ނޮވެމްބަރމަހު އޮންނަ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖް 3 ވަނަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބ. ކިހާދޫ ފުޓްބޯޅަ ޓީމުން ރާއްޖޭގެ ކުރީގެމަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗް މޫސާ މަނިކު (ކުޑަމޫސަ) ގެ އިރުޝާދުގެ ދަށުން ޕްރެކްޓިސް ކުރިޔަށް ގެންގޮސްފިއެވެ.
މިދިޔަ ހަފްތާ ކުރިޔަށްގެންދިޔަ މިޕްރެކްޓިސް ސެޝަންތައް ކުރިޔަށްދިޔައީ ކިހާދޫ ފުޓްބޯޅަ ދަނޑުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ކިހާދޫ ކައުންސިލްގެ ރައީސް އަދި ޓީމްގެ ކަންކަން ހިނގުމުގައި އިސްދައުރެއް އަދާކުރާ އަހްމަދު ރަޝީދު އީވީއަށް ވިދާޅުވީ ކުޑަމޫސަގެ ބެލުމުގެ ދަށުން ޓްރޭނިންގް ފެށިއިރު މިވަގުތު ކުރިޔަށްދަނީ ޓާގެޓް ކޮށްފައިވާ ވަކި ޓްރެއިނިންތަކެއްކަމަށެވެ. އަދި ވަރަށް އަވަހަށް ދާއިމީކޮށް ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.
“މީ ހަމަ ޓްރެއިނިންގް ކޭންޕެއް މިދިޔަ ހަފްތާއެއްހާދުވަހު ކުރިޔަށްމިދިޔައީ. އަދި ކުޑަމޫސަ މުޅިން ކޯޗެއްގެ ގޮތުގައި ހަމަޖެހުނީއަކީވެސް ނޫން. އެކަން ހަމަޖެހޭތޯ ބަލަމުން މިދަނީ” އަހްމަދު ވިދާޅުވިއެވެ.
އަހްމަދު ވިދާޅުވީ މިދިޔަ 2 އަހަރާ ހިލާފަށް މިއަހަރު ކިހާދޫ ޓީމުން ތައްޔާރުވަނީ އަތޮޅުގެ ޗެންފިއަންކަން ހޯދުމަށްކަމަށާ، ޓީމަށް ފުރަތަމަ ޑިވިޝަންގެ ފެންވަރު 3 ކުޅުންތެރިންވެސް ގެންނާނެކަމަށެވެ. އަދި ޓީމްގެ ކަންކަން ކުރިޔަށްގެންދިއުމަށް ޒުވާނުންގެ ފަރާތުން މިވަގުތު ބައިލައްކައަށްވުރެ ގިނަރުފިޔާ ލިބިފައިވާކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.
ބ. އަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބަރާތް “ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖް” ގައި މިއަހަރު އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނެކަމުގެ ސިގްނަލް ލިބިފައިވާކަމަށް އިންތިޒާމް ކޮމެޓީން ބުނެއެވެ. މުބާރާތުގައި 2012 ވަނައަހަރު ޗެންޕިއަންކަން ގޮއިދޫ ހޯދިއިރު، މިދިޔަ އަހަރުގެ ޗެންޕިއަންކަން ހޯދީ އޭދަފުށީ ޓީމެވެ.