ރައީސްގެ ދަތުރުފުޅާ، އިންވިޓޭޝަންކަޕަށް މާލިއްޔާއިން 50000ރ އަށްވުރެ ބޮޑު އަދަދެއް

101294_e26809bf-d_.jpg

ޑިސެމްބަރމަހު އޭދަފުއްޓަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް ރައީސަށް ހަދިިޔާއެއް ދެއްވަނީ . މިދަތުރަށް ކައުންސިލް އާމްދަނީން ސާޅީސްހާސް ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރަން ވަނީ ނިންމާފައި / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިދިޔަ މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތައްޔާރީތަކާ، ދޮންފަނު އިންވިޓޭޝަންކަޕްގައި ޓީމެއް ބައިވެރިކުރުމަށް އޭދަފުށީ ކައުންސިލްގެ އާމްދަނީ އެކައުންޓުން (ރައްޔިތުންގެ މާލިއްޔާއިން) ބައިލައްކައަށްވުރެ ގިނަރުފިޔާ ހަރަދުކުރަން ނިންމައިފިއެވެ.

އޭދަފުށި ކައުންސިލުން ނެރުނު ކައުންސިލް ޔައުމިއްޔާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތައްޔާރީތަކަށް ހަރަދުކުރުމަށް ކައުންސިލުން ފާސްކޮށްފައިވަނީ -/43400ރ އެވެ. އަދި 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ދޮންފަނު އިންވިޓޭޝަން ކަޕްގައި ބައިވެރިވެ ކުރަންޖެހޭ ހަރަދުތަކަށް ފާސްކޮށްފައިވަނީ -/20000ރ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ފާސްކުރެވުނު މިހަރަދުތަކުގެ ތެރެއިން ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތަކަށް ކުރެވުނު ހަރަދުގެ ޖުމްލަ އަދި ސާފުނުވާކަމަށެވެ. އަދި ބަޖެޓް ފާސްކުރި އަދަދަށްވުރެ ކުރި ހަރަދު މާބޮޑަށްވެސް ކުޑަވާނޭކަމަށް ތޮލާލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސްގެ ދަތުރުގައި ބޮޑު ހަރަދެއް ކުރެވުނީ ތަން ޒީނަތްތެރިކުރުމަށް ގަންނަންޖެހުނު ސާމާނުތަކަށެވެ. އަދި މިތައްޔަރީތަކަށް ކައުންސިލްގެ އިތުރުން ހޯމް މިނިސްޓްރީއާ، އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ބޮޑު އެހީއެއްދެއްވިކަން އޭނާ ފާހަގަކުރިއެވެ.

“ސާޅީސް ތިންހާސް ފަސްކުރީ އަންދާޒާ ކޮށްފައި. އެހެންނަމަވެސް ހޯމް މިނިސްޓްރީއާ، އެހެނިހެން ފަރާތްތަކުން ބޮޑު އެހީއެއް ފަހުން ލިބުނީމާ ހަރަދުތައް ވަރަށްބޮޑަށް ކުޑަކުރެވުނު. ހަރަދުކުރެވުނު އަދަދު އަދި މުޅިން ސާފެއްނުވޭ. ނަމަވެސް ލަފާކުރެވެނީ ފަންސަވީހަކަށް ހާސްރުފިޔާވަރުވާނެކަމަށް”

ރައީސްގެ އޭދަފުށީ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ޑިސެމްބަރމަހު ދޮންފަނުގައި ބޭއްވި ދޮންފަނު އިންވިޓޭޝަންކަޕްގައި ބައިވެރިވި އޭދަފުށީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ހަރަދުތަކަށް ކައުންސިލުން ފާސްކުރީ 20000ރގެ ބަޖެޓެއްނަމަވެސް، ތޮލާލް ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ އެހީއާއެކު ހަރަދުތައް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފަހުން ޓީމަށް ހަރަދުކުރެވުނީ 11257ރ ކަމަށް ތޮލާލް ވިދާޅުވިއެވެ.

“އެމުބާރާތަށް ޖުމްލަ ހަރަދުވި 23 ހާހަށްވުރެ ބޮޑު އަދަދެއް. އެކަމަކު ދެބައިކުޅަ އެއްބައި ހަރަދުތައް ހެޔޮއެދޭ ފަރާތްތަކާ އެކިގޮތްގޮތުން ލިބުނު. އެހެންވީމާ ކައުންސިލުން ހަރަދުވީ އެގާރަހާސް ކޮންމެވެސްވަރެއް. ބާކީ ބައި އާމްދަނީ އެކައުންޓަށް ޖަމާކުރެވޭނެ”

ރައީސް ޔާމީން މިދިޔަ ޑިސެމްބަރމަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ހަރަދަށް މާލިއްޔާއިން 43400ރ ހަރަދުކުރަން ނިންމިއިރު، މިދިޔަ އަހަރު އޭޕްރީލްމަހު ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަތުމުގެ ތައްޔާރީތަކަށްވެސް 110000 ރުފިޔާ ހަރަދުކޮށްފައިވެއެވެ. ނަމަވެސް ފަހުން އެދަތުރުފުޅު ކެންސަލްވީއެވެ. 2014 ވަނައަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް ރައީސް އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތައްޔާރީތަކަށްވެސް 100000 ރުފިޔާ ހަރަދުކުރަން އޭރުގެ ކައުންސިލުން ނިންމިއެވެ.

ފާއިތުވި ދެތިން އަހަރު އޭދަފުށީގެ ފުޓްބޯޅަ ޓީމްގެ ހަރަދުތަކަށްވެސް އޭދަފުށީ ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން 2015، 2016، އަދި 2017 ވަނަ އަހަރު މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރުމަށް ޖުމްލަ ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް އޭރު ކައުންސިލުން ފާސްކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top