ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ކެންދޫ އާއި ކަމަދޫގެ އިތުރުން ތުޅާދޫއަށް ވަޑައިގެންފިއެވެ.
އެންމެ ގާތުން ކެމްޕޭންގެ ދަށުން ރައްޔިތުންގެ ހާލު ބެއްލެވުމަށް މެޑަމް ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަތީ ކެންދޫއަށެވެ. މިއަދު މެންދުރުގެ ވަގުތެއްގައި ކެންދޫ އަށް އެކަމަނާ ވަޑައިގެންނެވިއިރު ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވަނީ މެޑަމްއަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
މި ދަތުރުފުޅުގައި މެޑަމް ވަނީ ކެންދޫގެ އިސްރައްވެހިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ޒުވާނުންނާއި އަދި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ. ވަކި ވަކިން އޮތް މިބައްދަލުކުރެއްވުން ތަކުގައި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުންވަނީ މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މަތިވެރި ޤައުމީ ޚިދުމަތްތަކަށް އައްސަރިބަހާ ސާބަސް ދަންނަވާފައެވެ.
ކެންދޫއަށް ފަހު ދެން އެކަމަނާ ވަޑައިގަތީ ކަމަދޫއަށެވެ. ކަމަދޫންވެސް އެކަމަނާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކަމަދޫގެ އިސްރައްވެހިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ޒުވާނުންނާއި އަދި ޕީޕީއެމްގެ ސަޕޯޓަރުންނާވެސް މެޑަމް ފާތުން ބައްދަލުކުރެއްވިއެވެ.
މިއަދުގެ ފަހު މަންޒިލެއްގެ ގޮތުގައި މެޑަމް ވަޑައިގެންނެވީ ތުޅާދޫއަށެވެ. ތުޅާދޫއަށް ވަޑައިގެންނެވި އިރުވެސް އެކަމަނާގެ އިސްތިޤުބާލުގައި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ މަރުހަބާއާއި ހެޔޮއެދުންތައް ފާޅުކުރަމުން ދިޔައެވެ. ނަމަވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ރައީސް ޔާމީނުގެ އިސްތިއުފާ އަށް ގޮވާފައެވެ.
މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މެޑަމްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބ.ދަރަވަންދޫއަށާއި ކިހާދޫގެ އިތުރުން ކުޑަރިކިލަށް ވަޑައިގެންފައެވެ. އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމަ އެވެ.