސަރުކާރަށް އެއް އަހަރު ފުރިގެންދާ މި 2019 އަހަރު އޭދަފުށީގައި ހިންގުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އެއްވެސް ކަމެއް ނުކޮށްދެވުނު ވާހަކަ ބުނަން ޖެހެނީ ލަދުވެތިކަމާއެކުގައެވެ. ރައީސް ނަޝީދު މާކްސް ދެއްވާ ފޯމިއުލާއަށް ބަލައިގެން މި ސަރުކާރަށް މާކްސް ދޭނަމަ ބުނެވޭނީ ”ސަރުކާރަށް އަހަރެއް، އޭދަފުއްޓަށް ސުމެއް” ކަމުގައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު