ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުންދާ ބ. ފެހެންދޫ ޓީމް ފުރަތަމަވެސް ވާދަކުރަން ޖެހުނު ވިކްޓަރީ ސްޕޯޓްސް އާއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ފެހެންދުއާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ވިކްޓަރީއަށް އެންމެ ލަނޑެއްވެސް ނުޖެހި ދެޓީމް އެއްވަރު ވެގެންނެވެ.
ފެހެންދޫ މި ލީގުގައި ވާދަކުރަނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި، ޕްރިމިއާ ލީގުން ޖާގަ ހޯދުމުންނެވެ. ވިކްޓަރީއަކީ މާލޭ ލީގުގެ ފަސްވަނައިގައި ނިންމާލި ޓީމެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފެހެންދުއަށް ވުރެ ރަނގަޅަށް ކުޅެ ފެހެންދޫގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއެވެ. ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ސިމޯން ފޮނުވާލި ފުރަތަމަ ހަމަލާ ފެހެންދޫގެ ގޯލާ އަމާޒުވެފައިނުވާ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާނެވެ.
ދެވަނަ ހާފު ވެސް ވިކްޓަރީން ފެށީ ވަރުގަދަ ކުޅުމަކާއެކުއެވެ. އެހެންނަމަވެސް ގަދަފަދަ ވިކްޓަރީ އަށް ފެހެންދޫގެ ގޯލް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ.
ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފ. ނިލަންދޫއެވެ.