ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ.
ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ މައިންބަފައިންނެވެ. ނުވަތަ ތިމާގެ މީހުންނާއި ރަޙުމަތްތެރިންނެވެ. ނުދަންނަ މީހުންގެ ފަރާތުން އަނިޔާ ލިބެނީ ވަރަށް މަދުންނެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެއެވެ. އެކުދިން އެ ވޭނުގައި މުޅި އުމުރު ހޭދަކުރާންޖެހެއެވެ. ކުއްޖާ މުޅިރަށަށް ފަޟީޙަތް ވެއެވެ. މީހުން ދެކޭގޮތް ވަރަށް ތަފާތެވެ. މިކަމުގައި އެ ކުއްޖާފުޅުގެ ކުށަކީ ކޮބައިހެއްޔެވެ؟
ކުދިން މަޅީގައި ޖައްސަނީ ނުހަނު މޮޅަށް ރާވައިގެންނެވެ. އެހާ ގާތް ބަޔަކު ހިންގާ ގުޅުމަކަށް ވާތީ އެތަކެއް ދުވަހު މި ގުޅުން ހިންގާއިރު ވެސް މީހުންނަކަށް ނޭގެއެވެ. ވުމާއެކު ކުދިންގެ ކަންތައްތައް ވަރަށް ގާތުން ބަލަންވާނެއެވެ. އެ ކުދިންނަށް އެފަދަ ޢަމަލެއް މީހަކު ހިންގާ ނަމަ ފާހަގަކުރެވޭ ކަންތައްތަކެއްވެއެވެ. ކުއްޖާގެ އުޅުމުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އެކަހަރިވެ އުޅުމާއި، ދެރަވެފައިހުރުމާއި، ރުޅިގަދަވުމާއި، ހާސްވުމާއި ވަރުބަލިވުން ހިމެނެއެވެ. ގިނަގިނައިން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސާތީ އުޅުމާއި، ތަންމައްޗަށް ކުޑަކަމުދެވުމާއި، ނިދުމުގައި އުނދަގޫވުމާއި، ބިރުވެރި ހުވަފެން ފެނުމަކީ ވެސް ކުދިންގެ ކިބައިން ފެންނަކަންކަމެވެ. ކިރިޔާވެސް ޝައްކުކުރެވޭ ޢަމަލެއް ފެނިއްޖެ ނަމަ އަމިއްލައަށް އެކަން ތަޙްޤީޤް ކުރަންވާނެއެވެ. ފިޔަވަޅު އަޅަންވާނެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދަށުދަރަޖައިގެ ހަޑި މުޑުދާރު ޢަމަލެކެވެ. ޚާއްސަކޮށް ތިމާގެ ދަރިޔާއެކު އެފަދަ ޢަމަލު ހިންގާ މީހުންގެ ވިޔާނުދާކަން އިންތިހާއެވެ. ކުކުޅުހާލަށް ވުރެ ވެސް އެ މީހުން ނިކަމެއްޗެވެ. އެހިނދު އެމީހާ އެ ވަނީ ޝައިޠާނީ ވަބާގައި ޖެހި ހަފުސް ވެފައެވެ.
ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރެއެވެ. ހިތަށް ވެސް ނުގެނެވޭފަދަ ބޮޑެތި ޢަމަލުތައް ހިންގައެވެ. ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެއެވެ. ބުއްދި ފަސްކުރުވައެވެ. އަނގުނުތައް ބިންދައިލައެވެ. ހަންގަނޑު ފިއްސާލައެވެ. ތެކުމާއި، ވިކުމާއި، ކޮށްޕައި ވައްޓައިލުމަކީ ޢާއްމުކޮށް ކުރާ ކަންތަކެވެ.
ކުދިންނަށް ހަޖޫ ކިޔުމާއި، މަލާމާތްކުރުމާއި، ޖެއްސުންކޮށް ނިކަމެތިކޮށްލުމަކީ ބޮޑެތި މީހުންކުރާ ނޭދެވޭ ޢަމަލެކެވެ. މިކަމުގެ ސަބަބުން އެ ކުދިންނަށް ވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. ދިރިއުން މަތީން މުޅީން ފޫހިވެ ދަންޖެހޭ ހިސާބަށް ކަންތައްދެއެވެ.
ކުދިންނަށް އަޅައިލަން ވާ ވަރަށް އަޅައިނުލެވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނުހަނު ގިނައެވެ. ބޭސްފަރުވާ ނުކުރުމުގެ ސަބަބުން ބަލި އިތުރަށް ބޮޑުވެގެން ދެއެވެ. ރަނގަޅު ކާނާ ނުދިނުމުން ކުއްޖާ ހިކި އަނަރޫފަ ވެއެ. ހެދި ބޮޑުވުމުގައި މައްސަލަތަކާ ކުރިމަތި ވެއެވެ. ތަޢުލީމު އުނގެނުމުގެ ފުރުޞަތު ނުދޭތީ ހެޔޮ ނުބައި ވަކިކުރާކަށް ނޭނގެއެވެ.
ކުޑަކުދިން ބޮޑެތި ކުށްތަކުގައި ބައިވެރި ކުރުވައެވެ. އެކަމަށް ހިތްވަރުދީ ހަދައެވެ. ބުރަމަސައްކަތް ކުރުވައެވެ. ރިވެތި އުޅުމެއް ނުދައްކައެވެ. އެހެންކަމުން އެކުދިންގެ ދުނިޔެ އަނދިރިވެގެންދެއެވެ.
ކުޑަކުދިންގެ ކުރިމަގު އުޖާލާކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ވާޖިބު އަދާކުރުމަށް ތައްޔާރު ވީމައެވެ. ކުޑަކުދިންގެ މަޢުސޫމްކަން ވިސްނުނީމައެވެ.
މަސްދަރު: ފަންވަތް ޑޮޓް އިންފޯ