ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް މިއަހަރު ފަށައި އަންނަ އަހަރު ޚިދުމަތް ދޭނެ: ރައީސް

image_5vvy075Z2pXKkib.jpg

މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތް މި އަހަރުގެ ތެރޭގައި އަޅައި އަންނަ އަހަރު ޚިދުމަތް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އޭދަފުށީގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ހޮސްޕިޓަލުގެ އާ އިމާރާތާބެހޭ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެހޮސްޕިޓަލުން ފިޒިޔޮތެރަޕީއާއި ޑަޔަލިސިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ސްކޭނުގެ ހިދުމަތްތަކާއި ލެބޯޓަރީގެ ޚިދުމަތް ލިބިގެންދާއިރު ޕްރައިވެޓް ރޫމުތައްވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލުގެ ތާރީޚަށް ބަލާއިރު، އެ ހޮސްޕިޓަލަކީ، މާލޭގައި އޮންނަ މަރުކަޒީ ސަރުކާރުން ކަންކަން ކޮށްދޭނެ ވަގުތަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި، އަމިއްލައަށް ކަންކަން ރާވައިގެން، ސިއްހީ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރި ތަނެއް ކަމަށެވެ.

މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިޒޯޓް ހިންގަނީ، ބ. އަތޮޅުގައި ކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެއަތޮޅުގެ ފަތުރުވެރިކަމަށް ފައިދާ ހުރި ކޮންމެ ކަމަކީ، އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އެގޮތުން ބަލާއިރުވެސް މި ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް ފެންވަރު ރަގަޅުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

“މިހެން ދެންނެވިޔަސް، ސިއްހީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް. އިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުން އަދި ސިއްހީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ލެބޯޓްރީގެ ޚިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައެއް އަދިއެއް ނެތް.” ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ހާލަތަށް ބަލާއިރުވެސް ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް މާލެ ދާ މީހުންނަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެން ޖެހޭކަން ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ނިޒާމުގެ މައި ތަނބު އަލުން ނަގައި ކޮޅަށް ޖަހަން ސަރުކާރުން މިސްރާބު ޖަހާފައިވާކަމަށާ ވަރުގަދަ ޕަބްލިކް ހެލްތު ނިޒާމަކާއެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެއީ ބުރަ އުނދަގޫ މަސައްކަތެއް ކަމުގައިވިޔަސް އެ ހިސާބަށް ރާއްޖޭގެ ސިއްހީ ނިޒާމު ގެންގޮސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި މިއަހަރު ނިމޭއިރު، އަތޮޅުތެރޭގެ ރައްޔިތުން ޚިދުމަތް ހޯދުމަށް މާލެ ދާންޖެހޭ މިންވަރު 50 އިންސައްތަ ދަށްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެންވަރުމަތިކުރުމުގެ ޚާއްސަ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދުގައި ސިޓީ ސްކޭންގެ ޚިދުމަތް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު އަމީނު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top