ބ. ގޮއިދޫ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަަ، 9 އަހަރުން ނިމުނުއިރު އިންސާފެއް ނުލިބުނު

img_lg_201905181259451558166385.228.jpeg

އަނިޔާ ކުރަން އުޅެނިކޮށް ކުޑަ ކުއްޖަކު ފިލާ އިންތަން ރަންޒު ކޮށްދޭ ފޮޓޯ އެއް / ފޮޓޯ: ސޯޝަލް މީޑިއާ

ބ. ގޮއިދޫ ގުރުއާން މުދައްރިސެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަަ، 9 އަހަރަށް ފަހު ޝަރީއަތް ނިންމާލި އިރު އިންސާފެއް ނުލިބުނު ވާހަކަ އަކީޖިންސީ ގޯނާ ލިބުނު މީހާގެ އިތުރުން އެތައް ބަޔަކުވެސް ދައްކަމުން ގެންދާ ވާހަކައެކެވެ.

މި ކަމުގެ ޝިކާރައަކަށް ވި، މިހާރު އުމުރުން 26 އަހަރުގެ އަންހެން މީހާ ބުނިކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ”މި މައްސަލަ ހުށަހެޅީ 2007 ވަނަ އަހަރު ތެރޭގައި އޭނާގެ އުމުރުން 14 އަހަރުގައެވެ. ކޯޓުގައި އެ މައްސަލަ ބަލަން ފަށާފައިވަނީ 2010 ވަނަ އަހަރުތެރޭގައެވެ. މައްސަލަ ނިންމާ ހުކުމް އިއްވާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.”

ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އަންހެން ކުއްޖާ ވަނީ އޭނާ ކުރިމަތި ލާން ޖެހުނު ކަންކަން “ދަ ޕްރެސް” އަށް ކިޔައިދީފައެވެ. އެނޫހަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ މި ހުރިހާ ދުވަސްވީ އިރު ބަހެއް ނުބުނެ މަޑުން ހުރީ ނަފްސާނީ ގޮތުން އޭނާ ބަލިކަށިވީމައި ކަމަށާ މި ވާހަކަތައް މީގެ ކުރިން މިހާ ޕަބްލިކްކޮށް ނުދައްކާ ކަމަށެވެ. އަދި ބޮޑުބޭބެގެ ޖިންސީ ގޯނާގެ ޝިކާރައަކަށް  އޭނާގެ އިތުރުން އެހެން ކުދިންވެސް އެބަ ތިބި ކަމަށާއި އެންމެންވެސް ހަނު ހުރީއެވެ.

”ދަ ޕްރެސް” ގައި މި ހާދިސާ ހިނގައި ދިޔަގޮތުގެ ތަފްސީލި ލިއުމެއް އަންހެންކުއްޖާގެ ދުލުން ކިޔައިދީފައިވާ ގޮތްކަމަށް ބުނެ ޝާއިއުކޮށްފައިވާ ލިއުމެއް ތިރީގައި އެވަނީއެވެ. މި ލިއުން ގެނެސްދީފައި މިވަނީ އެއްވެސް ބަދަލު ކުރުމެއްނެތި އެ ނޫހުގައި ލިޔެފައިވާ ގޮތަށެވެ.

ގުރުއާން މުދައްރިސްގެ ޝިކާރަކަށް ވީ ގޮތް އޭނާގެ ދުލުން:

އަހަރެންގެ އުމުރުން 6 އަހަރުވީ އިރު އަހަންނަށް ވިސްނައިދެމުން އައީ މުޖުތަމައުގެ މީހުން ކަންކަމާމެދު ވިސްނާނެ ގޮތާއި އެމީހުން ދެކޭނެ ގޮތާމެދުގައެވެ. އޭރު އަހަރެންނަށް ވިސްނިފައި އޮތީ ކަމެއްގެ ހެވާއި ނުބަޔަށް ވުރެ ބަޔަކު ދައްކަފާނެ ވާހަކައަކާ މެދުގައެވެ. އަހަރެން ގަބޫލު ކުރަމުން އައީ މީހުން ރަނގަޅު ކަމެއް ކޮށްފިއްޔާ އެކަން ބަލައިގަންނާނެ ކަމަށާއި ގޯސް ކަމެއް ކޮށްފިއްޔާ އެވާހަކަ “އަޑަށް ބާރުލައި” ދައްކާނެ ކަމަށެވެ.

އަހަރެންގެ މައިންބަފައިން އަހަރެން ބަލާ ބޮޑު ކުރީ ނުހަނު ލޯތްބާ އެކުގައެވެ. މާލީގޮތުން ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް އަހަރެންގެ އެއްވެސް ބޭނުމެއް އުނި ވިޔަކަ ނުދެއެވެ. އަބަދުވެސް އަހަރެންގެ މައިންބަފައިން ބޭނުންވީ އަހަރެންނަށް އެންމެ ރަނގަޅުގޮތް ވުމަށެވެ. ނަމަވެސް މިއަދު އަހަރެންނަށް ހިތާމަކުރަމެވެ. އަހަރެން މިވަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ޕޯސްޓް ޓްރައުމިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) އަހަރެން މިދަނީ ތަހައްމަލު ކުރަމުންނެވެ.

އަހަރެން އަމިއްލަ ނަފްސާ އެތައް ސުވާލެއް ކުރަމެވެ. އަމިއްލަ މީހާއަށް އޮތް އިތުބާރާއި ޔަގީންކަން ފުނޑުފުނޑުވީ ހެއްޔެވެ. އާނއެކެވެ. އެ ޔަގީންކަން ފުނޑުފުނޑު ވީ އެ ހާދިސާ ހިންގަން ފެށި ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އަހަރެން ކުޑައިރު ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައެވެ. އަހަރެންގެ ހަށިގަނޑުގައި ވަކިހިއްޕާލީ ނުދަންނަ ދުރުހިލޭ މީހެއް ނޫނެވެ. އެއީ އަހަރެންގެ މަންމަ ފަރާތު ތިމާގެ މީހެކެވެ. މަންމައާ ދެބޭންގެ ދެދަރި ބޭބެއެކެވެ. އަހަރެން އޭނާ ދުށީ ބޮޑުބޭބެއެއްގެ ގޮތުގައެވެ. ވަރަށް ގާތްކޮށެވެ. މިސްކިތުގެ އިމާމެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދިޔައިރު އޭނާއަކީ ކުޑަކުދިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދޭ މުދައްރިސެއް ވެސް މެއެވެ.

އަހަރެންވެސް އެހެން ކުދިންނާއެކު މިސްކިތަށް ގުރުއާން ކިޔަވަން ބޮޑުބެ ގާތަށް ދިޔައީމެވެ. އަހަރެންގެ ހަޔާތަށް އައި އަނދިރި ދުވަސްތައް ވަށާލީ އެހާ ހިސާބުންނެވެ. އޭރު ދިމާވަމުން ދިޔަ އެއްވެސް ކަމެއް މީހަކާ ހިއްސާ ކުރާކަށް އަހަންނަކަށް ނުކެރުނެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ އަހަރުތައް ބަދަލުވަމުން ދިޔައެވެ.

ކޮންމެ މަހަކުވެސް އޭނާ ޓެސްޓެއް ނެގުމަށް ހުރިހާ ކުދިން މިސްކިތުން ބޭރަށް ފޮނުވާލުމަށް ފަހު ފަހަރަކު ކުއްޖެއް ވައްދާ ފިލާވަޅު ދަސްވެފައި ހުރި ވަރު ބަލާ ހަދައެވެ. މިއިން އެއްވެސް ދުވަހެއްގައި އަހަރެން ލައްވާ ގުރުއާން ދަސްވެފައި ހުރި މިންވަރު ބަލަން ކިޔުއްވި ހަނދާނެއް ނެތެވެ. ނަމަވެސް އަހަރެންނަށް ކުލާހުން އެންމެ މަތީ މާކްސް އައީ ލިބެމުންނެވެ.

ދަސްވެފައި ހުރި ވަރު ބަލާ ދުވަސްތަކުގައި އަހަރެން ލައްވާ ބޮޑުބޭބެ ޓެސްޓު ނަގަމުން އައީ މުޅިން ތަފާތު ގޮތަކަށެވެ. އަހަރެންގެ ހަށިގަނޑުގެ ބޭނުންކޮށްގެނެވެ. އުނގުމަތީގައި ބައިންދައިގެން އަހަރެންގެ ގައިގައި އޭނާ އަތް ކާއްތާ ހަދައެވެ. މި ގޮތަށް އެތައް ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ދެން އޭނާ ކިޔަވައި ދިނުން ބަދަލު ކުރީ ސީދާ އޭނާގެ ގެއަށެވެ. އެހާ ހިސާބުންވެސް މިކަމަކަށް ބަދަލެއް ނާދެއެވެ. ގުރުއާން ކިޔަވައިދިނުމަށް ފަހު ކުދިންތައް ގެއަށް ފޮނުވާލާ އިރު އަބަދުވެސް އެންމެ ފަހުން އެގެއިން ނުކުންނާނީ އަހަންނެވެ. ހުރިހާ ކުދިން ފޮނުވާލުމަށް ފަހު އަހަރެން މަޑުކުރުވައެވެ. އަހަރެންގެ ކުރިމަތީގައި އޭނާ ހަޑިހުތުރު ކަންކަން ކުރެއެވެ.

ބައެއް ދުވަސްތަކުގައި އެހެން ކުދިން ތިބޭއިރު ގުރުއާން ކިޔަވަމުންދާ ވަގުތު އޭނާ އަހަރެންގެ ފަލަމަސްގަނޑުގައިވެސް އަތްލާ ހަދައެވެ. މިކަން އެއްވެސް ކުއްޖަކަށް ނުފެންނަނީ އަހަރެންގެ އުނގުގައި ހަތީމު އޮންނާތީ ކަމަށް އަހަރެން ހީކުރީމެވެ.

އަހަރެންގެ މަންމައަށް މިކަން އެނގުނީ އުމުރުން 13 އަހަރު ފުރުނު ފަހުންނެވެ. އަހަރެން މިއިން އެއްވެސް ކަމެއް ހިނގާ ކަމަކަށްވެސް ނުވަތަ ކަމެއް ގޯސްވެގެން އުޅޭ ކަމަކަށްވެސް މަންމަ ގާތު ނުބުނަމެވެ. އަަހަރެން ގަބޫލު ކުރަމުން އައީ އޭނާ އެއްވެސް ގޯސް ކަމެއް ނުކުރާނެ ކަމަށެވެ. އެއީ ގޯސް ކަމެއް ނޫން ކަމުގައެވެ. އަނެއްބައި ފަހަރަު އަހަންނަށް ވިސްނެމުން ދިޔައީ އޭނާ ގޯސްކަމެއް ކުރިއޭ ބުންޏަސް އަހަރެން ދައްކާ ވާހަކަ އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށެވެ. އަަހަރެން އަމިއްލަ ނަފްސަށް ވިސްނެމުން ދިޔައީ އަހަރެންނަކީ މީހުން ބޭނުން ކުރަން ހުރި މީހެއްގެ ގޮތުގައެވެ.

ބޮޑުބޭބެގެ ޖިންސީ ޝިކާރައަކަށް ވި އަންހެން މީހާ ބުނީ، “ޕްރޫފް” ނެތުމަކީ ބޮޑުބޭބެ އެކަން ނުކުރާކަމަށް ގަބޫލު ކުރެވޭނެ އުޒުރެއް ނޫން ކަމަށެވެ. ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވި ކަމުގައި ވިޔަސް ހަގީގަތަކީ ކޮބައިކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top