ބ. ދަރަވަންދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ރައީސް ޔާމީންގެ ސަރުކާރުން 2017ވަނަ އަހަރު އަތޮޅު ތެރޭގެ 25 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ލިބިފައިވާ މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.
ދަރަވަންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކާ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ހަސަން ވިދާޅުވީ، ދަރަވަންދޫއަކީ އެއަރޕޯޓެއް އޮތް ރަށަކަށްވެފައި، ހަލުވިކަމާއެކު ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުންދާ ރަަށެއްކަމުން މިއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ނިޒާމެއްކަން ކަމަށެވެ. އަދި މިމަސައްކަތް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮަށް ނިންމާ ރައްޔިތުންނަށް ބޭނުންކުރެވޭ ވަރު ވާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބ. ދަރަވަންދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.