ސައި ހޮޓަލެއްގެ ތެރޭގައި އަޑުގަދަ ކޮށް ހަޅޭއްލެވުމުން އެކަމަށް އަގު ނަގައިފި

big_lthPbQ51AfyRuFntuKJPYITwh.jpg

ށ.ފުނަދޫ ގުޑް އައިޑިއާ ހޮޓާ - ފޮޓޯ /ފޭސްބުކް

ފަހަކަށް އައިސް އަތޮޅު ތެރޭގެ ސައި ހޮޓާތަކާ ކެފޭ ތަކަކީވެސް ބައެއް ފަހަރު ސިޔާސީ ޖަގަހަ އެއް ބާއޭ ހިތަށް އަރާ ފަހަރު އާދެއެވެ. ކޮފީއަކަށް ނުވަތަ ސައިތައްޓެއް ބޯލުމުގެ ބޭނުމުގައި އެފަދަ ތަނަކަށް ވަންނަ އިރު މަސްރަހު ފެންނަނީ އެގޮތަށެވެ.

ސިޔާސީ ފިކުރު ތަފާތު މީހުން ޒުވާބު ކުރުމާ އަޑުގަދަ ކޮށް ހަޅޭއްލެވުމުގެ ސަބަބުން އެހެން މީހުންނަށް ވާ އުނދަގުލަކަށް ބެލުމެއްނެތި ބައެއްފަހަރު ހޫނު ވެގެން ގޮސް ވެރިފަރާތުން މައިތިރި ކުރަން ޖެހޭ ހިސާބަށް އޮންނަނީ ގޮސްފައެވެ. ހުތުރު ބަހުން ވާހަކަ ނުދެއްކުމާ އަޑުގަދަ ނުކުރެއްވުމަށް އިލްތިމާސް ކުރާ ލިއުމެއް ބައެއް ތަންތަނުގައި ހަރުކޮށްފައިވެސް ހުރެއެވެ. އެކަމަކު އެއީ އެފަދަމީހުން ސަމާލުކަން ދޭކަންތައް ތަކަކަށް ނުވެއެވެ. މިއީ ހައްލެއް ބޭނުން ވެފައިވާ އެކަމަކު ހައްލެއް ނުލިބި ދިގު ލަމުންދާ އިޖްތިމާއީ ބޮޑު މައްސަލައެކެވެ.

ށ. ފުނަދޫގައި ހުންނަ ގުޑް އައިޑިއާ ރެސްޓޯރެންޓުން މިކަމުގެ ހައްލެއް ހޯދައިފިއެވެ. ހަޅޭއްލަވާ އަޑުގަދަ ކޮށް ހަދާނަމަ ސައިގެ ބިލަށް އެކަމުގެ ޖުރުމަނާ އިތުރު ކޮށްލަނީއެވެ. ނުވަތަ އެ ހޮޓަލަށް ވަދެ އަޑުގަދަކުރާ މީހުންގެ ބިލު ކަނޑަނީ ލެވި ހަޅޭކަށްވެސް އަގު ހިމަނާފަ އެވެ.

އެ ހޮޓާ ހިންގަމުން އަންނަ މުހައްމަދު ތަސްނީމް ބުނީ އެގޮތަށް އެކަން ކުރަންޖެހުނީ ނަސޭހަތްދީގެންނާއި އިންޒާރުދީގެންވެސް ހަމައަކަށް ނޭޅުމުން ކަމަށެވެ.

“މި އިންތިހާބަށްފަހު މިކަމެއް ކުރަން ފެށީ. އެކި މީހުން ހޮޓަލަށް ވަދެ ސިޔާސީ ކަންކަމާއި ބަހުސްކޮށް ހޮޓަލަށް އަންނަ އެހެން ކަސްޓަމަރުންނަށް އުނދަގޫވާ ހިސާބަށް ދިޔައީމަ މިކަން ނުކޮށް ނުވީ، ދެ ޕާޓީގެ މީހުން ހޮޓަލަށްވަދެ އެބަ ޒުވާބުކުރޭ. އެހެން ހެދީމަ ހަމަޖެހިލައިގެން ކާން އަންނަ އެހެން މީހުނަށް ކިހާ އުނދަގުލެއް ވާނެ،” ތަސްނީމް ބުންޏެވެ.

ތަސްނީމް ބުނީ ހޮޓަލުގެ ތެރޭގައި އަޑުގަދަ ނުކުރުމަށް އަންގާ އިންޒާރުގެ މެސެޖުތައްވެސް ހޮޓަލުގެ ތެރޭގައި ހަރުކޮށްފައި ހުންނާނެ ކަމަށާ އެކަމަކު އެއަށް އަމަލު ނުކުރުމުން މިހާރު ހަދާ ގޮތަކީ ބިލަށް 20 ރުފިޔާ އިތުރަށް ޗާޖް ކުރަނީއެވެ.

ގުޑް އައިޑިއާ ހޮޓަލުން މިކަން ހައްލުކުރުމަށް އެޅި ފިޔަވަޅު އެހެން ހޮޓާ ތަކުންވެސް ބަލައިގަނެ ހޮޓާތަކުގައި އެހެންމީހުންނަށް އުނދަގޫ ވާގޮތަށް އަޑުގަދަ ކުރާނަމަ އެކަމަށް އަގެއް ނަގައިގެން  މިކަމަށް ހައްލެއް ލިބިދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top