ބ.އަތޮޅުގެ ބައެއްރަށްރަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު 2:30 އެހާކަށް ހާއިރުއެވެ.
ރައީސް، އޭދަފުއްޓަށް މި ކުރައްވާ ދަތުރުފުޅުގައި ،51 އަހަރު މިހާރު ފުރިފައިވާ ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ އޮންނަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާނީ އެމަނިކުފާނެވެ. މީގެ އިތުރުން ބ.އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ އިތުރުން އޭދަފުށީގެ މުވައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްލެއްވުމަށް ވެސް ދަތުރުފުޅުގެ ޝެޑިއުލްގައި ވަނީ ހިމަނާފައެވެ.
ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިހާރު ވަޑައިގެން އުޅުއްވަނީ ފެހެންދޫގައެވެ. ފެހެންދޫ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ، ދެން ދަތުރުފުޅު ކުރައްވާނީ ފުޅަދޫއަށެވެ. އޭދަފުއްޓަށް ވަޑައިގަންނަވާނީ ފުޅަދޫންނެވެ.
ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކިހާދޫއާއި ދޮންފަނަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ ބ.އަތޮޅު ދަތުރުފުޅު ނިންމަވާފައި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.