ބޮޑުފިނޮޅުގައި ރަހީނު ކޮށްފައިވާ ދިވެހިން ސަލާމަތް ކޮށްފި

big_y9ZaxqPLtVS26AmL1TDAPUXKi.jpeg

ބޮޑުފިނޮޅު ރިސޯޓުގައި ރަހީނު ކޮށްފައިވާ ދިވެހިން ސަލާމަތް ކުރަނީ ---އަވސް ފޮޓޯ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި އިއްޔެއިން ފެށިގެން ހިނގަމުން ދާ ހަމަނުޖެހުންތަކުގައި ރަހީނު ކޮށްފައިވާ 12 ދިވެހިން ސަލާމަތް ކޮށްފިއެވެ. ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާފައިވަނީ އެރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީން ނަށް 6 މަސްދުވަހުގެ މުސާރަ ދީފައިނުވާތީކަމަށް ވެއެވެ.

ރަހީނު ކޮށްފައިވާ ދިވެހިން ސަލާމަތް ކުރުމަށް މާލޭއިން ފުރިހަމަ ތައްޔާރީއާ އެކު ފުލުހުން ގޮސް ބޮޑުފިނޮޅަށް އަރާފައިވަނީ މިއަދު ހެނދުނެވެ. އޭރު ބިދޭސީން ވަނީ އަމާންދީފަ އެވެ.

މީގެކުރިން ރަށަށް އަރަން އުޅުނު ފުލުހުންނަށް ބިދޭސީން ދަގަނޑު ހޮޅި އާއި ގަލުން ހަމަލާދީފައިވެ އެވެ. މި ހަމަނުޖެހުން ފެށުނީ އިއްޔެ ހެނދުނުން ފެށިގެންނެވެ.

ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ބޮޑު ފިނޮޅުގައި ހުރި ވެހިކަލްތަކާއި މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއްދީ މުޅި ރަށް ވަނީ ތަޅާ ސުންނާފަތިކޮށްލާފައެވެ.

މިހާރު ފުލުހުން ދަނީ ބިދޭސީންނާ މަޝްވަރާ ކުރަމުންނެވެ. ބަންގްލަދޭޝް ތަރުޖަމާނެއް މެދުވެރިކޮށް މަޝްވަރާ ކުރަމުން ދަނީ ފަސް ވަރަކަށް ބިދޭސީންނާ އެވެ. އެހެން ބިދޭސީން ރަށު ތެރެއިން ފެންނާކަށް ނެތެވެ.

200 އެއްހާ ބިދޭސީން މަސައްކަތް ކުރާ މި ރިސޯޓުގައި ހަމަނުޖެހުން ހިންގަން ފެށިއިރު ރަށުގައި ތިބީ 15 ދިވެހިންނެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކު ވަނީ މީގެކުރިން ސަލާމަތް ކޮށްފަ އެވެ. އެމީހުން މިވަގުތު ތިބީ ތުޅާދޫގަ އެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސް ކުންފުނީގެ ފަރާތުން ތަރައްގީ ކުރަމުންދާ ރިސޯޓެކެވެ. އެ ރިސޯޓްގެ މަސައްކަތް ކުރަމުން ދަނީ ރިޒް ޕްރައިވެޓް ލިމިޑެޓުންނެވެ. ރިޒް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ މުސާރަތައް ދެމުން ނުދާ ކަމަށެވެ.

އެކަމާ ގުޅިގެން ހަމަނުޖެހުން ހިނގަދާނެތީ އެކަން ސީލް މޯލްޑިވްސް ކުންފުންޏާއި ފުލުހުންގެ ސަމާލު ކަމަށް މީގެކުރިން ގެނެސްފައިވާނެ ކަމަށް ވެސް ރިޒް ކުންފުނިން ބުންޏެވެ.

ރިޒް ކުންފުނިން ބުނި ގޮތުގައި އެ ބިދޭސީންގެ ވަރަށް އަސާސީ ހައްގުތަކުން މަހުރޫމްކޮށް މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވިދާނެ ފަދައިން އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވާފައިވާ ކަމަށެވެ. އެ މުވައްޒަފުން މުސާރަ ދީފައިނުވާއިރު ސީލް މޯލްޑިވްސްގެ މުވައްޒަފުންނަށް މުސާރަ ދެމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top