ސްކޫލް ސަރަހައްދަށް ވަނުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

DSCN1345.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަތި.

ބ.އަތޮޅު ތައުލީމީ މަރުކަޒު ހުންނަ ސަރަހައްދަށް ވަނުން މަނާ ގަޑިތަކެއް އޭދަފުށީ ކައުންސިލުން ކަނޑައަޅައި އެކަން މިއަދު އިއުލާނު ކޮށްފިއެވެ.

ކައުންސިލުން މި އިއުލާން އާއްމުކުރުމުގެ ކުރިންވެސް ، މި އަަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ފުލުހުން އަންނަނީ ސްކޫލު ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ ސްކޫލު އޮންނަ ދުވަސްތަކުގައި ސެޝަންތައް ފެށޭ ގަޑިއާއި ނިމޭ ގަޑި އަދި އިންޓަވަލް ގަޑީގައި ސްކޫލު ސަރަހައްދުގެ ބައެއް މަގުތަކާއި ގޯޅިތަކަށް ވެހިކަލްތައް ނުވަދެވޭ ގޮތަށް ފުލުހުން ބަންދުކުރަމުން ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ސްކޫލް ކައިރީގައި ތޮއްޖެހުން ކުޑަކުރުމަށް ބެލެނިވެރިންނާއި އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސްކޫލުގެ ސެޝަންތައް ފެށޭ ގަޑިތަކުގައި ސްކޫލް ކައިރީގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވެހިކަލްތައް ޕާކު ނުކުރުމަށެވެ. އެއީ، އޭގެ ސަބަބުން ސްކޫލަށް ވަދެ ނިކުތުމުގައި ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީ އެވެ.

ސްކޫލު ސަރަހައްދު މަގުތައް ބަނދުކުރެވޭ ގަޑިތައް:

ހެނދުނު: 6:30 އިން 7:00 އަށް
ހެނުދުނު 9:15 ން 10:00 އަށް
މެންދުރު: 12:35 ން 12:55
ހަވީރު 3:50 ން 4:35 އަށް

ސްކޫލް ސަރަހައްދުން މި ވަގުތު ތަކުގައި ދުއްވާ އެއްޗެހި ވަނުން މަނާކޮށްފައިވަނީ ސްކޫލުގެ އިރުން ދިލްބަހާރު ހިނގުމާއި މާފަތް މަގާ ގުޅޭ ކަންމައްޗާއި ގަނޑުވަރު މަގާއި ނޮޅިމަގު ގުޅޭ ކަންމަތީގެ އިތުރުން ސްކޫލުގެ ދެކުނުން ރޯޝަނީ މަގާއި ވަތަބަނޑޭރި މަގާއި ގުޅޭ ކަންމަތިން ފެށިގެން ރޯޝަނީ މަގާއި މުއީނުއްދީން މަގާއި ގުޅޭ ކަންމައްޗަށެވެ.

މީގެ ކުރިން ދަރިވަރުން ގޮވައިގެން ދުއްވާ އެއްޗެތީގައި އަންނަ ގިނަ ބެލެނިވެރިން މަޑުކުރަނީ ސްކޫލުގެ ގޭޓު ކުރިމައްޗަށްށެވެ. އެ އާދަ ބަދަލުކުރަން ފުލުހުން ވެސް އިލްތިމާސް ކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top