ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިން މުހިންމު ޕްރޮޖެކްޓުތަކެއް ހިންގާނެ ކަމަށާއި، އޭގެ ތެރޭގައި ފީފާ އެރީނާ ޕްރޮޖެކްޓާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ހިމެނޭކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި މިވާހަކަ ހިއްސާކުރައްވަމުން ޖިއާނީ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާމެދު އެފްއޭއެމްގެ ރައީސް ޠާރިގާ މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ.
ފީފާގެ އެހީގައި ކުރިންވެސް ރާއްޖޭގައި ވަނީ މިނީ ދަނޑުތަކެއް އަޅާފައެވެ. އެއީ މިހާރު އެފްއޭއެމްގެ އައު އިމާރާތް އަޅާ ބިމުގައެވެ. ނަމަވެސް މިހާރު އެތަން ބޭނުންކުރަނީ ޓޯ ޔާޑެއްގެ ގޮތުގައެވެ.
ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ އެތަކެއް ފަހަރަކު މި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަމަލީ މަސައްކަތް ކުރިއަށްގެންދެވުނީ މާލޭގައި އެޅި ދެ ދަނޑަށް އެކަންޏެވެ. އޭގެފަހުން އެ ޕްރޮޖެކްޓުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފީފާއިން ދޭ ފައިސާއަށް “ވާނުވާ” ނޭނގޭތީ އޭރު މަޑުޖައްސާލި ޕްރޮޖެކްޓުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުތައް ހިމެނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ކުޅުނު ފުޓްބޯޅަ މެޗަކީވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއްކަމަށާއި، މިއީ އުފާވެރި ދަތުރެއްކަމަށް ފާހަގަކުރެއްވިއެވެ.





